ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް އެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް މި ވަގުތަށް އަމަލުނުކުރާން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް މަގާމުން ދުރުކުރާނަމަ، މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. މި ފަހުން، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ އަދަދު ގުނާއިރު އެ ވަގުތެއްގައި ހުސްވެފައިވާ ގޮނޑިތައް ނުގުނާ ޖުމުލަ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގެ ހަތް ގޮނޑި ވަނީ ހުސްވެފައެވެ. އެ މެންބަރުން މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ 20 ވަނަ މަޖިލީސް އިންތިޚާބަށް ކުޑަ މުއްދަތެއް އޮތުމުން އާ މެންބަރުން އިންތިޚާބު ނުކުރާން ނިންމައިފައެވެ. އެހެންވެ، މަޖިލީހުން އެކުލަވައިލި އުސޫލު ބުނާ ގޮތުން މިހާރު މަޖިލީހުގެ ޖުމުލަ ތިއްބަވާނީ 80 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ސަރުކާރުން އެދުނީ މައްސަލަ، ސުޕްރީމް ކޯޓުން ބަލައި ނިމެންދެން އުސޫލަށް އަމަލުކުރުން ހުއްޓުވައިދިނުމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ އެ އުސޫލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފައެވެ.
ވަގުތީ އަމުރެއް ނެރެން ތާއީދުކުރެއްވީ، ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ފަނޑިޔާރުންގެ ރައުޔުގައި ވަނީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި މި މައްސަލައިގައި ވަގުތީ އަމުރު ނެރެދޭންޖެހޭ ކަމަށެވެ.
ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ރައުޔު ނެރުއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. އެ ފަނޑިޔާރުންގެ ރައުޔިގައި ބުނެފައިވަނީ މި ވަގުތު ވަގުތީ އަމުރެއް ނެރެދޭން ނުޖެހޭ ކަމަށެވެ.
އެއީ، މަޖިލީހުން އެ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން މައްސަލަ ހުށަހެޅުމުންނެވެ.
އެމްޑީޕީން ހެދި އުސޫލާ އެކު މަޖިލީހުގައި ތިބި އިދިކޮޅު މެންބަރުންނަށް އެކަނި ވެސް ރައީސް އަޒުލުކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރަން އެއްބަސްވުމަށް ފަހު، އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ސޮއިހަމަކޮށްފައެވެ.
އެކަމަކު، އެ މައްސަލަ މިހާތަނަށް މަޖިލީހަށް ހުށަހަޅައިފައެއް ނުވެއެވެ.