އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެ މިފަހަރު ލީގަށް ކުރާ ވާދައިގާ އާސެނަލް އަނެއްކާވެސް ފަހަތަށް ޖެހިލައިފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. އާސެނަލުން މެޗުގެ ބޮޑު ބައި ކޮންޓްރޯލްކޮށް ގިނަ ހަމަލާ އުފެެއްދި މި މެޗުގައި އެވަޓަނުން ވެސް ވަނީ ވަރަށް ރަނގަޅަށް ޑިފެންޑުކޮށް އާސެނަލްގެ ހަމަލާތައް ކާމިޔާބު ވިޔަނުދިނުމަށް ޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފައެވެ.
މިގޮތުން މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓްގައި ދެ ޓީމަށް ވެސް މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑްއެވެ.
މިއީ މި މެޗުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހަމަލާއެވެ. މި މެޗުގެ ފުރަތަމަ ނިމެން ގާތް ވެފައިވަނިކޮށް ޓްރޮސާޑްއަށް ވަނީ އެ ޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.
ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އެވަޓަންގެ ކީޕާ ޖޯޑަން ޕިކްފަޑް ދިފާއު ކުރިއިރު ޑެކްލަން ރައިސް ދެވަނަ ފަހަރަށް އެ ބޯޅަ ގޯލަށް ޖެހުމުންވަނީ މަތަކޮށްފައެވެ. މި މެޗުގައި އެވަޓަނުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުންނެވެ.
އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ މައިލްސް ލުވިސް ސްކެލީ އެވަޓަންގެ ޖެކް ހެރިސަންއަށް ފައުލް ކުރުމުގެ ސަބަބުން ލިބުނު މި ޕެނަލްޓީ އެވަޓަންއަށް ކާމިޔާބު ކޮށްދީފައިވަނީ އިލިމާން އެންޑިއާޔޭއެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ މެޗަށް ފަހު ހާމަކުރިގޮތުގައި އޭނާ އެ ހާދިސާ 15 ފަހަރަށް ބަލައިފި ކަމަށާއި ނަމަވެސް އެއީ ޕެނަލްޓީއަކަށް ވާންޖެހޭ އެއްވެސް ސަބަބެއް އޭނާއަށް ނުފެންނަ ކަމަށެވެ.
މި ފައުލާ ގުޅިގެން ރެފްރީ ވަގުތުން ޕެނަލްޓީއެއް ދިން އިރު ވިއޭއާރުން ބެލުމަށްފަހު ވެސް ވަނީ ރެފްރީގެ ނިންމުމަށް ތާއީދު ކޮށްފައެވެ.
މި މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި މި މެޗު އެއްވަރުވުމުން އާސެނަލުން ލީގު ކާމިޔާބު ކުރުމަށް އޮތް ކުޑަ އުންމީދު ވެސް މިހާރު މި ވަނީ އިތުރަށް ފަނޑުވެގެން ގޮސްފައެވެ.
އާސެނަލް މިހާރު އުޅެނީ 31 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މި ނަތީޖާގެ ސަބަބުން ތާވަލްގެ އެއްވަނައިައި އުޅޭ ލިވަޕޫލްއަށް ލީގު ކާމިޔާބު ކުރުމަށްޓަކައި ބާކީ އޮތް އަށް މެޗުން މިހާރު ބޭނުންވަނީ 11 ޕޮއިންޓެވެ.
އަދި މި މެޗުން އެއްވަރުވުމުން އެވަޓަން އުޅެނީ 35 ޕޮއިންޓާއެކު ތަވަލްގެ 14 ވަނައިގައެވެ.