ޔާމީންގެ ނުރުހުން ސަރުކާރަށް: އާމްދަނީއެއް ލިބޭނެ ކަމެއް ނުކުރޭ، ކުރަނީ ހުސް ޚަރަދު

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމުނު އެމްޑީޕީ ސަރުކާރުން 'އިންޑިއާ އައުޓް' ކިޔުން މަނާކޮށް ނެރުނު ރިޔާސީ ގަރާރު އަދިވެސް ބާތިލުނުކުރާތީއާއި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތްއިރު އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ނުރުހުން ފާޅުކުރައްވައިފިއެވެ.

އަދިވެސް ޖަލު ބަންދެއްގައި ހުންނެވި ޔާމީން ގެންދަވަނީ އެ މަނިކުފާނު އުފައްދަވަން މަސައްކަތްކުރާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކެވި ބޭބޭފުޅުންނަށް ޔާމީން ވަނީ ސުވާލުތަކެއް އަމާޒުކުރައްވައިފައެވެ. އެގޮތުން، އެ މަނިކުފާނު ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތްއިރު ވެސް ޚަރަދު ހައްތަހައި ބޮޑުކުރާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފައެވެ.

"ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަންކަން، އެއަކާ އަޅުގަނޑު ޑައުޓު ކުރަނީއެއް ނޫން. އެހެންނަމަވެސް ހައްތަހައި ވެސް މި ފެންނަނީ ޚަރަދު، ޚަރަދު، ޚަރަދު،" އެ މަނިކުފާނު ރޭ ވިދާޅުވިއެވެ.

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާގައި -- ފޮޓޯ/ ޕީއެންއެފް

ޔާމީން ވިދާޅުވީ، ނިމުނު އެމްޑީޕީ ސަރުކާރުން އިންޑިއާއިން އެކަނި ވެސް 3،000 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް ދަރަނި ނަގާފައިވާ ކަމަށެވެ. އެ ފައިސާ ދައްކަން އާމްދަނީ ލިބޭ މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި މި ސަރުކާރުން ވެސް ހައްތަހައި ޚަރަދު ބޮޑުކުރަނީ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު އެ މަނިކުފާނުގެ ސަރުކާރުން ފެއްޓި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ނިންމައިނުލެވޭކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މި ސަރުކާރުގެ އެއްވެސް ބޭފުޅަކު އާމްދަނީއެއް ލިބޭނެ އެއްވެސް މަޝްރޫއެއްގެ ވާހަކަ ދައްކަވައި އަޑެއް ނީވޭ ކަމަށެވެ.

"މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނޫނިއްޔާ މި ސަރުކާރުގެ އެހެން ވެސް މަސްއޫލުވެރި ބޭފުޅަކު މިވެނި މިވެނި ކަންތައްތަކަކުން އިގުތިސާދީ އާމްދަނީ ހޯދާނެ މިވެނި މިވެނި މަޝްރޫއުތައް މި ފަށަނީއޭ. މީގެ ނަތީޖާ މިވެނި ދުވަހެއްގައި ފެންނާނޭ ވިދާޅުވާތަނެއް އަޅުގަނޑަކަށް ނުފެނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ސަސްޓެއިން ކުރެވޭނެ ހެއްޔޭ މިހެން ހަމަ؟ ޚަރަދު ކުރަމުން ކުރަމުންނޭ މި ދަނީ އަދިވެސް. އެކަމު އާމްދަނީ ލިބޭނެ ގޮތްތަކެއް އަދިވެސް އަޅުގަނޑުމެންނަކަށް ނުފެނޭ،"

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ކުރީ ސަރުކާރުގައި ނެރެފައި އޮތް އިންޑިއާ އައުޓް ކެމްޕޭން މަނާ ކުރާ ގަރާރު އަދިވެސް ބާތިލުނުކުރާތީ ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އޭރު އިދިކޮޅުގައި ތިއްބެވީއިރުގައި އެއީ ގާނޫނާ ހިލާފު ގަރާރެއްކަމަށް މި ސަރުކާރުގެ ބޭބޭފުޅުން ވިދާޅުވި ކަމަށެވެ.

"ކީއްވެގެންތޯއޭ މި ސަރުކާރަށް ވިތު ޖަސްޓް އަ ސްޓްރޯކް އޮފް ޕެން [ގަލަން ކުރި ޖައްސާލައިގެން] އެ ގަރާރު ބާތިލުކޮށް ނުލެވިގެން މިއުޅެނީ ކީއްވެގެންތޯ،" އެ މަނިކުފާނު ސުވާލު ކުރެއްވިއެވެ.

"ބާތިލުކުރީމާ ދެއްތޯ މާދަމާ ވެސް އަޅުގަނޑުމެން ގޭގައި އިންޑިއާ އައުޓު ބެނާ ހުންނާނީ. އަދި އަޅުގަނޑުމެން އިންޑިއާ އައުޓްގެ މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ. އެކަމަކު އަދިވެސް އެ ގަރާރު ބާތިލެއް ނުކުރޭ،"

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު، ރައީސް މުއިއްޒާ އެކު: ޔާމީން ރޭ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ/ މާހިލް އާތިފް

ޔާމީން ވިދާޅުވީ، މިދިޔަ ފަސް އަހަރު މަގުމަތީގައި އިހުތިޖާޖު ކުރީ އިންޑިއާ އައުޓް ގަރާރު ގާނޫނާ ހިލާފުވެގެން ކަމަށާއި މިއަދު އެ ގާރާރު ބާތިލުނުކުރާތީ ކަންބޮޑުވާ ކަމަށެވެ. އެއަށް ފަހުގައި، ޔާމީން ވަނީ ގަރާރު ބާތިލުނުކުރެވިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

"މި ކަންކަމަށް ކޮއެލިފަތި ގޮވަމުން އައި ސަރުކާރެއް އަދިވެސް މިއުޅެނީ އެ ގަރާރު ބާތިލުކޮށްނުލައިގެން. ކޮބައިތޯއޭ މީގެ ސިއްރަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ނިމުނު ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން ޔާމީން ގެކޮޅަށް ބަދަލުކުރިއެވެ.

އެކަމަކު، އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައި އޮތް ހުކުމުގެ އިސްތިއުނާފު އަދިވެސް ނުނިމެއެވެ. ޝަރީއަތްތަށް ނިމި ހުކުމާ ހަމައަށް ވާސިލުވި ފަހުން މިހާރު ދެ މަހެއްހާ ދުވަސް ވަނީ ވެފައެވެ.

ގޭބަންދުގައި ހުންނެވި ޔާމީން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭގައެވެ. އޭގެ ފަހުން، އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

comment ކޮމެންޓް