ޕެޓްރޯލް ލީޓަރަކުން 48 ލާރި އަގުހެޔޮކޮށް، ވިއްކަން ފަށައިފި

ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑު -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެސްޓީއޯއިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 48 ލާރި އަގުހެޔޮކޮށްފިއެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ލިބެނީ 12.21 ރުފިޔާއަށެވެ. އެހެން ނަމަވެސް، ފިއުލް ސްޓޭޝަންތަކުގެ ޕެޓްރޯލްއަގުތައް ރިވައިޒް ކުރުމަށް ފަހު، އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު ހެޔޮކޮށްފައެވެ. އެގޮތުން، މިހާރު އެސްޓީއޯ ފިއުލް ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 11.73 ރުފިޔާގައެވެ.

އެންމެފަހުން ޕެޓްރޯލް ލީޓަރެއްގެ އަގު ހެޔޮ ކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ ފަހަރު، ލީޓަރަކުން 35 ލާރި އަގުހެޔޮ ކުރިއެވެ.

އޭގެފަހުން، މިދިޔަ ޖެނުއަރީ 27ގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން މާލެއާއި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތަކުން ފުޅިއާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލު ވަނީ ބަދަލުކޮށްފައެވެ.

އެ އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ފުޅިއަކަށް ކަސްޓަމަރަކަށް ދެން ދޫކުރަނީ ދުވާލަކަށް ތިން ލީޓަރެވެ. ފުޅިއަށް ތެޔޮ އަޅާދެވެނީ މިހާރެކޭ އެއްގޮތަށް އެ ކަސްޓަމަރެއްގެ އައިޑީކާޑު ހުށަހެޅުމުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، ހަމަށް ތެޔޮ ދޫކުރަނީ ޑިންގީ ނުވަތަ ލޯންޗެއްގެ ރަޖިސްޓްރީއަށް ބަލައިގެން ދުވާލަކަށް ގިނަވެގެން 80 ލީޓަރު ކަމަށް އެފްއެސްއެމުން ބުނެފައިވެއެވެ.

comment ކޮމެންޓް