އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މި އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ވިލާއިން ކުރާ އުންމީދު އާކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ވިލާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ފޮރެސްޓުންނެވެ. މި ސީޒަންގައި ޑިފެންސް ވަރުގަދަކަމަށް ފާހަގަ ކުރެވިފައިވި ފޮރެސްޓްގެ ފެށުން ރަނގަޅު ނުވުމުގެ ފައިދާ ވިލާއިން ވަނީ މި މެޗުގައި ވަރަށް ރަނގަޅަށް ނަގާފައެވެ.
މިގޮތުން މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ވިލާއިން ވަނީ ދެ ލަނޑު ޖަހާ މެޗުގައި ހަމަޖެހިލާފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޯގަން ރޮޖާސްއެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓް ފަހުން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ޑޮންޔެލް މާލެން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި މެޗުގެ ފެށުން ފޮރެސްޓަށް މާ ރަނގަޅުވި ނަމަވެސް އެ ޓީމުން ވަނީ މަޑު މަޑުން މެޗުގެ ތެރެއަށް ވަދެ ވިލާއަށް ނުރައްކާކޮށްފައެވެ.
މިގޮތުން ފުރަތަމަ ހާފުގައި އެންތަނީ އެލަންގާ އާއި ކެލުމް ހަޑްސަން އެޑޯއިއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ފުރަތަމަ ހާފުގައި ލިބިގެން ގޮސްފައެވެ. މިމެޗުގައި ފޮރެސްޓުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޮޓާ ސިލްވާއެވެ.
މި މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަވެގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއް ކާމިޔާބު ނުކުރެވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ވިލާ މެޗު ކާމިޔާބު ކޮށްގެން ނިމުމެވެ.
މިކާމިޔާބީ އާއެކު ވިލާ މިހާރުވަނީ ތާވަލްގެ ފަސް ވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން ހަމަކޮށް ތާވަލްގެ ހަތަރު ވަނައިގައި އުޅޭ ޗެލްސީއާ އެއް ޕޮއިންޓަށް ގާތް ކޮށްފައެވެ. އެއީ 51 ޕޮއިންޓާއެކުގައެވެ. ފޮރެސްޓް މި މެޗުން ބަލިވުމާއެކު ވެސް އަދިވެސް 57 ޕޮއިންޓާއެކު އުޅެނީ ތާވަލްގެ ތިންވަނައިގައެވެ.