އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިމަހުގެ 8ގައި

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ޖަލްސާ މިމަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެފްއޭއެމުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 9:00ގައި އޮންލައިންކޮށެވެ.

އެ ޖަލްސާއަކީ އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން އިލެކްޓޯރަލް ކޯޑުގައި ބަޔާންކޮށްފައިވާ ކޮމިޓީތައް އިންތިޚާބުކުރުމަށާއި އައްޔަންކުރުމަށް ހިންގާ ކޮމިޓީން ނިންމައިގެން ބާއްވާ ޖަލްސާއެއް ކަމަށް އެފްއޭއެމްގެ އިއުލާންގައި ވަނީ ބުނެފައެވެ.

އެޖެންޑާގައި ކޮމިޓީތަކެއް އިންތިޚާބުކުރުމަށް ނިންމާފައިވަނީ ކޮންގްރެސްއިން ފާސްކޮށްގެންނެވެ. އެގޮތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ޑިސިޕްލިނަރީ ކޮމިޓީ އާއި އެޕީލްސް ކޮމިޓީ އާއި އިލެކްޓޯރަލް ކޮމިޓީ އަދި އިލެކްޓޯރަލް އެޕީލްސް ކޮމިޓީއެވެ. އެއީ ފީފާ އާއި އޭއެފްސީން ވެސް ކޮންގްރެސްއަކުން އިންތިޚާބުކުރަން އަންގާފައިވާ ކޮމިޓީތަކެވެ.

މީގެ ކުރިން އެފްއޭއެމްގެ އިންތިޅާބު އިއްޔެ ބާއްވަން ނިންމާފައިވީ ނަމަވެސް، ފީފާ އާއި އޭއެފްސީން އެ އިންތިޚާބުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އެންގުމުން އެފްއޭއެމުން ވަނީ އެކަން ހުއްޓާލައިފައެވެ. ފީފާ އާއި އޭއެފްސީން އަންގާފައިވަނީ ކޮންގްރެސްއެއް ބާއްވައި، ކޮމިޓީތައް އިންތިޚާބުކުރުމަށްފަހު ހިންގާ ކޮމިޓީގެ އިންތިޚާބުގެ ކަންކަން އާ ފެށުމަކުން އަލުން ކުރިއަށްގެންދިއުމަށެވެ.

މީގެ ކުރިން ބާއްވަން މަސައްކަތްކުރި އިންތިޚާބު ކުރިއަށްގެންދިއުމަށް މައްސަލަތަކެއް ކުރިމަތިވީ، ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ކްލަބު ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވުމުންނެވެ. އެ ސިޓީތައް ބާތިލުކުރުމުން، ރައީސް ކަމަށް ވާދަކުރައްވާ އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތާރިގު (ޓޮމް)ގެ ކެންޑިޑަސީ ވެސް ބާތިލުވިއެވެ.

އެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރަން ޓޮމްގެ އިތުރުން ފޯމު ހުށަހެޅުއްވީ މިހާރު ވެސް އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުފާވިޒް ހާޝިމް (މުފާ) އެވެ.

comment ކޮމެންޓް