ވަޒީރުންނަށް ރުހުންނުދޭން ގޮވާލާފައި އޮއްވައި ޞާލިޙްގެ ބައްދަލުވުމެއް

އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެ ޕާޓީގެ މަޖިލީސް މެންބަރުންނާ އެކު -- ފޮޓޯ/ އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ގޮވާލާފައި އޮއްވައި އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕާ ބައްދަލުކުރައްވައިފިއެވެ.

ޞާލިޙް ބައްދަަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ފަހުގައެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު "ސަން"އަށް ވިދާޅުވީ މިއަދުގެ ބައްދަލުކުރެއްވުމަކީ މަޖިލީހުގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕީޖީ ގްރޫޕާ އެކު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމެއް ކަމަށެވެ.

އެކަމަކު، ބައްދަލުވުމާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ޞާލިޙް، އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާފައިވާއިރު، އެ މަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދޭން ވެސް ގޮވާލައިފައެވެ. އަދި، ސަރުކާރުން ބޮޑެތި އޮޅުވައިލުންތައް އޮޅުވައިލާކަމުގެ ތުހުމަތުގައި 'ނޯ ކޮންފިޑެންސް ވޯޓެއް' ނަގަން ޖެހޭ ކަމަށް ވެސް ބައެއް މެންބަރުން މިއަދު ވަނީ ގޮވާލައިފައެވެ.

ކުރީ ސަރުކާރުގައި ފެނަކައަށް ވައްދާފައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭ ކަމަށް ބުނެ އިއްޔެ ވެސް ވަނީ މަޖިލީހަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. އެކަމަކު، ފެނަކައިން ވަނީ އެކަން ދޮގުކޮށްފައެވެ.

މިއަދުގެ ޖަލްސާއަށް ވެސް އެމްޑީޕީން ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. މިއަދު ހުށަހެޅީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރާ އެކު އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމެއް ހާމަކުރަން ގޮވާލައެވެ.

މިއަދުގެ މައްސަލައަށް ބަހުސް ކުރަމުން އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރުން މުހައްމަދު ޝިފާއު ވިދާޅުވީ އިދިކޮޅުގައި ތިބީއިރު ޕީޕީއެމް/ޕީއެންސީން އޮތީ ވަރަށް ބޮޑަށް ރައްޔިތުންނަށް ހަގީގަތް އޮޅުވާލައިފައި ކަމަށެވެ. އެހެންވެ، މިހާރުގެ ސަރުކާރު ވީހާ ވެސް އަވަހަށް ވެރިކަމުން ދުރުކުރަން ވަނީ ގޮވާލައިފައެވެ.

އަދި، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްކަރީމް ވެސް ވަނީ ސަރުކާރަށް އިންޑިއާ ސިފައިންނާ ގުޅޭ ހުރިހާ ކަމެއް ހާމަނުކުރެވޭ ނަމަ 'ނޯ ކޮންފިޑެންސް' ވޯޓެއް ނަގަން ގޮވާލައިފައެވެ.

comment ކޮމެންޓް