ޕީއެންސީން އެމްޑީޕީ މެންބަރުން ''ގަތުމަށް'' 60 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ފައްޔާޒު ތުހުމަތުކުރައްވައިފި

އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ފައްޔާޒު ވަނީ ސަރުކާރުން އެ ޕާޓީގެ 13 މަޖިލިސް 'ގަތް' ކަމަށް ތުހުމަތު ކުރައްވާފަ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 13 މަޖިލިސް މެންބަރަކު ގެންދަން 60 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ތުހުމަތުވާ މޭރުމަކުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވާހަކަދައްކަވައިފިއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ފައްޔާޒު ވިދާޅުވީ އެ 13 މެންބަރުން އެމްޑީޕީން ވަކިވީ އެ ޕާޓީއާ ގުޅުން ހުރި ސަބަބަކާ ހެދިއެއް ނޫން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، އެއްވެސް މައްސަލައަކާ ގުޅިގެން މެންބަރުންތަކެއް ޕާޓީ ދޫކުރައްވާ ކަމުގެ މައުލޫމާތު ދުރާލާ ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި މިފަހުން ޚިޔާލުތަފާތުވި ކަންތައްތަކުގެ ތެރޭގައި މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން ހިމެނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ޕާޓީގެ ސެކްރެޓޭރިއެޓްގެ ޕޮޒިޝަންއަކީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުން، އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ޚިޔާލު ތަފާތު އެކަމުގައި... އެމްޕީސް ވެސް އެމްޕީސް ނޫން ބަޔެއް ވެސް އޭގެ ތެރޭގައި ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީން ރުހުން ދިނުމުގެ މަސައްކަތް ބޮޑަށް ދޫކޮށްލީ މަޖިލިސް މެންބަރުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ މައި ޕާޓީން އިދިކޮޅު މެންބަރުންތަކެއް ގެންނަން ނިންމި ސަބަބެއްގެ ގޮތުގައި ބެލެވެނީ ރައީސާއި ނައިބު ރައީސް އަޒުލުކުރަން އުޅޭ ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ މެދު ކަންބޮޑުވުން ކަމަށެވެ. ނަމަވެސް އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި އަޒުލު ކުރުމުގެ ވާހަކަ މެންބަރުންގެ މެދުގައި ދައްކާފައި ވަނީ ސަމާސާއެއްގެ ގޮތުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑަށް މިހާރު އެބަ ގަބޫލުކުރެވޭ އެކަމުގެ ވެސް ކަންބޮޑުވުން ވެސް އޮތުމުގެ ސަބަބުން، ވަރަށް ބޮޑެތި ކަންތައްތަކާ އެއްކޮށް އަޅުގަނޑުމެންގެ މެންބަރުންތަކެއް ގެންދިޔުމަށް ސަރުކާރުން ނިންމީ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ސިފަކުރެއްވީ އެއީ ސަރުކާރުން ވަރަށް ބޮޑު "ގަޅިއެއްގައި ޖެހުމުގެ" ގޮތުގައެވެ. އަދި މެންބަރުން ހޯދުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ސިޔާސީ ބައެއް ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވި ކަމުގެ އަޑުއިވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އަޑުއެހިން ބައެއް ޕާޓީތަކުގެ ލީޑަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މެންބަރުން ހޯދުމަށް ޓަކައި އެކިއެކި އެހީތެރިކަން ބޭނުންވާ ވާހަކަ އެ ބޭފުޅުން އަރިހުގައި ދެންނެވިކަމަށް،" ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު އަޑުއެހިން ރައީސުލްޖުމްހޫރިއްޔާ ބައެއް ސިޔާސީ ޕާޓީތަކުގެ ލިޑަރުންގެ އަރިހުގައި 60 މިލިއަން ރުފިޔާ ހޯދަން ޖެހޭ ވާހަކައެއް ވިދާޅުވި [ކަމަށް]."

ނަމަވެސް އެ ވާހަކަތަކުގެ ހަގީގަތް ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ 13 މެންބަރުން ޕީއެންސީއަށް ސޮއިކުރީ މިދިޔަ މަހުގެ 28ގައެވެ.

އެންމެ ފަހުގެ މަޖިލީހުގެ އިންތިޚާބު އޭރު ވެރިކަމުގައި އޮތް އެމްޑީޕީން 65 ގޮނޑިއާއެކު ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދިއެވެ. ނަމަވެސް ޑިމޮކްރެޓްސް އުފެއްދުމަށް 13 މެންބަރަކު އެ ޕާޓީން ވަކިވުމާއެކު މެންބަރުގެ އަދަދު ދަށަށް ދިޔައެވެ. މިހާރު މަޖިލީހުގައި ތިބީ އެމްޑީޕީގެ 43 މެންބަރުންނެވެ.

comment ކޮމެންޓް