ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް އަޅަނީ

ފުށިދިއްގަރުފަޅު ހިއްކުމުގެ ތެރެއިން--ފޮޓޯ/ ފަޔާޒް މޫސާ

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ޗައިނާގެ އެހީގައި އަޅާނެ ކަމަށް، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުންތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއޫއެއްގައި މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ މި 30،000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެއް ފަހަރާ ކަމަށެވެ.

ފުށިދިއްގަރު ފަޅު ހިއްކާ ނިންމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް --

ޗައިނާއާއެކު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ އިތުރުން އެތަނުގައި އަސާސީ އެހެނިހެން ހިދުމަތްތައް ގާއިމްކުރުމާ ގުޅޭ އެއްބަސްވުންތަކެއް ވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ހިދުމަތާއި މަގުތައް ތަރައްގީކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ހާއްސަކުރެއްވިގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއުއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ. އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި، އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް އެ ތަނުން ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތަކެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް އެއްކޮށްލައިގެން، އޭގެ ތިން ގުނައަށްވުރެ ބޮޑު ރަށެކެވެ.

comment ކޮމެންޓް