އިންޑިއާގެ ޒޯމެޓޯއަށް ޗީފް އޮފް ސްޓާފަކު ހޯދަނީ؛ ފުރަތަމަ ޖެހެނީ 23،000 ޑޮލަރުގެ ފީއެއް ދައްކަން

ޒޯމެޓޯގެ މުވައްޒަފުންތަކެއް ޑެލިވަރީގެ މަސައްކަތުގައި--ފޮޓޯ/ސީއެންބީސީ

އިންޑިއާގެ ކާބޯތަކެތި ޑެލިވަރީ ކުރާ މަޝްހޫރު ކުންފުނި ޒޯމެޓޯގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މުވައްޒަފަކު ހޯދަން އިއުލާނުކޮށްފިއެވެ.

މި އިއުލާނު އިޝްތިހާރުކުރަމުން ކުންފުނީގެ ސީއީއޯ ދީޕިންދަރު ގޯޔަލް ބުނީ، ޗީފް އޮފް ސްޓާފްގެ މަގާމަށް ހޮވޭ މީހަކު އެ ކުންފުންޏަށް ފުރަތަމަ އަހަރު ދެ މިލިއަން ރުޕީސް (23،700 އެމެރިކާ ޑޮލަރު)ގެ ފީއެއް ދައްކަންޖެހޭނެ ކަމަށެވެ.

ސީއީއޯ ދީޕިންދަރު ސިފަކުރި ގޮތުގައި މިއީ ޓޮޕް މެނޭޖްމަންޓް ސްކޫލަކުން ދެ އަހަރު ދުވަހުގެ ޑިގްރީއެއް ހޯދުމަށް ޙަރަދުކުރުމަށްވުރެ މާ ފައިދާހުރި ފުރުސަތެއް ކަމަށާއި މި ފުރުސަތުގައި އެ މީހަކަށް 10 ގުނައަށް އުނގެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސީއީއޯ ދީޕިންދަރު ބުނެފައިވަނީ، މި މަގާމާ ހަވާލުވާ މީހަކު ޒޯމެޓޯގެ ޑެލިވަރީގެ ޚިދުމަތް އިތުރަށް ކުރިއަރުވާ ތަރައްޤީކުރުމުގައި ވަރަށް އިސް ރޯލެއް އަދާކުރަންވާނެ ކަމަށާއި 'ގްރޭޑް އޭ ކޮމިއުނިކޭޝަން ސްކިލްސް' އެ މީހެއްގެ ކިބައިގައި ހުރުން ލާޒިމު ކަމަށެވެ.

ޒޯމެޓޯ ކުންފުނީގެ ސީއީއޯ ދީޕިންދަރު ގޯޔަލް--ފޮޓޯ/ޖީކިއުއިންޑިއާ

މި މަޤާމަށް ހޮވޭ މީހަކަށް ވަޒީފާއާ ހަވާލުވެ ހޭދަކުރާ ފުރަތަމަ އަހަރު މުސާރަ ނުލިބުނު ނަމަވެސް ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަ މީހަކަށް އެ ވަޒީފާގެ ދެވަނަ އަހަރުން ފެށިގެން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީގެ އަދަދު މަދުވެގެން ފަސް މިލިއަން އިންޑިއަން ރުޕީސް (60 ހާސް އެމެރިކާ ޑޮލަރު)އަށް އަރާނެ ކަމަށް ސީއީއޯ ވަނީ ބުނެފައެވެ.

ޒޯމެޓޯގެ މި އިޝްތިހާރާ ގުޅިގެން ވޯލްމާޓްގެ ފްލިޕްކާޓްގައި ކުރިން ސީއީއޯގެ މަގާމު އަދާކޮށްފައިވާ ދީޕަކް ސިންގް ބުނެފައިވަނީ މިއީ އިންޑިއާގެ އާދައިގެ ދިރިއުޅުން ތަޖުރިބާކުރަމުން އަންނަ މީހުންގެ އިތުރުން ޝައުގުވެރިކަމާ އެކު މަސައްކަތްކުރަން ތައްޔާރަށް ތިބި ގިނަ ބައަކަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ޒޯމެޓޯއަކީ އިންޑިއާގެ އެންމެ ބޮޑު ކާބޯތަކެތި ޑެލިވަރީ ކުރާ ކުންފުނީގެ އިތުރުން މި ކުންފުންޏަކީ އޯޑަރު ކުރާތާ ދިހަ މިނެޓު ތެރޭ ކަސްޓަމަރުންނާ ހަމައަށް އެ ތަކެތި ޑެލިވަރީކުރުމަށް މަޝްހޫރު ކުންފުންޏެކެވެ. ޒޯމެޓޯއަށް މި އަހަރު ލިބުނު އާމްދަނީގެ އަދަދު ދެގުނަ އިތުރުވެފައިވާއިރު ކުންފުނީގެ ވެލިއު 28 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް