ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ރަސްމީ އެކައުންޓުން އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް މަލާމާތްކުރި މައްސަލައިގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވައި ސަފީރު އިބްރާހިމް ޝަހީބު، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.
ގައުމުތަކުގެ ސަފީރުން ޚާރިޖީ ވުޒާރާއަށް ހާޒިރުކުރަނީ، ކުރިމަތިވާ ކަންކަމުގައި ނުރުހުން ފާޅުކުރުމަށާއި އެ ކަމުގައި އެ ގައުމުން ދެކޭ ގޮތުގެ ސީރިއަސްކަން ހާމަކުރާށެވެ.
ޝަހީބު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރެވެ. އެކަމަކު، އެ މައްސަލައިގައި ސަރުކާރުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
އިންޑިއާގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް، މޯދީ ކުރެއްވި ޕޯސްޓަކާ އެކު ބައެއް ނައިބު ވަޒީރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ މޯދީއާއި އިންޑިއާއަށް ވަރަށް ބޮޑަށް ކުޑައިމީސްވާ ގޮތަށް ވާހަކަދައްކައިފައެވެ. ހާއްސަކޮށް، ތިން ނައިބު ވަޒީރުން މޯދީއަށް ކުޑައިމީސްކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އިންޑިއާގެ ބޮޑެތި މީޑިއާތަކާއި ބޮލީވުޑުގެ ފިލްމީތަރިން ވެސް އަންނަނީ ރާއްޖެ ދަތުރުނުކުރާން ހިތްވަރުދެމުންނެވެ.
މީގެ ކުރިން ވެސް ދިމާވި ބައެއް މައްސަލަތަކުގައި އިންޑިއާގެ ސަފީރުން ރާއްޖޭގެ ޚާރިޖީ ވުޒާރާއަށް ވެސް ހާޒިރުކޮށްފައި އެބަހުއްޓެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޭރު އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސުބްރަމާނިޔަމް ސުވާމީ ރާއްޖެ ހިފަން ޖެހޭކަމަށް ވިދާޅުވުމުން، އޭރު އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ހާޒިރުކުރިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ހަރަކާތުގެ މަގުސަދު ފުއްދަވައި، އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދުފުޅާ އެކުގައެވެ. މި ސަރުކާރުން ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ގައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އިންޑިއާއިންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.