އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ، ތުއްތު 10 ކުދިން ނިޔާވެއްޖެ

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ މަހާރާނީ ލަކްޝްމީ ހޮސްޕިޓަލްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ހޮސްޕިޓަލްގެ އެންއައިސީޔޫ އަނދައި އަޅިއަށްވެފައި. ފޮޓޯ/ޕީޓީއައި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ތުއްތު 10 ކުދިން ނިޔާވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އުއްތަރް ޕްރަދޭޝްގެ މަހާރާނީ ލަކްޝްމީ ބައި މެޑިކަލް ކޮލެޖުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައެވެ. އަލިފާން ރޯވެފައިވަނީ ރޭ 10:45 ހާއިރު ކަމަށް ޑިސްޓްރިކްޓް މެޖިސްޓްރޭޓް (ޑީއެމް) އަވިނާޝް ކުމާރު ވިދާޅުވިއެވެ.

ހާދިސާ ހިނގި ވަގުތު އެންއައިސީޔޫގައި ގާތްގަޑަކަށް 54 ކުދިން އެޑްމިޓްކޮށްފައި ކަމަށާއި އެތަނުން 44 ކުދިން ސަލާމަތް ކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނިޔާވި 10 ކުދިންގެ ތެރެއިން ހަތް ކުދިންގެ މައުލޫމާތު ދެނެގަނެވިފައިވާ ކަމަށްވެސް ކަމާ ބެހޭ އޮފިޝަލުންނާ ހަވާލާދީ މިޑިއާތަކުން ރިޕޯޓުކުރެއެވެ.

ބާކީ ތިން ކުދިން ދެނެގަތުމަށް ޑީއެންއޭ ޓެސްޓް ހަދަން ޖެހިއްޖެނަމަ، ހަދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އުއްތަރަ ޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަ ބްރަޖޭޝް ޕަތަކް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު މިހާތަނަށް ސާފުނުވާ ކަމަށެވެ. ނަމަވެސް ބޮޑަށް ބެލެވެނީ އޮކްސިޖަން ދޭ މެޝިންގެ ކަރަންޓު ޝޯޓެއްވީ ކަމަށް، ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ ފަޔާ އެލާމް ސިސްޓަމް މަސައްކަތެއް ނުކުރެއެވެ.

ހޮސްޕިޓަލުގެ ފަޔާ ސޭފްޓީ އޮޑިޓް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހު ކަމަށާއި އޭގެ ފަހުން ޖޫން މަހު ފަޔާ ޑްރިލްއެއް ވެސް ކުރިއަށް ގެންދިޔަ ކަމަށް ޕަތަކް ވިދާޅުވިއެވެ. ނަމަވެސް ހާދިސާ ހިނގިގޮތް ސާފުކޮށް އެގޭނީ ތަހުގީގީ ރިޕޯޓް ލިބުމުން ކަމަށް ޕަތަކް ވިދާޅުވިއެވެ.

އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ނިޔާވި ތުއްތު ކުދިންގެ ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް ދޭނެ ކަމަށާއި ސީރިއަސް އަނިޔާތައް ލިބުނު ކުދިންގެ އާއިލާތަކަށް 50،000 ރުޕީސް ދޭނެ ކަމަށް ޗީފް މިނިސްޓާ ޔޯގީ އަދިނާޔަތް ވަނީ އިއުލާނުކުރައްވާފައެވެ.

comment ކޮމެންޓް