މިއީ ބޭނުމެއް ނެތް އަލިފެއް ހެއްޔެވެ؟ (2)

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

މަތީގައި ލިޔެފައިވާ ސުރުޚީގެ ދަށުގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރީން އަޅުގަނޑު ލިޔުމެއް ލިޔުނީމެވެ. އެ ލިޔުމުގައި އޭގެ ދެވަނަ ބައެއް ލިޔާނެކަމަށް ބުނެފައިވާނެއެވެ. އަދި ދެވަނަ ލިޔުމަށް އިންތިޒާރުކުރާނެކަމަށް ބުނެ އެ ލިޔުމަށް ކިޔުންތެރީން ކޮމެންޓު ވެސް ކޮށްފައިވެއެވެ. އެހެންވީމާ މިއަދު މި ބަލަނީ އޭގެ ދެވަނަ ބައި ލިޔެވޭތޯއެވެ. ފިލުމުތަކުގައި ވެސް "ޕާޓު ޓޫ" ނުކުމޭ ނޫން ހެއްޔެވެ؟ މި ފަހަރު އަޅުގަނޑުގެ ލިޔުމަށް ވެސް މިވީ އެ ފަދަ ގޮތެކެވެ. "ޕާޓު ޓޫ" ނުކުތީއެވެ. އެކަމަކު މި ލިޔުމުގެ "ޕާޓު ޓޫ" ބަލާނީއެއް ނޫނެވެ. ކިޔައިލާނީއެވެ. އެ ގޮތް އެންމެ ރަނގަޅު ދޯއެވެ؟

އެ ލިޔުމުގައި ދިވެހި ލިޔުންތަކުގެ ތެރެއަށް ވަދެގެން އުޅޭ "ބޭނުމެއް ނެތް" އަލިފެއްގެ ވާހަކަ ދައްކާފައިވާނެއެވެ. އަދި ބޭނުން ހިފޭ އަލިފެއްގެ ވާހަކަ ފަހުން ކިޔައިދޭނެ ކަމަށް ބުނެފައިވާނެއެވެ. މިއަދު އެހެންވީމާ ބޭނުންހިފޭ އަލިފެއްގެ ވާހަކަދައްކަމާ ހިނގާށެވެ.

ބާޒާރުން ބާވަތްތަކެއް ގަންނަންބޭނުންވި މީހަކު، ހަދައިފައިވާ ލިސްޓެއްގެ ނަކަލު އޮތް ގޮތް ބަލައިލަމާ ހިނގާށެވެ.

އިސްވެ ބަޔާންކޮށްފައިވާ ލިސްޓާމެދު ފުންކޮށް ވިސްނައިލާށެވެ. މޭވާގެ ބާވަތްތަކާއި މަހުގެ ބާވަތްތަކާއި އަންނައުނުގެ ބާވަތްތަކުގެ ލިސްޓަށް ސަމާލުކަން ދެއްވާށެވެ. ދައްކަން މިއުޅެނީ އަލިފެއްގެ ވާހަކަ ނޫން ހެއްޔެވެ؟ އެހެންވީމާ، މުޅި ލިސްޓުގެ ތެރެއިން ވެސް ބާވަތްތަކުގެ ނަންތައް އަމުނައިލައިފައިވާއިރު، ކޮންމެ ދެ ނަމެއްގެ ދެމެދަށް އަލިފެއް ވަދެފައިވާ ތަން ފެނޭ ނޫން ހެއްޔެވެ؟ އެ އަލިފާ މެދު ވިސްނައިލާށެވެ. ތަންކޮޅެއް އަޑު ހަރުކޮށް އެ ނަތްތައް އެއް ނޭވާއިން ކިޔައިލާށެވެ. ކިޔާއިރު އެ އަލިފުގެ އަޑު ފާޅެއް ނުވާނެއެވެ. ކިޔާނީ، "ހަތަރު އާފާލާ ދިހަ އޮރެންޖާ އެއް ކިލޯ މޭބިސްކަދުރާ ފަސް އަނބު" މި ގޮތަށެވެ. ދެވަނައަށް އޮތް މަހުގެ ބާވަތްތަކުގެ ލިސްޓަށް ވެސް ވާނީ ހަމަ އެ ގޮތެވެ. "ދިހަ މުށިމަހާ ދެ ކަންނެއްޔާ ހަތަރު ރަތްމަހާ ތިން ފާނަ" އެވެ. ތާވަލުގެ ތިންވަނައަށް އޮތް ލިސްޓަށް ވެސް ވާނީ ހަމަ އެހެންނެވެ. އެއްކަލަ އަލިފު ހަމަ ކޮންމެ ދެ ނަމެއްގެ ދެމެދުން އުނިވެއްޖެ ދޯއެވެ. ކިޔާ އިރު އުނިވިޔަސް ލިޔުމުގައި އެބަ އޮތްދޯއެވެ. އާއެނކެވެ. ލިޔުމުގައި އޮންނަން ޖޭހޭނެއެވެ. އެއީ ހަގީގަތުގައި ވެސް ދިވެހިބަހުގެ ހަމަތައް ބުނާގޮތުން އޮންނަން ޖެހޭ އަލިފެކެވެ. އެއީ ކީއްވެ ހެއްޔެވެ؟

އަޝްރަފު މި ދައްކަނީ އަޖައިބެއް ކަހަލަ ވާހަކައެކެވެ. ކުރީ ލިޔުމުގައި ބުނެފައި އޮތީ، ކިޔާއިރު އެ އަލިފުގެ އަޑު ފާޅުނުވާތީ ލިޔާނެ ކަމެއް ނެތެވެ. އަނެއްކާ މިފަހަރު މި ބުނީ ކިޔާއިރު އަޑު ފާޅުނުވިޔަސް ލިޔާން ވާނެއެވެ. އެހެން އެވަނީ ކީއްވެ ހެއްޔެވެ؟ ކޮންމެވެސް ހަމައެއް ދައްކަބަލާށެވެ. ގަބޫލުކުރާނީ އޭރުންނެވެ.

