މިއަދު ރައްޔިތުންގެ މަޖިލީހުގައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަޒުލުކުރުން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި މެންބަރު ޝީފާއު މިފަދައިން ވިދާޅުވީ ރައީސާއި ނައިބު ރައީސް އަޒުލުކުރުން ފަސޭހަކުރަން ހުޅަހަޅާފައިވާ އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
ޝިފާއު ވިދާޅުވީ، އެ މައްސަލަ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕަށް އޭނާ ހުށަހަޅުއްވާނެ ކަމަށެވެ.
އޭނާ ވަނީ މިއަދު މިއޮތް ވެރިކަމަކީ ގާނޫނީ އެއްވެސް ހުކޫމާތެއް ނެތް ވެރިކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ. އެގޮތުން މަޖިލީހުން ފާސްކުރުމަށް ފަހު ރައީސް ތަސްދީގުކޮށްފައި ހުރި އެއްވެސް ގާނޫނަކަށް މި ސަރުކާރުން ބޯނުލަނބާ ކަމަށް މެންބަރު ވަނީ ތުހުމަތުކުރައްވާފައެވެ.
"ދިވެހި ފަހުރުވެރި ދިދަ މަޖިލީހުގެ މެންބަރުންނާ ސުވާލުކުރާ މަންޒަރު އެބަ ފެނޭ އަޅުގަނޑުމެންނަށް. މިހާރުގެ ރައީސް އަޒުލުކުރުމުގެ މަސައްކަތް ފަށަން ނުވޭތޯ ދިވެހި ދިދަ އަޅުގަނޑުމެންނާ މުޚާތަބު ކުރާތަން އެބަ ފެނޭ،" ޝިފާއު ވިދާޅުވިއެވެ.
އޭގެ އިތުރުން, ޝިފާއު ވަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލައިގަނެ އެ މަނިކުފާނު މިނިވަންކުރުމަށް ހުރަސް އަޅަނީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް ޝިފާއު ތުހުމަތުކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ރައީސާއި ނައިބު ރައީސް އަޒުލުކުރުމާ ގުޅޭ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ބަދަލު ގެންނަށް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ. އަދި، ގަވާއިދުގެ 49 ވަނަ މާއްދާއަށް މެންބަރު ޝިފާއު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.
މަޖިލީހަށް މި އިސްލާހުތައް ހުށަހަޅައި ފާސްވެއްޖެނަމަ، މެޖޯރިޓީ ޕާޓީ އެމްޑީޕީއަށް އެކަނި ވެސް ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ. އެހެންވެ، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިނަމަ، ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވެގެންދާނެއެވެ.
ގަވާއިދުގެ 49 ވަނަ މާއްދާއަށް ޝިފާއު އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ މެންބަރަކު އިސްތިއުފާ ދެއްވުމުން، އިތުރު މެންބަރަކު އިންތޚާބު ކުރެވެންދެން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރުގައި އެ މެންބަރުން އުނިކުރާށެވެ.
އާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުމާއި ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު ކަމަށެވެ.
ރައީސާއި ނައިބު ރައީސް އަޒުލް ކުރެވޭގޮތައް ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ އެ ދެ ބޭފުޅުން އަޒުލުކުރުމުގެ އެއްވެސް ނިޔަތެއް އޮވެގެން ނޫންކަމަށް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، އިސްލާހާ އަޒުލުކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މި އިސްލާހު ކޮމިޓީން ފާސްކުރުމާ ގުޅިގެން އެއީ ގާނޫނާ ޚިލާފަށް ނިންމައިފައިވާ ނިންމުމެއްކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި، އެ އިސްލާހާ ގުޅިގެން 'ސަރުކާރަށް ލޮޅުން އަރުވައިލަން އުޅޭނީ ޣައްދާރުން' ކަމަށް ރައީސް މުއިއްޒު ވެސް ވިދާޅުވިއެވެ.
މެންބަރު ޝިފާއު އެމްޑީޕީ ޕީޖީއަށް ރައީސް އަޒުލުކުރުމުގެ މައްސަލަ ހުށަހެޅުމަށް ވިދާޅުވިއިރު، ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް އެކަނި ވެސް ރައީސާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.
މި ވަގުތު މަޖިލީސް ބެހިގެންވާ ގޮތް:
- އެމްޑީޕީގެ 56 މެންބަރުން
- ޑިމޮކްރެޓްސްގެ 13 މެންބަރުން
- ޕީޕީއެމްގެ ދެ މެންބަރުން
- ޕީއެންސީގެ ދެ މެންބަރުން
- ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން
- އެމްޑީއޭގެ ދެ މެންބަރުން
- އަމިއްލަ ތިން މެންބަރުން
ރައީސާއި ނައިބު ރައީސް އަޒުލުކުރެވޭނެ ހަތަރު ހާލަތެއް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެއީ، އިސްލާމް ދީނާއި ނުވަތަ ގާނޫނު އަސާސީއާ ހިލާފުވުން، މަގާމުގައި ހުރެ ކުރަން އެކަށީގެންނުވާ ކަމެއް ކުރުން އަދި، މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުމެވެ.