ސުޕްރީމް ކޯޓަށް މަޖިލީސް ހިންގަންވީ ގޮތް ނޭނގޭނެ: އަސްލަމް

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީސް ހިންގަންވީ ގޮތް އެންގުމުގެ ބާރު ސުޕްރީމް ކޯޓަށް ވެސް ލިބިގެންނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު އިސްތިއުފާ ދީފައިވާ މެންބަރުން ނުގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ނެރުއްވައިފައެވެ.

އެ އަމުރާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ކޯޓުން މަޖިލީހުގެ މައްޗަށް މި އަމުރު ނެރުއްވާފައިވީ ނަމަވެސް އެ މައްސަލައިގައި ހިމެނޭ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފު ގަވާއިދެއްތޯ ކަނޑައަޅާފައިނުވާ ކަމަށެވެ.

https://sun.mv/188459

އެހެންވެ، އެ މައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މެންބަރުންނަށް ވަނީ އެއް ގަޑިއިރުގެ ފުރުސަތެއް ހުޅުވާލައިފައެވެ.

"މި ކޯޓުގެ އަމުރަށް އިހުތިރާމުކުރުމުގެ ގޮތުން މި ވަގުތަށް މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މަޖިލީހުގެ ޖުމުލަ އަދަދަކީ 87 ކަމުގައި ބަލަމުން އަޅުގަނޑު ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވާލަން،" އަސްލަމް ވިދާޅުވިއެވެ.

މެންބަރުންނަށް ފުރުސަތު ހުޅުވައިލުމަށް ފަހު، އެ މަނިކުފާނު ވިދާޅުވީ މަޖިލީސް ހިންގާނެ ގޮތް ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ. އެއީ، ގާނޫނު އަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލިބިދީފައިވާ ބާރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަވްވެޑައިގަންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް: އިދިކޮޅު މެންބަރުން ގެންދަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާން ގޮވައިލަމުން -- ފޮޓޯ/ މަޖިލިސް

"އެހެން އެއްވެސް މުއައްސަސާއަކުން، އެހެން އެއްވެސް ބާރަކުން ރައްޔިތުންގެ މަޖިލީސް ހިންގާނީ މިވެނި ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެކަން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ނިންމަވާ ގޮތެއްގެ މަތިން،" އަސްލަމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކޯޓު އަމުރަށް އިހުތިރާމުކުރުމުގެ ގޮތުން މެންބަރުން ގޮތެއް ކަނޑައަޅުއްވަންދެން މެންބަރުންގެ ޖުމުލަ އަދަދަކީ 87 ކަމުގައި ބައްލަވާނެ ކަމަށެވެ.

އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ ވެސް ސުޕްރީމް ކޯޓުގެ އަމުރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު، މެންބަރުކަމުގައި ދެމިނެތް މެންބަރުންގެ އަދަދު ނުގުނާގޮތަށް ގަވާއިދަށް އިސްލާހު ގެންނަން ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީންނެވެ. އެކަމަކު، އެ އިސްލާހާ އެކު ހަމައެކަނި އިދިކޮޅު މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭނެއެވެ.

އެހެންވެ، އިދިކޮޅު މެންބަރުން ރައީސް ވަކިކުރަން ސޮއިހަމަކުރުމާ އެކު، ގަވާއިދަށް ގެނައި އިސްލާޙަށް އަމަލުކުރުން ހުއްޓައިލަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ބަންޑާރަނައިބުގެ އޮފީހުންނެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ވަނީ އެ ގަވާއިދަށް އަމަލުކުރުން މަޑުޖައްސައިލަން ވަގުތީ އަމުރެއް ނެރުއްވައިފައެވެ. އެކަމަކު، އަސްލަމް ވިދާޅުވީ، އެ އަމުރަށް އަމަލުކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ މެންބަރުން ކަމަށެވެ.

އެ އަމުރާ މެދު ގޮތެއް ކަނޑައެޅުއްވުމަށް އެއް ގަޑިއިރަށް ބަހުސްގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް