މަޖިލިހަށް ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތު ހަމަތޯ ޕާޓީތަކުން ދުރާލާ ބަލަންޖެހޭ: ހަބީބް

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

މަޖިލިސް އިންތިޚާބުގެ ކެނޑިޑޭޓާކަށް ހުށަހަޅާ ބޭފުޅުންގެ ނަންތަށް ޕާޓީ ތަކުން ހުށަހަޅާ އިރު،ކެނޑިޑޭޓަކަށް އެ ހުށަހަޅާ ބޭފުޅަކީ ޝަރުތުހަމަވާ ބޭފުޅެއްތޯ ޕާޓީތަކުން ދުރާލާ ބަލަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވުމުގެ މަސައްކަތް ފަށައިފައިވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ، ޕާޓީތަކުން ޕްރައިމަރީ ބާއްވައިރު، ކެނޑިޑޭޓުކަމަށް ކުރިމަތިލަނީ ޝަރުތު ފުރިހަމަވާ މީހެއްތޯ ޕާޓީތަކުން ދުރާލައި ބެލުން މުހިންމު ކަމަށެވެ.

އެގޮތުން އެއީ ސާބިތު ދަރަންޏެއް އޮތް ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދައި ކުރަމުންދާ މީހެއްކަން އެނގެން އޮންނަންވާނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ޝަރުތު ހަމަވޭތޯ ޔަގީންކުރުމަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑީޑޭޓުންގެ ޒިންމާއެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ.

ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެއެވެ. ގާނޫނުގައި ބުނާ ތާރީޚުތައް ތަރުތީބުކުރުމުން އިންތިޚާބު ބޭއްވެނީ މާޗު 19ގައެވެ. އެއީ ރޯދަ މަހުގެ ތެރެއެވެ.

އެހެންވެ ރޯދައަށްފަހު އިންތިޚާބު ބެއްވުމުގެ މަޝްވަރާތަކެއް ވެސް އަންނަނީ ކުރެވެމުންނެވެ.

އެއާއެކު ޕާޓީތަކުން މިހާރު އަންނަނީ މަޖިލިސް އިންތިޚާބުގައި އެ ޕާޓީތަކުން ވާދަކުރާނެ ކެންޑީޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީތައް ބާއްވަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް