ޖާބިރާއެކު، އޭނާގެ ދަރިފުޅު މުއާޒަށް ވެސް މަޖިލިސް ޓިކެޓު ލިބިއްޖެ

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިފުޅު އަހްމަދު މުއާޒު --

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު، މި ފަހަރު ވެސް ކަށަވަރުކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިފުޅު އަހްމަދު މުއާޒަށް ވެސް އެ ޕާޓީގެ ޓިކެޓު ކާމިޔާބުވެއްޖެއެވެ.

މުއާޒު ވާދަކުރެއްވީ އދ. މަހިބަދޫ ދާއިރާއަށެވެ. އޭނާ އެ ޓިކެޓު ކާމިޔާބުކުރެއްވީ އިތުރު ތިން ކެންޑިޑޭޓަކާ ވާދަކޮށްގެންނެވެ.

ޖާބިރު މި ފަަހަރު ވެސް ޓިކެޓު ހޯއްދެވީ ކާށިދޫ ދާއިރާއަށް ވާދަކުރުމަށެވެ.

މި ދެބަފައިންގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވެސް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމު މަޖިލީހަށް ވާދަކުރައްވާއިރު، އޭނާގެ ދަރިފުޅު މުލަކު ދާއިރާއަށް ވާދަކުރައްވާނެއެވެ.

މިއަދު އޮތް އެމްޑީޕީގެ ޕްރައިމަރީގައި މިހާރު ވެސް މެމްބަރުކަން ކުރައްވަމުން އަންނަ ގިނަ ބޭފުޅުންތަކަކަށް ޓިކެޓު ވަނީ ލިބިފައެވެ.

އެމްޑީޕީގެ ޓިކެޓު ކާމިޔާބުކުރެވުނު މިހާރުގެ ބައެއް މެމްބަރުން:

  • ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެއް)
  • ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް
  • ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގް
  • ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
  • އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • ނާޝިޒަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރެއްވުނުއިރު، އޭނާގެ

އަނބިކަނބަލުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ފޭދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވައިގެންވީ ނާކާމިޔާބެވެ.

މިއަދު އެމްޑީޕީގެ ޕްރައިމަރީ ބޭއްވީ 40 ދާއިރާއަކުންނެވެ. ދާއިރާތަކުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 25،325އަށް އަރައެވެ.

މި ޕްރައިމަރީއަށް 95 ރަށެއްގައި ވޯޓު ފޮށި ބެހެއްޓިއެވެ. އަދި މާލޭ ސަރަހައްދުގައި ގައި 27 ފޮށި ބެހެއްޓިއެވެ.

ޕްރައިމަރީގެ ކުރިން، އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާކަން އެ ޕާޓީންވަނީ ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ 36 މެންބަރެއްގެ އިއުލާންކޮށް ފަހުން 10 މެންބަރެއްގެ ނަން އިއުލާންކޮށްފައިވެއެވެ.

comment ކޮމެންޓް