މާލޭ މީހުންނަށް ބިން ލިބިފައިހުރި ތަން ބަދަލުނުކޮށް، ބިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނަން: އާޒިމް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ އިންތިޚާބުގައި އެމްޑީޕީއިން ވާދަ ކުރައްވާ އާދަމް އާޒިމް -- ފޮޓޯ/ އެމްޑީޕީ

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ދޫކޮށްފައިވާ ގޯތި ލިބޭ ތަންތަން ބަދަލު ކުރުމަށް ފުރުސަތު ނުދީ، ހަމަ ކުރިން ވެސް ލިބެން އޮތް ތަނަކުން ބިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޖަލްސާގައި, އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ، މާލޭ ރައްޔިތުން ވަރަށް ހާލުގައި ދިރިއުޅެމުން ދަނިކޮށް އެ މީހުން ގޯތީ ދޭން ޞާލިޙް ނިންމެވި ނިންމެވުމަކީ ވަރަށް ހިތްވަރުގަދަ، ވަރަށް އޯގާތެރި ނިންމެވުމެއް ކަމަށެވެ. އަދި އެކަމަށް އަބަދުވެސް ޝުކުރުވެރިވެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ނިންމާފައި ވަނީ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުން ބިން ދިނުމަށެވެ. އެގޮތުން ދީފައިވާ ބައެއް ގޯތިތައް އެހެން ސަަރަހައްދަކަށް ބަދަލުކުރަން ޖެހިދާނެކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.

https://sun.mv/184974

މި ސަރުކާރުން އަންނަ އަހަރަށް ޕްލޭންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ ބޯހިޔާވަހިކަމަށް ފުށިދިއްގަރުފަޅު ހިއްކުމެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ފޮނުވިއިރު އެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. ނަމަވެސް، އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ވަނީ އެ ފައިސާ އުނިކޮށްފައެވެ.

އާޒިމް ވިދާޅުވީ ފުށިދިއްގަރު ފަޅަކީ ގޯތި ދިނުމަށް މިވަގުތަށް ޚިޔާރު ކުރެވެން އޮތް ތަނެއް ނޫން ކަމަށެވެ. އެގޮތުން މިހާރު އަމަލުކުރަންވީ ގޮތަކީ ހިއްކާފައި އޮތް ބިންތަކުގައި ފެނާއި ނަރުދަމާއާއި ކަރަންޓާއި މަގުތަކާއި ހޮސްޕިޓަލާއި މިސްކިތާއި ސްކޫލްތައް އަޅާފައި އެ ތަންތަނަށް މީހުންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް އަނެއްކާ އަނެއް 30 އަހަރު މިތަނުގައި މީހުން ގަނަތަޅުވަން ބައިތިއްބަން ވީކީއެއް ނޫން. ސީދާ ގަނަތަޅުވާ ސިޔާސަތުތަކުން އެ ބޭފުޅުން އަމަލުކުރަން އެ އުޅުއްވަނީ ފުށިދިއްގަރު ފަޅު ހިއްކަން. ފުށިދިއްގަރު ފަޅަށް ދެވޭނެ ގޮތް ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ؟ ރާއްޖޭގެ އެންމެ ގަދަ އެއް ކަނޑު ހުރަސްކޮށްފައި ދާން ޖެހެނީ، ވާދޫ ކަނޑު، އެއީ ބަރަވެލި ކަނޑު ކަހަލަ ވަރުގަދަ ކަނޑެއް،" އާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

އޭނާ އިތުރަށް ވިދާޅުވީ ކަނޑު ގަދަ ކަމަށްވާ ނަމަ ފުށިދިއްގަރު ފަޅަށް ނުވެސް ދެވޭނެ ކަމަށެވެ. އަދި ހުޅުމާލޭގައި އަސާސީ ޚިދުމަތްތައް ދެވޭނެ ގޮތް ނުނިމެނީސް މާލެއާ ދުރުގައި އޮތް ތަނެއް ހިއްކުމުގެ ބޭނުމާ ބެހޭ ގޮތުން އާޒިމް ސުވާލު އުފެއްދެވިއެވެ.

"ހަމަ ސީދާ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ނޫން ދެން ކޮން ކަމެއްތޯ މިއީ. އަޅުގަނޑު މޭޔަރު ކަމުގައި ބައިވެރިނުވާނަން ރައްޔިތުންގެ ފައިސާ އިސްރާފު ކުރާ އެއްވެސް ކަމެއްގައި،" އޭނާ ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވެފައި ވަނީ، މާލޭ މީހުންނަށް ދީފައިވާ ގޯތި އެހެން ދިމާއަކަށް ބަދަލުކުރި ނަމަވެސް އަލުން ދޭނީ ކުރިން ދޭން ނިންމައިފައި އޮތް ބޮޑުމިނުގެ ގޯއްޗެއްކަމަށެވެ. އަދި ގޯތި ލިބޭނީ ކުރިން ވެސް އޮތް ރަށުންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ބަދަލު ގެންނަން ޖެހެނީ، މިދިޔަ ސަރުކާރުން ބިން ދޫކުރަން ނިންމައިފައިހުރީ އެއްވެސް ޕްލޭނެއް ނެތި ކަމަށްވާތީ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް