ކާށީގެ އަގު ބޮޑުވެ، އެސްޓީއޯއިން ވިޔަފާރިވެރިންނަށް ކާށި ގެނެސްދެނީ

ކާށީގެ އަގު ބޮޑުވެ، އެސްޓީއޯއިން ވިޔަފާރިވެރިންނަށް ކާށި ގެނެސްދެނީ ---

ބާޒާރުގައި ކާށީގެ އަގު ބޮޑުވެ، ކާށި ލިބުން ދަތިވެފައި ވަނިކޮށް ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް އެސްޓީއޯއިން މިއަދު ނިންމައިފިއެވެ.

މި ރޯދަމަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ޚާއްސަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

\މިހާރު ބާޒާރުގައި ކާށީގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން ކާއްޓެއްގެ އަގު ހުރީ 40 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ. މި އަގުތައް މިހެން ހުރިތާ މިހާރު ހަފުތާއެއްހާ ދުވަސްވެ، އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކާށީގެ އަގު ތިރިކުރުމަށް ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން އެސްޓީއޯއިން ފެށިއެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައް ވެސް ބާޒާރަށް ނެރެމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން އެ ކުންފުނުނިން ބުނީ ވިޔަފާރިވެރިން އެސްޓީއޯ މެދުވެރިކޮށް ކާށީ އެތެރެކުރަން ބޭނުންވާނަމަ ބުކްކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައި ވާނެކަމަަށެވެ. އެކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑު ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކާށީގެ ސްޓޮކް ހޯދުވުމަށް ޝައުޤުވެރިވާ ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ނަންބަރު، 3012575އަށް ގުޅައިގެންނުވަތަ 7291124އަށް ވައިބާ މެސެޖު ކޮށްގެން ވެސް ބުކްކުރެވޭނެއެވެ.

ވިޔަފާރިވެރިންނަށް ގެނެސްދޭ ކާށީގެ ޝިޕްމަންޓު ކޮންމެ 10ދުވަހަކުން ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަމަށާއި މުދަލަށް ފައިސާ ދައްކަންޖެހޭނީ ޝިޕްމަންޓު އައުމުން ދިވެހި ރުފިޔާއިން ކަމަށް ވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

މި ޚިދުމަތުގެ މަގުސަދުތަކުގެ ތެރޭގައި، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ހިމެނެއެވެ.

ރޯދަމަހުގެ ތިންވަނަ ދުވަހުން ފެށިގެން ކާއްޓެއްގެ އަގުވަނީ 40 ރުފިޔާއަށް އުފުލިފައެވެ.

comment ކޮމެންޓް