ސަރުކާރުން އުޅެނީ ފައިސާ ދީފައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގަންނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް މިރޭ ތުހުމަތުކުރައްވައިފިއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި އޭނާ ވަނީ ސަރުކާރަށް ގިނަ ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު، ނާޒިލް ވަނީ ސަރުކާރުން އުޅެނީ އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިޚާބު ފައިސާ ދީފައި ގަންނަން ކަމަށް ތުހުމަތުކުރައްވާފައެވެ. އެހެންވެ، އެ ކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ރީއްޗަށް އަޅުގަނޑުމެންނާ ހިސާބަށް އެބަ އަޑުއިވެމުންދޭ ފައިސާ ދީފައި ކައުންސިލް އިންތިޚާބު ގަންނާނެ ވާހަކަ،" އޭނާ ތުހުމަތުކުރެއްވިއެވެ.
އެކަމަކު، އޭރުން ރައްޔިތުންގެ ކަންކަން ކޮށްދޭނެ މަންދޫބުން ނުލިބޭނެ ކަމަށާއި ލިބޭނީ ވިޔަފާރި އުސޫލުން ކަންކަން ކޮށްދޭނެ ބެފުޅުން ކަމަށް ނާޒިލް ވިދާޅުވިއެވެ.
"ރައްޔިތުން މި ކަމާ ގޮތް ނިންމާނީ،" އޭނާ އެ ވާހަކަ ނިންމަވާލެއްވިއެވެ.

އެމްޑީޕީގެ ޖަލްސާ ތެރެއިން: ނާޒިލް ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވާފައި -- ފޮޓޯ/ އެމްޑީޕީ
އޭގެ ކުރިން އޭނާ ވަނީ މި ސަރުކާރުން ބޮޑެތި އަދަދުތަކުން ވައްކަން ކުރަމުން އަންނަ ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން، ރޯމާދުވާލު ރައްޔިތުންގެ ފައިސާއިން ކުރަނީ ވައްކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ އެކި ކަންކޮޅުތައް ހިއްކަނީ ކީއްކުރަންތޯ؟ ވެލިއަޅަނީ ކީއްކުރަންތޯ؟ ކޮންމެ އަކަމީޓަރަކުން ނޫނިއްޔާ ކިއުބިކް މީޓަރަކުން އެ ބޭފުޅުން/ސަރުކާރުން ކިހާ ވަރެއްތޯ ވަގަށް ނަގަނީ؟ ރައްޔިތުންނަށް އެބަޖެހޭ ސާފުވާން،" އޭނާ ތުހުމަތުކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ، ކިއުބިކް މީޓަރެއްގެ އަގަކީ މިހާރު ނުވަ ރުފިޔާއާއި އަށް ރުފިޔާއާ ދެމެދު ކަމަށެވެ. އެކަމަކު، ހަގީގީ އަގަކީ ހަތަރު ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އިންތިޚާބު ގަންނަން އުޅޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއިރު، ފައިސާއަށް ވޯޓު ވިއްކާ ކަމުގެ ތުހުމަތު އަބަދު ވެސް ކުރެއެވެ. އެކަމަކު، އެ ފަދަ މައްސަލަތައް ނުއެއް ބެލެއެވެ. އެކިއެކި އިންތިޚާބުތަކުގައި ފައިސާ ނަގައިގެން ވޯޓު ދިނުމަކީ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ.