ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)އާއި އެލައިޑް އިންޝުއަރެންސްގައި އޮތް މިފްކޯގެ ހިއްސާ މިއަދު ރަސްމީކޮށް ސަރުކާރަށް ބަދަލުކޮށްފިއެވެ.
އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިހާތަނަށް އައިއިރު އޮތް މިފްކޯ، މުޅިން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް މި ސަރުކާރުން ނިންމީ މި މަހުގެ ފަސްވަނަ ދުވަހެވެ.
އެއާއެކު މިއަދު އެސްޓީއޯއާއި އެލައިޑުން ވަނީ އެ ނިންމުމާ އެއްގޮތަށް އެ ދެ ކުންފުނީގައި އޮތް މިފްކޯގެ ހިއްސާ އެއްކޮށް ސަރުކާރަށް ބަދަލުކޮށްފައެވެ.
އެހެންވެ، މިފްކޯ މިހާރު ވާނީ 100 ޕަސެންޓު ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކަށެވެ.
ހިއްސާ ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ ބެއްލެވުމުގެ ދަށުންނެވެ.
މިފްކޯއަކީ 100 ޕަސެންޓު ސަރުކާރު ކުންފުންޏަކަށް ހައްދަވާނެކަން އިއުލާނުކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިޔުން ކަމަށެވެ.
އަދި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ހާސިލުކުރުމަށް، މަގު ފަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ގާއިމުކޮށް އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަން ވެސް ނިންމައިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދެވޭނީ މިފްކޯ ވަކި ކުންފުންޏަކަށް ހެދުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.
މިފްކޯ ވަކި ކުންފުންޏަކަށް ހެދުމާއި މަސްވެރިންގެ ކޯޕަރޭޓިވްއެއް އުފެއްދުމަކީ ރައީސްގެ ރިޔާސީ ދެ ވައުދުފުޅެވެ.
މިފްކޯއަކީ 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރީ އެ ކުންފުނީގެ ދަރަނި ބޮޑުވުމުން އެ މައްސަލަ ހައްލުކުރުމަށެވެ.