އެމްޑީޕީގެ ފަސް މެންބަރަކު ވިޕާ ޚިލާފު، ޕާޓީއަށް މައްސަލައެއް އުޅޭ ކަމަށް ފާހަގައެއް ނުވޭ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ޕާޓީގެ ފަސް މެންބަރަކު ވަނީ މިއަދު ވިޕާ ޚިލާފަށް ވޯޓު ދީފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި މެންބަރުންތަކެއް ޕާޓީގެ ވިޕާ ޚިލާފުވި ނަމަވެސް، މެންބަރުންގެ މެދުގައި މާ ބޮޑު މައްސަލައެއް އުޅޭ ކަމަށް ފާހަގަނުކުރެވޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ)އިން ނިންމާފައި އޮތީ ހަތަރު ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށެވެ.

އެ ވިޕާ ޚިލާފަށް އެމްޑީޕީގެ ފަސް މެންބަރަކު ވޯޓު ދެއްވިއެވެ. އެއީ:

  • އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު: ސައީދާއި ޝަހީމަށް ރުހުންދޭން
  • ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު: ސައީދާއި ޝަހީމަށް ރުހުން ދޭން
  • ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް: ސައީދާއި ޝަހީމަށް ރުހުންދޭން
  • ފުވައްމުލަކު ދެކުނު މުޙައްމަދު މުމްތާޒު: ސައީދާއި އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ދޭން
  • މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ: ޝަހީމަށް ރުހުން ދޭން

އެ މައްސަލައާ އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު, ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބުރޭ) ވިދާޅުވީ، ބައެއް މެންބަރުންނަށް އޮޅިގެން ވެސް ގޯސްކޮށް ވޯޓު ދެވިފައި ހުރި ކަމަށާއި, ޕާޓީ ތެރޭގައި މައްސަލަ ޖެހި، އެއްވެސް މެންބަރަކު ކަންބޮޑުވުން ފާޅުކުރައްވާފައި ނުވާ ކަމަށެވެ.

ނަމަވެސް އެ މެންބަރުން ގަސްތުގައި ވިޕާ ޚިލާފުވެފައިވާ ނަމަ މައްސަލަ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގަސްތުގައި ދީފަ ހުރިއްޔާ އަޅުގަނޑުމެއް އެކަންތައް ބަލާނަން... މައްސަލައެއް ފާހަގަކުރެއްވިއްޖެއްޔާ އަޅުގަނޑުމެން ސުލޫކީ މައްސަލަތައް ބަލާ ގޮތަށް މައްސަލަ ބަލައި ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވިއެވެ.

އޮޅިގެން ވިޕާ ޚިލާފަށް ވޯޓު ދެވުނީ ކޮން މެންބަރުންނެއް ކަމެއް ޝަރީފް ވިދާޅެއްނުވެއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ.

އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދޭން ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވޯޓު ދިނީ އުޝާމަށް ރުހުން ނުދިނުމަށެވެ.

ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ތިން ވަޒީރުން ވެސް މިރޭ އަލުން މަގާމަށް އައްޔަންކުރައްވައިފައެވެ. އަދި އެ ތިން ބޭފުޅުން ވަނީ މަގާމުގެ ހުވާ ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް