ފުށިދިއްގަރުފަޅަށް ދާން ރައްޔިތުން ބޭނުމެއް ނޫން: އާޒިމް

މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ ރައްޔިތުން ފުށިދިއްގަރުފަޅަށް ދާން ބޭނުމެއް ނޫނޭ -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ކ ފުށިދިއްގަރުފަޅަށް ބަދަލުވާން ރައްޔިތުން ބޭނުންނުވާ ކަމަށާއި މި ވަގުތަށް އެންމެ މުހިއްމީ މާލެއާ ކައިރީގައި ހުރި ތަންތަން ތަރައްގީކުރުން ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މި މަހު 13 ގައި މާލޭގެ މޭޔަރުކަމަށް އިންތިޚާބުވީ އާޒިމް މަގާމުގެ ހުވައި ކުރައްވާނީ މިރޭ ދަރުބާރުގޭގައެވެ.

މޭޔަރުކަމަށް އިންތިޚާބުވުމަށް ފަހު 'ސަން'އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ކެމްޕޭން ތެރޭގައި އޭނާ ވިދާޅުވީ މި ވަގުތު ފުށިދިއްގަރުފަޅަށް ބަދަލުވާން ބޭނުންނުވާ މީހުން އޭނާއަށް ވޯޓުދޭން ކަމަށެވެ.

އެހެންވެ، އިންތިޚާބުގައި ރައްޔިތުން ނުކުމެ، މޭޔަރުކަމަށް އޭނާ އިންތިޚާބުކުރުމުން ބުނެދެނީ ފުށިދިއްގަރުފަޅަށް ބަދަލުވާން ރައްޔިތުން ނޭދޭކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ވޯޓު ދޭށޭ، މި ވަގުތު ފުށިދިއްގަރުފަޅަށް ދާން ބޭނުންނުވާ ބޭފުޅުން. އެ ބޭފުޅުން އައިސް ވޯޓުލާ އަޅުގަނޑު މި ހޮވީ،" އާޒިމް ވިދާޅުވިއެވެ.

"ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގައި. ވަރަށް ދެރަކޮށް ރައްޔިތުން އުޅެނީ. ވަރަށް ވަރަށް ދެރަކޮށް އުޅެނީ،"

މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

އޭނާ ވިދާޅުވީ، 10 ބުރިއަށް މާލޭގެ ބައެއް ގެތައް ހަދައިފައި ހުރި ނަމަވެސް ކޮންމެ އެޕާޓްމެންޓެއްގައި އެތައް މީހުންނެއް ދިރިއުޅޭ ކަމަށެވެ. އެއީ، މާލޭ މީހުން ދިރިއުޅޭ ނިކަމެތި ހާލު ކަމަށާއި އެ ކަމަށް ބޭނުންވަނީ އަވަސް ހައްލެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދިހަ ބުރިއަށް ގެ ހަދާފައި ހުއްޓަސް ގެއަށް ވަދެވުނީމާ، ކޮންމެ އެޕާޓްމެންޓެއްގައި އެބައުޅޭ އެހާ މީހުން. ބޭރަށް ފެންނަ މަންޒަރެއް ނޫން އަސްލު އެތެރޭގައި އޮތީއަކީ،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް މާލޭ މީހުން ދިރިއުޅޭ ހާލު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ، މާލޭ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެ މަނިކުފާނު އެއްބާރުލުން ދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ބޮޑު އިސްކަމެއް ދޭނީ މާލެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަންކަން ކަމަށް ރައީސް އަރިހުގައި ވެސް ދަންނަވާފައި ވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/187229

"އަޅުގަނޑު ރައީސަށް ދެންނެވިން، އަޅުގަނޑު އެދެނީ ރައްޔިތުންނަށް ދިމާވެފައި ހުރި ބޯހިޔާވަހިކަމުގެ ކަންތައްތަކަށް އަވަސް ހައްލެއް ހޯދާށޭ. އެއީ، މިހާރު ވަރަށް ހާލުގައޭ ތިބީ. އަދިވެސް އަޅުގަނޑު ރަސްމީކޮށް ރައީސާ ބައްދަލުވީމާ އެދޭނަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުށިދިއްގަރުފަޅު މަޝްރޫއާ އޭނާ އިދިކޮޅީ ނޫން ކަމަށެވެ. އެކަމަކު، އެ މަޝްރޫއަށް ވުރެ ބޮޑަށް، މިހާރު ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރަންވީ މާލެ ކައިރީގައި ހުރި ތަންތަން ތަރައްގީކުރަން ކަމަށް އާޒިމް ގަބޫލުކުރައްވައެވެ.

ނިމުނު އެމްޑީޕީގެ ސަރުކާރުގައި މާލޭ މީހުންނަށް ބިން ދޫކުރި، ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ތަރައްގީކޮށް، އެ ތަންތަނުގައި މީހުންނަށް އާބާދުވެވޭނެގޮތް ހެދުން މި ވަގުތަށް މާ މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޮލިޓިކަލް ވާހަކައެއް ނޫން މި ދައްކަނީއަކީ. މިއީ އަސްލު މީހުންގެ ވިންދާ ގުޅިފައި ހުރި ވާހަކަ އަޅުގަނޑު މި ދައްކަނީ،" އާޒިމް ވިދާޅުވިއެވެ.

