ސްޕެނިޝް ލަލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ އެފްސީ ބާސެލޯނާ އާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު އެއްވަރުވި ނަމަވެސް ބާސާގެ ލީޑު އިތުރަށް ފުޅާކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ބާސާއިން މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި މިމެޗުގެ ފެށުންވެސް ރަނގަޅުވީ ބާސާގެއެވެ. މިގޮތުން ބާސާއިން ވަނީ މެޗުގެ ހަތްވަނަ މިނެޓުގައި ގަވީ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.
ނަމަވެސް މިލަނޑު ކާމިޔާބު ކުރިތާ 10 މިނެޓް ފަހުން ނެތާން ޖަހައިދިން ލަނޑުން ބެޓިސް ވަނީ މެޗުގެ ނަތީޖާ ހަމަހަަމަ ކޮށްފައެވެ. މިމެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ބާސާއަށް ލިބިގެންދިޔަ ނަމަވެސް އެފުރުސަތު ތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ތާވަލްގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތުގައި ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ފަރުޖައްސާލަން ޖެހުނުކަމެވެ.
މިމެޗު އެއްވަރު ވުމުން ބާސާ މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 67 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ބެޓިސް އުޅެނީ 48 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.
ބާސާއަށް ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިގެންދިޔައީ ތާވަލްގެ ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ވެލެންސިއާ ކާމިޔާބު ކުރުމުންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 15ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައިވަނީ މޮއުކްޓާ ޑިއަހާބީއެވެ.
ނަމަވެސް ރެއާލް އިން ވަނީ މެޗުގެ 50ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބު ކޯށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗުން ވެލެންސިއާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ރެއާލް ސިއްސުވާލީ ހޫގޯ ޑޫރޯއެވެ.
މިމެޗުން ބަލިވުމުން ރެއާލް ދެވަނައިގައި އުޅެނީ 63 ޕޮއިންޓާއެކުއެވެ. އަދި ވެލެންސިއާ އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.
މީގެއިތުރުން މިމުބާރާތުގައި އަލަވޭޒް އާއި ޖިރޯނާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި އަލަވޭޒް އެއް ލަނޑު ސުން ލަނޑުން މޮޅުވިއިރު ސެލްޓަވީގޯ އާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސެލްޓާއެވެ.