އެސްޓީއޯއިން ވަކިކޮށް، މިފްކޯ އަނެއްކާވެސް ވަކިން ހިންގާ ކުންފުންޏަކަށް ހަދަނީ

މިފްކޯއިން އަލަށް ގެނައި ބޯޓުން މަސްކިރަން ފެށުން -- ފޮޓޯ/ މިފްކޯ

އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިހާރު އޮތް މިފްކޯ، މުޅިން ވެސް ސަރުކާރު ހިއްސާވާ, ވަކިން ހިންގާ ކުންފުންޏަކަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މިފްކޯއަކީ ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުން ކަމަށެވެ.

މިއަދު ކެބިނެޓުން ބޭއްވި ބައްދަލުވުމެއް ހެނދުނުން ފެށިގެން ހަތަރެއް ޖަހަންދެން ކުރިއަށްދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ބައްދަލުވުމުގައި މުހިންމު 10 ކަމެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، މިފްކޯ ވަކި ކުންފުންޏަކަށް ހެދުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ކަރުދާހާ ބެހޭ ގޮތުން މަޝްވަރާކޮށް ގޮތް ނިންމުން ހިމެނުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އެ މަސައްކަތް، އެކަމުގެ ހުރިހާ އިޖުރާއަތްތައް ދެން ކުރިއަށްގެންދެވޭނެ. އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށްގެންދިޔުމުގައި، މަސްވެރިންނަށް އަޅުގަނޑުމެން ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި، މަގުފަހިކުރުން،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ގާއިމުކޮށް އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަން ވެސް ނިންމައިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދެވޭނީ މިފްކޯ ވަކި ކުންފުންޏަކަށް ހެދުމަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

މިފްކޯ ވަކި ކުންފުންޏަކަށް ހެދުމާއި މަސްވެރިންގެ ކޯޕަރޭޓިވްއެއް އުފެއްދުމަކީ ރައީސްގެ ރިޔާސީ ދެ ވައުދުފުޅެކެވެ.

މިފްކޯ އަކީ 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރީ އެ ކުންފުނީގެ ދަރަނި ބޮޑުވުމުން އެ މައްސަލަ ހައްލުކުރުމަށެވެ.

comment ކޮމެންޓް