ސަރުކާރަށް އިތުބާރު ގެއްލިއްޖެ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބޭނެ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބޭނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށާއި ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދޭނެ ކަމަށް ގަބޫލުކުރައްވައި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން އެ ޕާޓީގެ އިސް ބޭފުޅުންނާއި ކެންޑިޑޭޓުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮސްފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓަކު މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވަނީ-- އިންފިނިޓް މޮމެންޓްސް: މުޙައްމަދު މާވީ

އެ ސަރަހައްދުގައި ތިބި މީޑިއާތަކާ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެ ޕާޓީން މަސައްކަތްކުރާނީ ވާދަކުރާ ހުރިހާ ދާއިރާއެއްގެ ގޮނޑި ވެސް ކާމިޔާބުކުރަން ކަމަށެވެ. އެގޮތުން، 2019 ވަނަ އަހަރު ލިބުނު ސުޕަ މެޖޯރިޓީއާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު މެޖޯރިޓީއެއް މި ފަހަރުގެ އިންތިޚާބުގައި ލިބޭނެ ކަމަށް ގަބޫލުކުރައްވައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގެނައި ސަރުކާރާ ދޭތެރޭގައި ރައްޔިތުން ކޮންމެ ސަބަބަކާ ހެދި ނަމަވެސް އެ ދެކުނު އުންމީދާއި އިތުބާރު މި ދެ މަހެއްހައި ދުވަސް ތެރޭގައި ވަނީ ގެއްލިފައި،" ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް އެކޮޅުކޮޅުން ޖައްސަވާފައިވާ ކަމަށެވެ. އަދި، މިއީ ދޮގާއި އޮޅުވައިލުމުގެ ތެރެއިން އުފެދުނު ސަރުކާރެއްކަން ތުހުމަތުކުރައްވައި ފައްޔާޒް ވިދާޅުވީ ދޮގުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަވަމުން އަންނަ ކަމަށެވެ.

އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންނާއި ސަޕޯޓަރުން ފޯމް ހުށަހެޅުމަށް ދަރުބާރުގޭގައި-- އިންފިނިޓް މޮމެންޓްސް: މުޙައްމަދު މާވީ

"އިތުބާރެއް ނެތް. އަނެއްކާ ސަރުކާރުގެ ގާބިލުކަމާ ދޭތެރޭގައި ރައްޔިތުން ވަރަށް ބޮޑަށް ޝައްކު އުފެދިއްޖެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފައްޔާޒް ވަނީ ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ސަރުކާރުގެ މާލީ ހާލަތާ ދޭތެރޭގައި. އަޅުގަނޑުމެން ތިބީއިރުގައި ވެސް ފަސޭހަކޮށް އޮތް ކަމެއް ނޫން އެއީ،" މިދިޔަ ފަސް އަހަރު އިގުތިސާދީ ވަޒީރުކަން ކުރެއްވި ފައްޔާޒް ވިދާޅުވިއެވެ.

ކުރިން 19 ވަނަ މަޖިލީހުގައި ލިބުނު ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް މި އަހަރު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގައި ހޯދޭނެ ކަމަށް އެމްޑީޕީން ބުނިއިރު އެ ފަހަރު އެމްޑީޕީން ވަނީ ސުޕަ މެޖޯރިޓީ ހޯދައިފައެވެ.

އެކަމަކު، އެ ޕާޓީގެ 13 މެންބަރަކު ވަނީ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދައިފައެވެ. އަދި، އޭގެ ފަހުން އެ ޕާޓީގެ އިތުރު މެންބަރުންތަކެއް ވަނީ އާ ސަރުކާރު ހިންގާ ޕީއެންސީއަށް ވެސް ބަދަލުވެފައެވެ. އަދިވެސް މި މަޖިލީހުގެ އެމްޑީޕީގެ 42 މެންބަރުން ތިއްބަވައެވެ.

comment ކޮމެންޓް