ދެން އިއުލާންކުރާނީ އާ އިންތިޚާބެއް ކަމަށާއި އެ އިންތިޚާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ފީފާ އާއި އޭއެފްސީގެ އެންގުމުގެ މަތިން ކުރިން އިއުލާންކުރި އެފްއޭއެމްގެ އިންތިޚާބު ކެންސަލްކޮށް، ކޮމިޓީތައް އެކުލަވާލުމަށް މިއަދު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައްސާމް ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް ކަމަށެވެ. އަދި އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ވެސް ބައްސާމް ވާހަކަދެއްކެވިއެވެ.
"އަޅުގަނޑު މިވަގުތު މި ވިސްނަނީ އެފްއޭއެމްގެ އިންތިޚާބާ ހަމައަށް ކަންކަން ރަނގަޅު ކޮށްގެން ދެވޭތޯ. މިވަގުތު މި ވިސްނަނީ އެފްއޭއެމްގެ ކަންކަމަށް. އަޅުގަނޑު ކަންކަން ކުރާނެ ގޮތެއް އަދި ނުވިސްނަން،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ފުޓުބޯޅަ ދޫކޮށްލުމަށްފަހު ކުރާނެ ކަމެއް އަދި ނުވިސްނަވާ ކަމަށާއި ފުޓުބޯޅައިން އެއްކޮށް ދުރަށް ވަޑައިގަތުމުގެ ވިސްނުމެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ. އަދި ފެށުނީއްސުރެ އޭނާއަކީ ފުޓުބޯޅައިގެ ތެރޭގައި އުޅެމުންދިޔަ މީހެއްކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ބާއްވަން އިއުލާންކުރި އިންތިޚާބުގައި ބައްސާމް ވާދަކުރައްވަން ނިންމަވައިފައެއް ނުވެއެވެ. ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތުތަކަކާ ކުރިމަތިލާން ޖެހި، އޭރު އޭނާ ނިންމަވާފައިވަނީ އިންތިޚާބުގައި ވާދަނުކުރުމަށެވެ. އެ އިންތިޚާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ އެފްއޭއެމްގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތާރިގު (ޓޮމް) އާއި މިހާރު ވެސް އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މުވާފިޒް ހާޝިމް (މުފާ)އެވެ.
އެފްއޭއެމުން މިއަދު ބޭއްވި ކޮންގްރެސްގައި ވަނީ ހަތަރު ކޮމިޓީއަކަށް މެންބަރުން އިންތިޚާބުކޮށްފައެވެ. އެއީ އިލެކްޓޯރަލް ކޮމިޓީ، އިލެކްޓޯރަލް އެޕީލްސް ކޮމިޓީ، ޑިސިޕްލިނަރީ ކޮމިޓީ އަދި އެޕީލްސް ކޮމިޓީއަށެވެ.