ނަވާރަ ވަނަ ރައްއިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި، މެންބަރެއްގެ ގޮތުގައި ވާހަކަދެއްކުމުގެ އެންމެ ފަހު ފުރުސަތުގައި ކޮންމެ މެންބަރަކު ވެސް އެ މެންބަރެއްގެ އިހުސާސްތައް އައީ ބަންޑުންކޮށްލަމުންނެވެ.
މުޅިން ވެސް ދެއްކެވީ ދާއިރާގެ ރައްޔިތުންނަށް ޓަކައި އޮތް ލޯބީގެ ވާހަކައެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި މި ނިމޭ ފަސް އަހަރުގެ ދައުރުގެ ތެރޭ ކޮށްދެއްވި މަސައްކަތްތަކުގެ ވާހަކައެވެ. އަދި ކޮށްދެއްވަން މަސައްކަތް ކުރެއްވި ކަންތައްތަކުގެ ވާހަކައެވެ.
ދާއިރާގެ ރައްޔިތުންގެ މައްޗަށް އޮތް ލޯބީގެ އިތުރުން ވަދާއީ މެސެޖުގައި ކޮންމެ މެންބަރަކު ވެސް ވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން، ބުދަ ދުވަހު ނިމޭ 19 ވަނަ މަޖިލީހުގެ ދައުރުން ނުވި ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ.
އެގޮތުން 20 ވަނަ މަޖިލީހަކީ، 19 ވަނަ މަޖިލީހުގައި ނުވި ކަންކަން ފޫބެއްދުމަށް އަންނަ މަޖިލީހަކަށް ވުމަށް ހުރިހާ މެންބަރުން ވެސް ވަނީ އެދިލައްވައިފައެވެ. ވަކިން ޚާއްސަކޮށް ސިޔާސީ ނުފޫޒުން މިނިވަންވެފައި އޮންނާނެ، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ މަޖިލީހަކަށް ހެދުމަށް ހުރިހާ މެންބަރުން ވެސް ވަނީ ގޮވާލައްވައިފައެވެ.
އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން
ނަވާރަ ވަނަ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، މަޖިލީހަކީ ގިނަ ގޮންޖެހުންތަކަކާއެކު މަސައްކަތްކުރަންޖެހޭ ތަނެއް ކަމަށެވެ. އެ ގޮންޖެހުންތަކާ އެކު ވެސް ދާއިރާގެ ރައްޔިތުންގެ ފަރާތުން ގިނަގުނަ ކަންތައްތަކެއް އޭނާގެ ހަޔާތުން ވެސް ހާސިލުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު މި މަސައްކަތް ނިންމާލާފައި މި ދަނީ، ގިނަގުނަ މަސައްކަތްތަކެއް ތަފާތު ކޮމިޓީތަކުގައި ވެސް ކޮށްދީފައި. ގައުމުގެ އިގްތިސާދަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެވުނު،" މެންބަރު ހުސެއިން ވިދާޅުވިއެވެ.
"އަޅުގަނޑު އަލިފުށީ ދާއިރާގެ ރައްޔިތުންނަށް ބުނެލަން އޮތީ އަޅުގަނޑު ހިތާ ހިތުން އޮތީ ތި ދާއިރާގެ ރައްޔިތުންނާ ގުޅިފައޭ. މި ގުޅުމެއް ވަތްކެއް ނުވާނެއޭ. މި ހިތުގައި ތިބޭފުޅުންގެ އޯގާތެރިކަމާއި ލޯބި އަޅުގަނޑު ހިތަށް ބިންވަޅު ނެގި ކަށަވަރުކޮށް ތިބޭފުޅުންނަށް ޔަގީންކަމާއެކު އަރުވަމޭ،" އޭނާ ވިދާޅުވިއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިފަހަރު ވެސް ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި ވާތީ އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެބާރު އަނެއްކާ ވެސް އެކުވީ ކަމަށެވެ.
ނަމަވެސް 20 ވަނަ މަޖިލީހަށް ހޮވުނު މެމްބަރުން އެގޮތަށް އަމަލުނުކުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރައްވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
"ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ސުޕަމެޖޯރިޓީއެއް ލިބުނެއް ކަމަކު، ރައްޔިތުންގެ މަޖިލީހަކީ މިނިވަންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި އަަޅުގަނޑު މިވަގުތު ވެސް ހަނދާންކޮށްލަދޭން ބޭނުންވޭ،" އިމްތިޔާޒް ވިދާޅުވިއެެވެ.
އަދި މަޖިލީހަކީ ސަރުކާރުން އެދޭ ގޮތަށް 'ރަބަރު ސްޓޭމްޕް' ޖަހާ ތަނަކަށް ނުހެދުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލެއްވިއެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
އަފީފް ވިދާޅުވީ، ވެރިން ބުނާ ގޮތަށް މަޖިލީހުން ކަންތައްތައް ކުރާނަމަ ހުރިހާ ކަމަކަށް ވެސް ސިޔާސީ ނުފޫޒު ފޯރާނެ ކަމަށާއި މަޖިލީހަށް މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މަގާމްތަކުގައި ތިބޭ ބޭފުޅުން ވަކި ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.
