އެމްޑީޕީ ޓިކެޓުގައި މާލެއަށް އަލަށް ހޮވުނު ކައުންސިލަރަކު ޕީއެންސީއަށް ސޮއިކޮށްފި

މެދުހެންވެއިރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި އަހުމަދު ރިޝްވާން ޕީއެންސީއަށް ސޮއި ކުރައްވައިފައި-- ފޮޓޯ:ޕީއެންސީ

މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މެދުހެންވެއިރު ދާއިރާއަށް، އިދިކޮޅު އެމްޑީޕީ ޓިކެޓުގައި ދާދި ފަހުން އިންތިޚާބުވި އަހުމަދު ރިޝްވާން ވެރިކަން ކުރާ ޕީއެންސީއާ މިއަދު ގުޅިވަޑައިގެންފިއެވެ.

ޕީއެންސީން މިއަދު ކުރި ޓްވީޓެއްގައި އެ ޕާޓީން ވަނީ ކައުންސިލަރު ރިޝްވާނަށް މަރުހަބާ ކިޔައިފައެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.

ރިޝްވާން ޕީއެންސީއަށް ސޮއި ކުރެއްވުމާއެކު މާލޭ ސިޓީ ކައުންސިލުގައި ތިއްބަވާ ޕީޕީއެމް، ޕީއެންސީގެ މެންބަރުންގެ އަދަދު 13އަށް އަރާނެއެވެ. އެ ކައުންސިލުގައި 19 ކައުންސިލަރުން ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަން ކާމިޔާބުކުރައްވާފައިވަނީ، އެމްޑީޕީއިން ވާދަކުރެއްވި، އާދަމް އާޒިމެވެ.

މިމަހުގެ 13ގައި ބޭއްވި އެ އިންތިޚާބުގައި އާޒިމްއަށް ފަހު އެންމެ ގިނަ ވޯޓު ހޯދައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރެވެ.

ޕިއެންސީން މީގެ ކުރިން ވަނީ މޭޔަރު އިންތިޚާބުން ނާކާމިޔާބުވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ބުނެފައެވެ. ނަމަވެސް މި އިންތިޚާބުން ލިބުނު ފިލާވަޅުން، ކުރިއަށް އޮތް އިންތިޚާބުތަކުގައި ވަރުގަދައަަށް މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

comment ކޮމެންޓް