މެންބަރުންގެ މުސާރަ ބޮޑުކުރާތީ ރައްޔިތުން ރަތަށް!

މަޖިލީހުގެ ޖަލްސާއެއް ތެރެއިން-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ، ކޮމިޓީ އެލަވަންސާއެކު އެއް ލައްކައަށް އަރާ ވަރަށް ބޮޑު ކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރުމާއެކު ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކޮށްފިއެވެ.

މަޖިލިސް މެންބަރުންގެ އިތުރުން ރައީސާއި ނައިބު ރައީސާއި މިނިސްޓަރުންގެ ވެސް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރީ ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ވެސް މަޖިލީހުގެ މަސައްކަތްތައް ނުކުރެވި އެތައް ދުވަހަކަށް މަޖިލީހުގައި މަރުތަޅު އެޅުވިފައި އޮތެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ އެތައް ނުރުހުމެއް މަޖިލީހަށް ވަނީ ރައްދުވެފައެވެ. މެންބަރުންނަކީ ހަމައެކަނި ބޮޑު މުސާރައާއި އެލަވަންސް ދީފައި ތިބޭ ބައެއް ކަމަށް ބުނެއެވެ.

އެއަށްފަހު މިއަދު މަޖިލިސް މެންބަރުންގެ މުސާރަ، 82،500އިން އެއްލައްކައަށް ބޮޑުކުރަން ކޮމިޓީން ނިންމުމާއެކު މުޅި ސޯޝަލް މީޑިއާ ފުރުނީ އާންމު ރައްޔިތުންގެ ނުރުހުން ފާޅު ކުރުމުގެ ޕޯސްޓުތަކުންނެވެ.

އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ މަޖިލިސް މެންބަރުންގެ މުސާރައަށް މި ފަދަ ބަދަލެއް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގެންނަންވީ ބަދަލަކީ މެންބަރުންގެ މުސާރަ ކުޑަކުރުން ކަމަށް އޭނާ ބުންނެވެ.

އޭނާ ބުނެފައިވަނީ، އާންމު ރައްޔިތުން ބޭސްފަރުވާ ފަދަ ޒަރޫރީ ކަންކަމަށް ސަލާން ޖަހަމުން ދަނިކޮށް އެ މައްސަލަ ހައްލު ނުކުރެވެނީސް، ރައްޔިތުން ހޮވާ މަންދޫބުގެ އިނާޔަތް ބޮޑުކޮށްގެން ނުވާނެ ކަމަށެވެ.

އޭނާގެ އިތުރުން ވެސް އެހެން މީހުން ވަނީ ރާއްޖޭގެ ދަރަނި ބޮޑުވެފައިވާ ދަނޑިވަޅެއްގައި މަޖިލީހުން މުސާރަ ބޮޑު ކުރުމަކީ ރަނގަޅު ކަމެއްތޯ ސުވާލު އުފައްދާފައެވެ. އަދި ސިޔާސީ ޕާޓީތައް ގިނަ ކަންކަމުގައި ޚިޔާލު ތަފާތުވި ނަމަވެސް، އަމިއްލަ މުސާރަ ބޮޑުކުރަން ޖެހުމުން މަޖިލީހުގައި ތިއްބަވާ އެ ޕާޓީތަކުގެ މެންބަރުން އެއްގަލަކަށް އަރާކަން އެ މީހުން ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެން ދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް-ޕީއެންސީ ވިޔަސް، ބޮޑެތި ޕާޓީތަކުން އަމަލު ކުރަމުން ދަނީ ހަމަ އެއްގޮތަކަށް ކަމަށެވެ.

އަދި ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީ ކަމަށް ފާރިސް ތުހުމަތުކުރެއްވިއެވެ. އަދި ރާއްޖޭގެ އާބާދީގެ ނިސްބަތުން, މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރަން ޖެހޭ ކަމަށް ފާރިސް ވެސް ވިދާޅުވިއެވެ.

"މި ނިޒާމު ބަދަލުކުރުމަށް އާ ވިސްނުމެއްގެ މީހުން ހޮވަން ޖެހޭ!،" ފާރިސްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

"މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ! މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަން ޖެހޭ،"

މަޖިލީހުގެ ޖަލްސާއެއް ތެރެއިން-- ފޮޓޯ/ މަޖިލިސް

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ، މަޖިލީހާއި މާލިއްޔަތު ކޮމިޓީގައި ވެސް އަޣުލަބިއްޔަތު އޮތް އެމްޑީޕީއަށް ވެސް ފާޑުކިޔައިފައެވެ.

މާލިއްޔަތު ކޮމިޓީގައި 16 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން 10 މެންބަރުންނަކީ ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.

ބައެއް މީހުން ޝުއޫރު ފާޅުކުރަމުން ބުނެފައި ވަނީ، މިފަދަ ދަނޑިވަޅެއްގައި އަމިއްލަ މުސާރަ ބޮޑުކުރަން ނިންމުމުން އެނގެނީ، މަޖިލިސް މެންބަރުން ރައްޔިތުންގެ އަޑު ނާހާކަން ކަމަށެވެ.

މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް މީހުން ވެސް ވަނީ މަޖިލީހުގެ ކޮމިޓީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އިންފޮމޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ (ނަންނަ) ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި ފުރަތަމަ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަށް ގޮވައިލައްވައިފައެވެ.

މިއަދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ރައީސްގެ ޖުމްލަ މުސާރަ 90،000 ރުފިޔާއަށް ބޮޑު ކުރުމަށާއި މަޖިލީހުގެ ނައިބު ރައީސްގެ ޖުމްލަ މުސާރަ 88،000 ރުފިޔާއަށް ބޮޑުކުރުމަށެވެ. އަދި މެންބަރުންގެ އަސާސީ މުސާރަ 57،000 ރުފިޔާއަށާއި، ލިވިން އެލަވަންސްއަށް 25،000 ރުފިޔާއާއެއްކޮށް، ޖުމްލަ 82،000 ރުފިޔާއަށް ބޮޑުކުރުމަށެވެ.

ނަމަވެސް ކޮމިޓީގައި ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު އަސާސީ މުސާރައާއެކު ޖުމްލަ މުސާރަ ކުޑަކުރަން ނިންމިއެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި ހުށަހެޅި 57،000 ރުފިޔާގެ ބަދަލުގައި 55،000އަށް ކުޑަކޮށް، ޖުމްލަ މުސާރަ 80،000އަށް ކުޑަކުރުމަށް ނިންމިއެވެ.

އެހެންވެ، މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު ޖުމްލަ މުސާރަ އެއް ލައްކައަށް އަރާނެއެވެ.

comment ކޮމެންޓް