އެގޮތުން މަޖިލީހުގެ މެންބަރުން ވެސް މަސައްކަތް ކުރަން ޖެހޭނީ ޤައުމަށް އެންމެ ފައިދާވާނެ ގޮތުގެ މަތިން ކަމަށް އަފީފް ވިދާޅުވިއެވެ.
"ނަމަވެސް މިނިވަން މުއައްސަސާތަކާއެކު މަސައްކަތް ކުރެވޭނީ އެ ފަރާތުން އެ މީހުންނަކީ ގާނޫނަށް ތަބާވާން ޖެހޭ ބައެއް ކަމާއި އަދި އެ މީހުންގެ މަސައްކަތް މިނިވަން ކަމާއެކު ކުރެވޭނީ ގާނޫނަށް ތަބާވެގެން ކަމަށް ގަބޫލު ކުރެވިގެން،" އަފީފް ވިދާޅުވިއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
އާޒިމް ވިދާޅުވީ، ވެރިކަން ކުރުމަށް ޓަކައި އަދުލުވެރިކަމާއެކު ވެރިކަންކުރި، އަދި ރައްޔިތުންނަށް ހައްގުވާ މިންވަރަށް ވެރިކަންކުރަން އައި އެއްވެސް ރައީސަކު މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު ފިޔަވާ މިހާތަނަށް ނެތްކަމަށެވެ.
އެގޮތުން ނިމިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ގިނަ ފަހަރަށް އޮންނަނީ ސިޔާސީ ކޯޅުން ކަމަށް އާޒިމް ވިދާޅުވިއެވެ.
"ސަރުކާރަށް ސަނާކިޔަން ވެއްޖިއްޔާ މި ރާއްޖެއަށް ކުރިއެރުމެއް ނޯންނާނެ،" އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދުކުރަނީ ދެން އަންނަ 20 ވަނަ މަޖިލީހަކީ، ރައްޔިތުންގެ ހައްގުގައި ތެދުވެ، ބަސްބުނާނެ މަޖިލީހަކަށް ވާނެކަމަށް. ފަހަރެއްގައި ވެސް ސަރުކާރު ބޭނުންވާ 'ރަބާ ސްޓޭމްޕް' ޖަހާނެ، ސަރުކާރުން ދޭ އޮފާތައް ގަބޫލުކޮށް، އެ ހެޔޮ ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ޓެކްސް އެތައް ދަރަޖައަކަށް ބޮޑުވެގެން ދިޔަސް، ހަމަ ބަލާނުލާ މިތާ ތިބެގެން ރަބަ ސްޓޭމްޕް ތައްގަނޑެއްގެ ގޮތުގައި ތިބޭނެ މެންބަރުންނަށް ނުވާނެ ކަމަށް،" އާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ އެޖެންޑާގައި، މެންބަރުންގެ ފަހު ބަސް ބުނުމަށް ދިން ފުރުސަތުގައި ކޮންމެ މެންބަރަކު ވެސް ވާހަކަދެއްކުން ނިންމާލާފައި ވަނީ މަޖިލިސް އިދާރާގެ މުވައްޒަފުންނާއި، ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރަމުންނެވެ.
ނަވާރަ ވަނަ މަޖިލީހުގައި 87 ދާއިރާ އޮތް އިރު މިހާރު ތިއްބެވީ 80 މެމްބަރުންނެވެ. އެއީ ހަތް މެމްބަރަކު ސަރުކާރު ބަދަލުވުމާ އެކު އެކި މަގާމުތަކަށް ދިޔުމުންނެވެ.
މި ދައުރުގައި މަޖިލީހުގައި ދެ ރައީސުންނާއި ނައިބު ރައީސުން ތިއްބެވިއެވެ. އެންމެ ފުރަތަމަ މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރެއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދާއި ކޮއްކޯފުޅު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި އޭރު ސަރުކާރު ހިންގި މައި ޕާޓީ އެމްޑީޕީގެ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު މަޖިލީހަށް ވެއްދި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ނަޝީދު އަދި އީވާ ވެސް ވަނީ އިސްތިއުފާދެއްވާފައެވެ.
އެއަށް ފަހު މަޖިލިސް ރައީސްކަމުގެ މަގާމަށް އައްޔަނުކުރެއްވީ މިހާރުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި ނައިބު ރައީސަކަށް އައްޔަނުކުރެއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ނަވާރަ ވަނަ މަޖިލިސް ފާހަގަކުރެވެނީ ސިޔާސީ ކޯޅުންގަނޑުގައި މަޖިލީހުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސް އޮތް މަޖިލީހެއްގެ ގޮތުގައެވެ. މަޖިލިސް ހުއްޓުމަކަށް އައިސް މަސައްކަތްތައް އަލުން ހިނގައިގަތީ، ނަޝީދު އިސްތިއުފާ ދިނުމަށް ފަހުގައެވެ.
މި މަހުގެ 28 ވަނަ ދުވަހު ހުވާ ކުރާ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިބޭނެއެވެ. އެ މަޖިލީހުގައި މީގެ ކުރިން މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅުންނާ، މުޅިން އާ މޫނުތައް ވެސް ފެނިގެންދާނެއެވެ.