ހައުސިން މިނިސްޓަރު ހައިދަރަށް ވެސް ރުހުމެއް ނުދިން

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އިންފިނިޓް މޫމަންޓްސް / މުޙައްމަދު ޝާތިއު އަބްދުﷲ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ހަމަނުޖެހުންތަކާ ހެދި އިއްޔެއިން ފެށިގެން ނުނެގި އޮވެފައި މިއަދު މެންދުރުފަހު ވަނީ ވަޒީރުންނަށް ރުހުންދޭން ވޯޓަށް އަހައިފައެވެ.

އެ ވޯޓުގައި 46 މެންބަރުން ވަނީ ހައިދަރަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ. އެހެންވެ، ވޯޓަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ހައިދަރަށް ރުހުން ނުދޭން ނިންމައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުންނުދޭން މަޖިލީހުގައި 43 މެންބަރުން ތިއްބަވާ އެމްޑީޕީންނާއި 13 މެންބަރުން ތިއްބަވާ ޑިމޮކްރެޓްސްއިން ވަނީ ނިންމައިފައެވެ. އެކަމަކު، އެ ދެ ޕާޓީގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވަނީ ހައިދަރަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދީފައެވެ.

އޭނާއާ މެދު ނުތަނަވަސްކަން ބޮޑުވެފައިވަނީ މާލޭ މީހުންނަށް ކުރީ ސަރުކާރުން ދޫކުރި ގޯތިތަކާ ގުޅޭ ގޮތުން ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅިގެންނެވެ.

ހައިދަރުގެ އިތުރުން ވެސް އިތުރު ދެ ވަޒީރަކަށް ރުހުން ނުދޭން ވަނީ ފާސްކޮށްފައެވެ. އެއީ:

  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އެ ތިން ވަޒީރުން ފިޔަވާ ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުންނުދޭން ވިޕެއް ނެރުމާއެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައިފައެވެ. އެކަމަކު، ޖަލްސާއަށް ހުރަސްއަޅާނަމަ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ރުހުންނުދޭނެ ކަމަށް ބުނުމުން، ފަހުން ވަނީ ވޯޓަށް އެހުމުގެ ފުރުސަތު ދީފައެވެ.

މީގެ އިތުރުން، މިހާރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 23 މެންބަރުންގެ ސޮޔާއެކު އިއްޔެ ޕީޕީއެމް/ޕީއެންސީން ވަނީ ހުށަހަޅައިފައެވެ. އަދި، މިއަދު އިދިކޮޅު އެމްޑީޕީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން ސޮއިހަމަކޮށްފައެވެ.

comment ކޮމެންޓް