އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ ރައްޔިތުންނާ ގުޅޭ ގޮތުން ބައެއް ނައިބު ވަޒީރުން ދެއްކެވި ވާހަކަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އިން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބާނީން ހިމެނޭ މަޓީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއަކީ ރާއްޖެއާ އަވަށްޓެރި އެންމެ ގާތް އެއް ގައުމު ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތާރީޚުގައި ދިމާވެފައިވާ ކާރިސާތަކުގައި އެންމެ އަވަހަށް އެހީފޯރުކޮށްދޭ އެއް ގައުމު ކަމަށާއި އިންޑިއާ ސަރުކާރާއި އެގައުމުގެ ރައްޔިތުން ރާއްޖެއާ ބާއްވާ ގާތް ގުޅުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް މަޓީން ބުންޏެވެ.
މީގެ އިތުރުން އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މެދުކެނޑުމެއްނެތި ބޮޑު ހިއްސާއެއް އަދާކުރާ ގައުމެއްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން އެ ދާއިރާއަށް ލިބުނު ގެއްލުމުން އަރައިގަތުމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި އެގައުމު ދެމިއޮތް ކަމަށް ބަޔާނުގައިވެއެވެ.
އެހެންވެ، ދެ ގައުމުގެ ގާތް ގުޅުން އެތައް ޖީލަކަށް ދެމިގެން ދިޔުމަށް އެދޭ ކަމަށާއި އެކަން ކަށަވަރު ކުރުމަށްޓަކައި، ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފަދަ ބަސްބުނުމާއި ކަންތައްތައް ކުރުމުން ދުރުހެލިވުމަށް އެ ޖަމިއްޔާއިން އެދޭ ކަމަށް މަޓީން ބުންޏެވެ.
މޯދީއަށް ކުޑައިމީސްކޮށް މަލާމާތްކުރި މައްސަލައިގައި ޝާމިލުވަނީ ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ ތިން ބޭފުޅުން ވެސް އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ.
އެ މައްސަލައިގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވައި ސަފީރު އިބްރާހިމް ޝަހީބު، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން، އިންޑިއާގެ މަޝްހޫރު ތަރިން ހިމެނޭ ގޮތަށް، ރާއްޖެ ނައުމަށް ގޮވާލަމުންދާއިރު، މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އެގައުމުންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.