އެއްވެސް މިނިވަންކަމެއް، ހައްގެއް، އަމުދުން ސިޔާސީ ފުރުސަތެއް ނެތް ޒަމާނެއްގައި އެ މިނިވަންކަމާއި ހައްގާއި ފުރުސަތަށް ވަކާލާތުކުރީ އެމްޑީޕީންނެވެ. އެ ގޮވައިލުމެއްގައި ހުރަގެއަށް ގޮސް، އެ ތަނުގައި ނިދީ އެ ޕާޓީގެ އިސްލާހީ މަސައްކަތުގެ ބައިވެރިންނެވެ. ލީޑަރުންނާއި އާންމުންނާއި އެންމެން އެކީ ރެއާއި ދުވާލު ތެޅިއެރުވީ މަގުމަތީގައެވެ.
އެއީ، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގަދަފަދަ 30 އަހަރުން ބަލިކޮށްނުލެވުނު ހިތްވަރެވެ. ފައިސާއަށް ދީއްލައިނުލި ގުޅުމެވެ. ކުޑަގޮޅީގެ ވޭނަށް ގުޑުވައިނުލެވުނު އަޒުމެވެ.
މައިންބަފައިން ޅަދަރިން ދޫކޮށްފައި، ފިރިން އެ މީހުންގެ އަނބިން އެކަނި ކޮށްފައި، އަނބިން އެ މީހުންގެ ފިރިން ދޫކޮށްފައި ގޮސް އެއްވެ، މަގުމަތީގައި އެ ހިންގި ސިޔާސީ ހަރަކާތް، އެ ނެރުނު ފޯރިއާއި ޖޯޝު، އެއީ ފައިސާ ދީފައި ގަނެވޭނެ އެއްޗެއް ނޫންކަން މިހާރު އެމްޑީޕީގެ ލީޑާޝިޕުގައި އެ ތިއްބެވި ބޭފުޅުންނަށް ސާފުވާނެއެވެ. އެ ހިތްވަރުން، ގަދަ 30 އަހަރު ގައިން ތެޔޮހަން ގޮސްގެން، ކުޑަގޮޅީގައި އުމުރުގެ ބޮޑުބައި ހޭދަކޮށްގެން ގެނައި ވެރިކަން މަގުމަތިން ވައްޓައިލީ ދުވަސް ނުފުރެނީހެވެ.
މައުމޫންގެ 30 އަހަރު, އެ ދިގު ވެރިކަމުގެ ބޮޑު ބައި އެ މީހުން ތިބީ އަނދަގޮނޑީގައެވެ. އެކަމަކު، އެ ހާލުން އުފަންކުރި އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް ތިން އަހަރު ވީތަނާ ހަތެއް ފެބްރުއަރީ 2012ގައި މަގުމަތިން ވައްޓައިލީއެވެ.
"މި އޮޑިއެއް ނުފެތޭނެ! މި އޮޑިއެއް ނުފެތޭނެ، ދަންނަވަންތޯ އަޅުގަނޑުމެންނަކީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް.
އަޅުގަނޑުމެންނަށް އަނިޔާ ވެސް ކުރެވިދާނެ. އަޅުގަނޑުމެން މަރައި ވެސް ލެވިދާނެ. އެކަމަކު، މި ފިކުރު މިއައީ ދެމިއޮންނަން،"
މަދުވެގެން 15 އަހަރު މަގުމަތީގައި އުޅުނު އެމްޑީޕީގެ ހަރު ބޭބޭފުޅުން، ގުދާރު ބިންދައިގެން އުފަންކުރި ވެރިކަން ދައުރުގެ މެދުން ވައްޓައިލީމާ ޖެހިގެން އައި ދުވަހު ނުކުންނަވާފައި އޭރު އެމްޑީޕީގެ ރައީސް، ވެއްޓުނު ވެރިކަމުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ، މިއީ ހިތާއި ހިތުގެ ގުޅުމެކޭ، އެކެއް އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން ދަތުރުގެ މި ހިސާބަށް އައީ ހުއްޓެން ނޫން ކަމަށެވެ. އެމްޑީޕީގެ އޮޑި ފައްތައިނުލެވުނީ އެ ހިތްވަރު އެ ދުވަހު ހުންނެވި ލީޑަރު ދެއްކެވީމައެވެ.
