ބަންޑާރަނައިބަށް ރުހުން ނުދޭން ފާސްކޮށްފި

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް -- ފޮޓޯ/ މަޖިލިސް

ބަންޑާރަނައިބު އަހުމަދު އުޝާމަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ހަމަނުޖެހުންތަކާ ހެދި އިއްޔެއިން ފެށިގެން ނުނެގި އޮވެފައި މިއަދު މެންދުރުފަހު ވަނީ ވަޒީރުންނަށް ރުހުންދޭން ވޯޓަށް އަހައިފައެވެ.

އެ ވޯޓުގައި ޖުމުލަ ބަންޑާރަނައިބު ކަމަށް އުޝާމް އައްޔަންކުރަން ރުހުންދޭން ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވަނީ އުޝާމަށް ރުހުން ނުދޭން ވޯޓު ދީފައެވެ. އެހެންވެ، ކުރިން ވިލިމާލޭ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އުޝާމަށް ރުހުމެއް ނުލިބުނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުގައި 43 މެންބަރުން ތިއްބަވާ އެމްޑީޕީން އޮތީ ބަންޑާރަނައިބު އުޝާމަށް ރުހުންނުދޭން ނިންމައިފައެވެ.

މިއަދު އުޝާމްގެ އިތުރުން، އިތުރު ދެ ވަޒީރަކަށް ވެސް ރުހުން ނުލިބުނެވެ. އެއީ:

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

އެ ތިން ވަޒީރުން ފިޔަވާ ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުންނުދޭން ވިޕެއް ނެރުމާއެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައިފައެވެ. އެކަމަކު، ޖަލްސާއަށް ހުރަސްއަޅާނަމަ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ރުހުންނުދޭނެ ކަމަށް ބުނުމުން، ފަހުން ވަނީ ވޯޓަށް އެހުމުގެ ފުރުސަތު ދީފައެވެ.

މީގެ އިތުރުން، މިހާރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 23 މެންބަރުންގެ ސޮޔާއެކު އިއްޔެ ޕީޕީއެމް/ޕީއެންސީން ވަނީ ހުށަހަޅައިފައެވެ. އަދި، މިއަދު އިދިކޮޅު އެމްޑީޕީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން ސޮއިހަމަކޮށްފައެވެ.

comment ކޮމެންޓް