އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީއަށް މަކަރާ ހީލަތް ހެދުމުގެ ދައުވާއެއް

އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީ. ގޯތަމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއް އެމެރިކާއިން ވަނީ އުފުލާފައި. ފޮޓޯ/ރޮއިޓާސް

އިންޑިއާގެ ކޮންގްލޯމެރޭޓް އަދާނީ ގްރޫޕްގެ ވެރިޔާ ޗެއާ އަދި ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ ގޯތަމް އަދާނީގެ މައްޗަށް ބިލިއަން ޑޮލަރުގެ ރިޝްވަތާއި މަކަރާއި ހީލަތުގެ ދައުވާއެއް އެމެރިކާއިން ކޮށްފިއެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ ގޯތަމް އާއި އޭނާއަށް ބޮޑުބޭބެ ކިޔާ ކޮއްކޮ ސާގަރު އަދާނީ ހިމެނޭ ގޮތަށް އިތުރު ހަތް މީހަކު ވަނީ 20 އަހަރު ތެރޭގައި ދެ ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެ ކަމަށް ބެލެވޭ ކޮންޓްރެކްޓްތައް ހޯދުމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ގާތްގަނޑަކަށް 265 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމަށް އެއްބަސްވެފައެވެ. އެއާއެކު އިންޑިއާގެ އެންމެ ބޮޑު ސޯލާ ޕަވާ ޕްލާންޓު މަޝްރޫއު ތަރައްގީކުރުމަށް ރާވައިފައިވާ ކަމަށްވެސް އިދާރާތަކުން ބުނެއެވެ.

އަދި ގޯތަމްއާއި ސާގަރުގެ އިތުރުން އަދާނީ ގްރީން އެނާޖީގެ އެހެން އެގްޒެކެޓިވްއެއް ކަމަށްވާ ކުރީގެ ސީއީއޯ ވްނީތު ޖައިން ވަނީ ލޯނު ދޫކުރާ ފަރާތްތަކާއި އިންވެސްޓަރުންގެ އަތުން އޮޅުވާލައިގެން ތިން ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ލޯނާއި ބޮންޑް ހޯދާފައި ކަމަށް ވެސް އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެއެވެ.

ދައުވާގައިވާ ގޮތުން ބައެއް މީހުން ވަނީ ގޯތަމްއަށް "ނޫމެރޯ އުނޯ" އާއި "ބޮޑު މީހާ" ފަދަ ކޯޑް ނަންތަކުން ވާހަކަދައްކާފައެވެ.

ގޯތަމް، ސާގަރު އަދި ޖާއިންގެ މައްޗަށް ސެކިއުރިޓީޒް ފްރޯޑް، ސެކިއުރިޓީޒް ފްރޯޑް ކޮންސްޕިރޭޝަން އަދި ވަޔާ ފްރޯޑް ކޮންސްޕިރޭޝަންގެ ދައުވާ ވަނީ އުފުލާފައެވެ.

ދައުވާ ލިބޭ އެއްވެސް މީހަކު ބަންދުގައި ނެތް ކަމަށް ބްރޫކްލިންގައި ހުންނަ އެމެރިކާގެ ވަކީލު ބްރެއޮން ޕީސްގެ ތަރުޖަމާނު ވިދާޅުވިއެވެ. ގޯތަމް މިވަގުތު ހުރީ އިންޑިއާގައި ކަމަށް ބެލޭ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އަދާނީ ގްރޫޕުންވެސް އަދި އެމެރިކާގައި ހުންނަ އިންޑިއާ އެމްބަސީންވެސް ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ފޯބްސް މަޖައްލާއިން ބުނާ ގޮތުން އުމުރުން 62 އަހަރުގެ އަދާނީގެ މިލްކިޔާތު 69.8 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާ އަކީ އެމެރިކާގައި ޖިނާއީ ކުށެއްކޮށްފައިވާ ކަމަށް ރަސްމީކޮށް ތުހުމަތު ކުރެވޭ މަދު ބިލިއަނަރުންގެ ތެރެއިން އެކަކެވެ.

ގޯތަމްއަކީ ދުނިޔޭގެ 22 ވަނައަށް އެންމެ މުއްސަނދި މީހާ، އަދި ރިލަޔަންސް އިންޑަސްޓްރީސްގެ ޗެއާ މުކޭޝް އަމްބާނީއަށްފަހު އިންޑިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް އިން ބުނެއެވެ.

އިންޑިއާގެ ގުޖުރާތު ސްޓޭޓަށް އުފަން ގޯތަމް އަދާނީ ގްރޫޕް އުފެއްދީ 1988 ވަނަ އަހަރުއެވެ. އޭގެފަހުން ވިޔަފާރީ ފުޅާކޮށް ކުރި މަސައްކަތުން މިހާރު އެ ކުންފުންޏަކީ އެއާޕޯޓްތަކާއި ޝިޕިން ބަނދަރުތަކާއި ކަރަންޓް އުފެއްދުމާއި ހަކަތަ ޓްރާންސްމިޝަން އަދި މައިނިން ކުންފުނިތައް ހިމެނޭ ބޮޑު ކުންފުންޏެކެވެ.

comment ކޮމެންޓް