ވެރިކަން ވެއްޓިގެން ދެން އުފެދުނު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް 'ބަޣާވާތުގެ ސަރުކާރު' ގޮވަ ގޮވައި، އިންސާފުގެ މައިދާން ނަމުގައި ކޮންމެ ދުވަހަކު، ހަމަ ކޮންމެ ދުވަހަކު ދިޔައީ އުސްފަސްގަނޑު ސަރަހައްދަށް އެއްވެ، އަޑުގަދަ ކުރަމުންނެވެ. އެ ފޯރީގައި، އެމްޑީޕީ މެންބަރުން ލޭ ކައްކުވައިގެން, ބަރާބަރު ދެ އަހަރު ދުވަހު މަގުމަތީގައި އެއްވާނެއްގައި ހިފެހެއްޓީ 'ބާޣީ، ބާޣީ' ގޮވައިގެންނެވެ.
ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުންނަވާނެކަން ނަޝީދު އިއުލާނުކުރެއްވުމާ އެކު ދެން ކިޔުއްވާން ފެއްޓެވީ 'އެއްބުރުން'ނެވެ. ދެން، މުޅި ރާއްޖޭގައި އެއް ކިކެއްގައި އެއް ޖޯޝެއްގައި ޖެހީ 'އެކެބުރުން' ލަވައެވެ.
އެ ފޯރީގައި ވަޑައިގެން ގިނިކަންޏާ 45.45 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އެއީ، އެ އިންތިޚާބުގައި ވޯޓުލާން ނުކުތް 209,495 މީހުންގެ ތެރެއިން 95,224 މީހުންގެ ވޯޓެވެ.
އެ ދުވަސްވަރު އަލަށް އުފައްވާ ކުދިންގެ ފުރަތަމަ ބަހަކަށް 'އެއްބުރުން' ކިޔަސް، އެ ފަހަރުގެ އިންތިޚާބުގައި ވެސް އެއްބުރުން އެކަން ނިންމޭ ގޮތެއް ނުވިއެވެ. ތާރީޚެއް އިޔާދަވެ، ދެވަނަ ބުރުގައި ކުރިހޯއްދެވީ ފުރަތަމަ ބުރުގައި 53,099 ވޯޓު ލިބިވަޑައިގެން އޭރު ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެއީ، އަނެއްކާ ވެސް އެމްޑީޕީ މަގުމަތީގައި އިތުރު ފަސް އަހަރު ހޭދަކުރަން ޖެހުނު ހިސާބެވެ.
މައުމޫންގެ ދައުރުން ފެށިގެން އެމްޑީޕީގެ އޮޑިއަށް އެރި މީހުންނަށް ވޭންދެނިވި ދަތުރެކެވެ. ޖުމުލަ ހަތް އަހަރު މަގުމަތީގައި އަނެއްކާ ވެސް ތިބޭން ހާލަތު މަޖުބޫރު ކުރީއެވެ.
އެކަމަކު، ވަރުބަލި ވެގެން، ހިތްދަތި ވެގެން، ލަދުން ބިރުން ނުތިބެ، އަނެއްކާ ވެސް ނުކުމެ އެއްވާނެއްގައި މާލޭގައި އޭރުގެ ރައީސް ޔާމީނާ ދެކޮޅަށް އެ ހިންގެވީ ޖޯޝު ވަރުގަދަ، ގޮށްމުށުގެ ބާރުން ވެސް ފިތްކަނޑުވައިނުލެވުނު މާ ގަދަފަދަ އެއްވުންތަކެކެވެ. މަޖީދީ މަގުން ނަޝީދު ކަރުފުޅުން ނާރު ނަންގަވާފައި އޭރުގެ ސަރުކާރަށް ތުހުމަތުތައް ކުރައްވަމުން ވަޑައިގަންނަވާއިރުގައި ކޮޅާއި ކޮޅު ނުފެންނަވަރަށް ރަންރީނދޫ ލަޝްކަރު އެ މަނިކުފާނުގެ ފަހަތްޕުޅުގައި އަދި މާ ގަދަކޮށް ތިބެއެވެ.
