ސަރުކާރު މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ކުޑަ ކުރަން ނިންމައިފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު"ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، މިހާރު 25 ރުފިޔާއަށް މަސް ގަތުމުން މިފްކޯގެ ޚަރަދުތައް ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އިކޮނިމިކް ކައުންސިލުން މަހުގެ އަގު ކުޑަކުރަން ނިންމީ ދެ ކަމަކަށް ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، މިފްކޯ ފައިދާވާ ކުންފުންޏަކަށް ނުހެދުނު ކަމުގައި ވީނަމަވެސް މިފްކޯއަށްވާ ގެއްލުން ކުޑަކުރަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިފްކޯ ވެސް މާލީ ގޮތުން ތެދުވަން ޖެހޭ ކަމަށާއި މިފްކޯއަށް ތެދުނުވެވޭ ހާލަތެއް އަތުވެއްޖެ ނަމަ މަސްވެރިންނަށް ވާ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.
"އަދި މިއަދު މަސްވެރިން ވެސް ގަބޫލު ކުރާ ގޮތުގައި 25 ރުފިޔާއަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ސިޔާސީ ބޭނުމަކަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހަމަޖެއްސެވީ،" އޭނާ ވިދާޅުވިއެވެ.
ފަންސަވީސް ރުފިޔާއަސް މަސް ވިއްކައިގެން މިފްކޯގެ ޚަރަދުތައް ދެކޮޅު ނުޖެހޭކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބަލާއިރު، މިފްކޯގެ ޚަރަދުތައް ހިމަނައިގެން މަސްކިލޯއަކުން 11 ރުފިޔާގެ ގެއްލުން ވާކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުމަކީ އަގު ނޫންކަމަށެވެ. މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސް ކިރުމަށް ފަހު ފައިސާ ލިބުމުގައި ހުންނަ ގޮންޖެހުންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅުގައެވެ. އޭގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ 17 ރުފިޔާގެ މަގުންނެވެ.
މިފްކޯއަކީ ވަރަށް ބޮޑަށް ދަރަނި އޮތް ކުންފުންޏެކެވެ. އެގޮތަށް އެކަން ދިމާވަނީ ދުނިޔޭގެ މާކެޓަށް ވުރެން އަގުބޮޑުކޮށް ދިވެހި މަސްވެރިންގެ އަތުން އެކުންފުނިން މަސް ގަންނަން ޖެހޭތީއެވެ.