ޔާމީން ވަކިވުމުން ހުސްވި ކޯލިޝަން ލީޑަރުކަން ރައީސް މުއިއްޒަށް

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ސަން ފޮޓޯ/ މާހިލް އާތިފް

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގައި އިސްކޮށް ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޯލިޝަނުން ވަކިވެވަޑައިގަތުމުން ހުސްވި ކޯލިޝަން ލީޑަރުގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ހޮވައިފިއެވެ.

ޕީއެންސީގެ ރައީސް ޑރ. މުއިއްޒު އެ މަގާމަށް ހޮވީ ޕީޕީއެމް، ޕީއެންސީން މިރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައެވެ.

ޕީޕީއެމްގެ ސެނެޓަރު މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ރައީސް މުއިއްޒު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރަކަށް ހޮވާފައި ވަނީ ސެނެޓުގެ އިއްތިފާގުންނެވެ.

ދެހާސް ނަވާރައިގައި ޕީއެންސީ އުފެއްދީ، ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނާއި ޕީޕީއެމްގެ އޭރުގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެެދުނު ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ކޯޓަށް މައްސަލަ ހުށަހެޅި ހިސާބުން ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވުމުންނެވެ.

އެއަށްފަހު ޕީޕީއެމާއި ޕީއެންސީން ކޯލިޝަން ހަދައި، ލީޑަރުގެ ގޮތުގައި ހުންނެވީ ރައީސް ޔާމީނެވެ.

ޕީޕީއެމް، ޕީއެންސީގެ މިއަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ފުރަތަމަ ހުންނެވީ ރައީސް ޔާމީން ނަމަވެސް، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް އިންތިޚާބުގައި ވާދަ ނުކުރެވިދާނެތީ ޕީއެންސީން ކެންޑިޑޭޓަކު ހޮވަން އެ ކޯލިޝަނުން ނިންމިއެވެ. އޭރު ރައީސް މުއިއްޒު ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް ރިޔާސީ ކެންޑިޑޭޓު ހޮވަން އޮތް ދުވަހު އެ މަނިކުފާނު ޕީއެންސީއަށް ސޮއި ކުރައްވައި، ސެނެޓުގެ ސިއްރު ވޯޓަކުން ޓިކެޓް ކާމިޔާބު ކުރެއްވިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް މިދިޔަ އޮގަސްޓު މަހުގެ ހަޔެއްގައި ސުޕްރީމް ކޯޓުން ހުކުމްކުރިއެވެ. އެއާއެކު އިންތިޚާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެންގެވި ނަމަވެސް ޕާޓީން އެއާ ދެކޮޅަށް ނިންމައި، ރައީސް މުއިއްޒާއެކު ކުރިއަށްދާން ނިންމިއެވެ.

ރައީސް މުއިއްޒުގެ ކެންޑިޑޭސީއަށް ޔާމީން އެންމެ ފަހު ވަގުތު ތާއިދުކުރެއްވިއެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ކޯލިޝަން ދޫކުރައްވައި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

comment ކޮމެންޓް