ސަރުކާރާ ދެކޮޅަށް ބާއްވާ އެއްވުންތަކަށް ދިޔަ މީހުން ހައްޔަރުކޮށް ބަންދަށް އަހަރު އަހަރުން ޖަހާފައި ގެންގޮސް ޓެރަރިޒަމުގެ ދައުވާތައް ފުލުފުލުގައި އުފަލަމުން ދިޔައިރުގައި ވެސް އެމްޑީޕީއެއް ނުސިހުނެވެ. ބައްޔެއް ވެސް ނުވިއެވެ. އަމުދުން ބިރެއް ނުގަތެވެ. 'އެކެއް އަނެކެއް ކިބައިން ހިތްވަރު ލިބިގެން' އެ މީހުން ތިބީ 'ބިރު ފަހަނައަޅައި' ގޮހެވެ.
އޭގެ ފަހުން ނަޝީދު ހައްޔަރުކޮށް، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވީމާ އެ ހަރަކާތް ހައްތަހައި ވީ ފުޅަލެވެ. އެ މަނިކުފާނު މިނިވަންކުރަން ގޮވާލައި، ހަމަ ކޮންމެ ދުވަހަކު ހާހުން މީހުން ނުކުމެ ސަރުކާރަށް އެ ކުރި ޕްރެޝަރަކީ މިއަދު އެމްޑީޕީގައި ނެތް ޖޯޝެކެވެ. އެ ޖަލު ހުކުމުން ނަޝީދު ސަލާމަތްނުވުމުގެ ނަތީޖާއަކަށްވީ 2018 ވަނަ އަހަރުގެ ރިޔާސީ ރޭހަށް އެހެން ބޭފުޅެއް ނެރުއްވަން މަޖުބޫރުވުމެވެ. އެއީ، އެމްޑީޕީގެ ނިމުމުގެ ފެށުމެވެ.
މިހާރު އެމްޑީޕީގެ ވަގުތީ ރައީސްކަމުގައި ހުންނެވި ނިމުނު ދައުރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ފަސް އަހަރު ނިންމައިލީއިރު އެމްޑީޕީ އެ އޮތީ ފެތިފައެވެ.
ފަސް އަހަރު އިދިކޮޅުގައި ކެތްކޮށްލަން ބުރައަކަށް ވެގެން، އެ ޕާޓީގައި ތިބި ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން އެ ތިބީ އެއްފަހަރައި ސަރުކާރާ ގުޅިގެންނެވެ. އޭގެ ފަހުން އަނެއްކާ އިތުރު މެންބަރަކު ވެސް ގުޅުނެވެ. ދެން އިތުރު މެންބަރުންތަކެއް އަދިވެސް ނުގުޅޭނެ ކަމެއް ނޭނގެއެވެ. އެމްޑީޕީއަކު ޖޯޝެއް ނެތެވެ. ފޯރިއެއް ނެތެވެ. އޮތީ 'ރޫޅި'ފައެވެ.
އަސްލު، މިއަދާ ގުޅޭ ވާހަކައެއް ނަޝީދު ދެއްކެވީ 2013 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ކެމްޕޭން ކުރައްވަމުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
"ގައުމެއް ތަރައްގީވެ މިދަނީ ވަކި ހާއްސަ ކަންތައްތަކެއް، ވަކި އިރެއްގައި، ވަކި ގޮތަކަށް ކުރެވުނީމާ. އެ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެމިވެނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގީމާ. ފާޑު ކީމާ. ވާދަވެރި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވީމާ،" އެ ރޭ އެއްވެ ތިބި އެތައް ހާސް ސަޕޯޓަރުންނެއްގެ ލޭ ކައްކުވަން ބަޣާވާތުގެ ވާހަކަ ދައްކަވާފައި ޖެހިގެން އައި ނޭވާގައި ނަޝީދު ވިދާޅުވިއެވެ.
އެކަމަކު، އެ އޮޑި ފެތިއްޖެއެވެ. އެ ފޯރިއާއި ޖޯޝު މަރާލައިފިއެވެ. އެ ކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ޞާލިޙެވެ. އެއީ، ދިވެހި ޑިމޮކްރަސީގެ ތާރީޚުގައި ފޫނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ. އިދިކޮޅުގައި ރަންރީނދޫ ލަޝްކަރު ނެތުމަކީ ގައުމަށް ދެރައެކެވެ. ހިތްދަތިކެމެކެވެ.