"ބުރިޖަކުން ގުޅައިލެވޭ ހިސާބަކަށް މީހުންނަށް ދެވިއްޖެއްޔާ މީހުންނަށް ފަސޭހަވާނެ،"

އާޒިމް، އެމްޑީޕީގެ ޖަލްސާއެއްގައި: އޭނާ ވިދާޅުވީ ފުށިދިއްގަރުފަޅު މަޝްރޫއަށް ވުރެ މުހިއްމީ މާލެ ކައިރީގައި ހުރި ތަންތަން ތަރައްގީކުރުން ކަމަށް -- ފޮޓޯ/ އެމްޑީޕީ

މިސާލަކަށް އާޒިމް ނެންގެވީ ހުޅުމާލެއާއި ވިލިމާލެއެވެ. އޭނާ ވިދާޅުވީ، ހުޅުމާލޭގައި މިހާރު ގާތްގަނޑަކަށް ލައްކައެއްހައި މީހުންގެ އާބާދީއެއް އޮންނާނެ ކަމަށާއި އެ މީހުންނަށް އަދިވެސް މާލެ ނައިސް ނޫޅެވޭ ކަމަށެވެ. ވަޒީފާ އަދާކުރާށާއި ޑޮކްޓަރަށް ދައްކާށާއި އެ ނޫން ޒަރޫރީ ކަންކަމުގައި ހުޅުމާލެއިން އެކަނި ނުފުއްދޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފުށިދިއްގަރުފަޅުގައި ވެސް އެ ހުރިހާ ވަސީލަތެއް ގާއިމުކުރަން އެތައް ދުވަހެއް ނަގާނެ ކަމަށެވެ.

އެހެންވެ، ފުށިދިއްގަރުފަޅު މަޝްރޫއަށް ވަރަށް ގިނަ އަހަރުތަކެއް ހޭދަވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

މާލޭ މީހުން ދިރިއުޅޭ ހާލުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރަން މި ވަގުތަށް އެންމެ މުހިއްމީ މާލެއާ ކައިރީގައި ހުރި ތަންތަން ތަރައްގީކޮށް، އެ ތަންތަނުގައި މީހުންނަށް އާބާދުވެވޭނެ މަގުފަހިކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ބުރިޖަކުން ގުޅައިލެވުނީމާ ޑިވެލޮޕްވަމުން އަންނަ ގަޑީގައި ސްކޫލަށްދާ ކުދިންނަށް އާދެވޭނެ، ބުރިޖަކުން ފަސޭހަކަމާއެކު. ޑޮކްޓަރަށް ދައްކައިލަން ފަސޭހަކަމާއެކު އައިސް ގޮސް އުޅެވޭނެ. އާއިލާ މީހުންނާ ބައްދަލުކޮށްލަން ގޮސްފައި އައިސް އުޅެވޭނެ،" އޭނާ ވިދާޅުވިއެވެ.

"އެކަމަކު، ފުށިދިއްގަރުފަޅަކީ ގަޑި ދެ ގަޑިއިރުން ދަތުރުކޮށްފައި ބޮޑު ކަނޑު ހުރަސްކޮށްފައި ދާތަނެއް ކަމަށްވަންޏާ، ކިހިނެއް ހެއްޔޭ އެއްފަހަރަކައި 30 އާއިލާއެއް ގެންދަނީ. ނުވެސް ގެންދެވޭނެ،"

ފުށިދިއްގަރުފަޅު ހިއްކާ ނިންމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް --

މިހާރު ވެސް އެމްޓީސީސީގެ ފެރީން ވިލިމާލެއަށް ފަސް މިނެޓުން ދެވޭކަން ފާހަގަކުރައްވައި، ނިމުނު ދައުރުގައި އެ ކުންފުނީގެ ސީއީއޯކަން ވެސް ކުރެއްވި އާޒިމް ވިދާޅުވީ، އެ ވަރުން ވެސް އެ މީހުންނަށް އެ ދޭތެރޭގައި ދަތުރުކުން އެއީ އުނދަގުލެއް ކަމަށެވެ.

އެހެންވެ، ވިލިމާލޭގައި އުޅުނު މީހުންގެ ތެރެއިން އެތައް ބަޔަކު ވެސް މިހާރު ހުޅުމާލެ ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެމްޓީސީސީގައި ހުރީއިރު ފާހަގަކުރެވުނު ޓްރާންސްޕޯޓު ނިޒާމު ތެރެއިން މަދުވެގެން 2،000 މީހުން ދިޔަ ހުޅުމާލެއަށް. ވިލިމާލެއާއި މާލެއާ ދޭތެރޭ ޓްރާންސްޕޯޓު ކުރި މީހުން ޑެއިލީ، 2،000 މަދުވިކަން ފާހަގަކުރެވުނު. އޭގެ މާނައަކީ 2،000 މީހުން ހުޅުމާލެއަށް ދިއައިއްޔޭ،" އޭނާ ވިދާޅުވިއެވެ.

"އެއްވެސް ވަރަކަށް ސަރުކާރަށް އުނދަގޫކޮށް ދަތިކުރާކަށް ނޫން. މިއީ މީހުންގެ ހިތާއި ވިންދާ ގުޅިފައިހުރި ކަމެއް،"

ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އެންމެ ބޮޑު އެއް މަޝްރޫއަކީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއެވެ. އެ ތަނުގައި 30،000 ހައުސިން ޔުނިޓު އަޅަން ޗައިނާއާ އެކު ވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް އެއްކޮށްލައިގެން، އޭގެ ތިން ގުނައަށްވުރެ ބޮޑު ރަށެކެވެ. މީގެ ކުރިން ރައީސް ވިދާޅުވީ، އެ ތަން ތަރައްގީކުރާނީ މާލެ ނައިސް ދިރިއުޅެވޭ ގޮތަށް ކަމަށެވެ. އަދި، މާލެއާއި ރަސްމާލެއާ ދޭތެރޭ ޒަމާނީ ހައިސްޕީޑު ފެރީގެ ނިޒާމަކުން ގުޅައިލާނެ ކަމަށް ވެސް އެ މަނިކުފާނު ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް