އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުންނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ހަމަނުޖެހުންތަކާ ހެދި އިއްޔެއިން ފެށިގެން ނުނެގި އޮވެފައި މިއަދު މެންދުރުފަހު ވަނީ ވަޒީރުންނަށް ރުހުންދޭން ވޯޓަށް އަހައިފައެވެ.
އެ ވޯޓުގައި 31 މެންބަރުން ވަނީ ޝަހީމަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ. އަށް މެންބަރުން ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދީފައެވެ.
އެހެންވެ، ވޯޓަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ޝަހީމަށް ރުހުން ނުދޭން ނިންމައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިސްލާމިކް މިނިސްޓަރު ޝަހީމަށް ރުހުންނުދޭން މަޖިލީހުގައި 43 މެންބަރުން ތިއްބަވާ އެމްޑީޕީންނާއި 13 މެންބަރުން ތިއްބަވާ ޑިމޮކްރެޓްސްއިން ވަނީ ނިންމައިފައެވެ. އެކަމަކު، އެ ދެ ޕާޓީގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވަނީ ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދީފައެވެ.
ޝަހީމްގެ އިތުރުން ވެސް އިތުރު ދެ ވަޒީރަކަށް ރުހުން ނުދޭން ވަނީ ފާސްކޮށްފައެވެ. އެއީ،
- ބަންޑާރަނައިބު އަހުމަދު އުޝާމް
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
އެ ތިން ވަޒީރުން ފިޔަވާ ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުންނުދޭން ވިޕެއް ނެރުމާއެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައިފައެވެ. އެކަމަކު، ޖަލްސާއަށް ހުރަސްއަޅާނަމަ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ރުހުންނުދޭނެ ކަމަށް ބުނުމުން، ފަހުން ވަނީ ވޯޓަށް އެހުމުގެ ފުރުސަތު ދީފައެވެ.
މީގެ އިތުރުން، މިހާރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 23 މެންބަރުންގެ ސޮޔާއެކު އިއްޔެ ޕީޕީއެމް/ޕީއެންސީން ވަނީ ހުށަހަޅައިފައެވެ. އަދި، މިއަދު އިދިކޮޅު އެމްޑީޕީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން ސޮއިހަމަކޮށްފައެވެ.