މީގައި ވާ ގޮތް ދެނެގަތުމަށް އިތުރަށް ވިސްނައިލަމާ ހިނގާށެވެ. މެދަށް އަންނަ އަލިފަކީ އަސްލު އަލިފު އެކަންޏެއް ނޫނެވެ. އެއީ ދިވެހި ބަހުގައި ދޭދޭ ނަންނަމާއި ނަންއިތުރާއި ނަންއިތުރުގެ ނަން ގުޅުމަށް ބޭނުންކުރެވޭ އަކުރެކެވެ. މި ތަނުގައި އަކުރޭ މި ދަންނަވަނީ، އެކަނި އޮންނައިރު މާނައެއް ދޭހަނުވާ އަކުރަށެވެ. އެއީ ތާނައިގެ ހ އާއި ށ ފަދަ އަކުރުތަކެއް ނޫނެވެ. "އާއި" އާއި "ވެސް" އާއި "ނުވަތަ" ފަދަ އަކުރުތަކެވެ. އެހެންވީމާ، މި ލިޔުމުގައި އަޅުގަނޑު ބަޔާންކުރާ އަކުރުކަމުގައިވާ "އާއި" ލަފުޒަކާ ނުގުޅޭ އިރު އޮންނާނީ "އާއި" މި ގޮތަށެވެ. މި "އާއި" އަކީ އިނގިރޭސިބަހުގައި “and” ބޭނުންކުރާ ފަދައިން ބޭނުންކުރެވޭ އަކުރެކެވެ. އެކަމަކު އަކުރު އެހެންނަމަކާ ގުޅުނީމާ ނުވަތަ މެހުނީމާ އެ އަކުރަށް ބަދަލެއް އަންނަނީއެވެ. ބަދަލު އަންނަ ގޮތް ތާވަލުގައި އޮތް އެންމެ ފުރަތަމަ ލިސްޓުން ބަލައިލަމާ ހިނގާށެވެ.

"4 އާފަލު + އާއި 10 އޮރެންޖު + އާއި 1ކިލޯ މޭބިސްކަދުރު + އާއި 5 އަނބު" މިއީ އޭގެ އަސްލު އޮންނަންވީ ގޮތެވެ. ދިވެހިބަހުގައި ދޭދޭ ނަން ގުޅުވާއިރު މެދަށް އަންނަ "އާއި" މިހާރު އެވަނީ ނަމާ ވަކިކޮށްފައެވެ. އެއީ މޭވާގެ ނަން ލިސްޓެކެވެ. ޖުމުލައެއްގައި އެ ލިސްޓު ލިޔާއިރު ދިވެހިބަހުގެ ހަމައިގެ މަތީން، "އާއި" އެ ވަނީ ނަމުގެ ތެރެއަށް މެހިފައެވެ. "އާއި" ގެ އަލިފު އުނިވެފައި ނަމުގެ ފަހަތަށް އޮންނަ އަކުރުން ފިލި އުނިވަނީއެވެ. "އާފަލު"ގެ ލާމުގެ ފިއްޔާއި "އާއި" ގެ އަލިފު އުނިވީއެވެ. އެހެންވީމާ، "އާފަލުގެ ލާމުގެ މަތީގައި މިހާރު ލިޔެވިފައި އެވަނީ، "އާއި" މި އަކުރުން އަލިފު ނެގީމާ ބާކީ އޮންނަ ފިއްޔެވެ. އެހެންވީމާ، އާފަލަށް ވީއެވެ. އެހެން ނަންތަކަށް ވެސް އެވަނީ އެހެންނެވެ.

މަތީގައި އޮތް ތާވަލުގައި ހިމެނިފައި އެވަނީ ހަމައެކަނި ނަމުގެ ލިސްޓެކެވެ. ނަންއިތުރުގެނަމުގެ ލިސްޓެއް ނޯޓުކޮށްލުމަށް ތާވަލެއް ހަދަމާ ހިނގާށެވެ.

އެހެންވީމާ، ދެނެގަނެވުނީ ދިވެހިބަހުގައި ދޭދޭ ނަންނަމާއި ނަންއިތުރާއި ނަންއިތުރުގެ ނަން ގުޅުމަށް ބޭނުންކުރާ އަކުރުކަމުގައިވާ "އާއި" ލިޔާއިރު، ދެ ނަމުގެ ދެމެދަށާއި ދެ ނަންއިތުރުގެ ދެމެދަށާއި ދެ ނަންއިތުރުގެނަމުގެ ދެމެދަށް މި އަލިފު އަންނާނެ ކަމެވެ. އަދި މި އަލިފުގެ އަސްލަކީ "އާއި" ކަމެވެ. އަދި މިއީ ދިވެހިބަހުގެ ހަމަތަކުގައި ހިފަހައްޓަންޖެހޭ ހަމައެއް ކަމެވެ. މި ވާހަކަ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 1993 ގައި ޝާއިޢުކުރައްވާފައިވާ ބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި ލިޔުއްވައިފައިވެއެވެ. އެ ފޮތަކީ، އަޅުގަނޑުމެން އެންމެންގެ މުދައްރިސް ނޢޢވ ޢަބުދުﷲ ޞާދިގު އެއްކޮށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މި އަލިފުގެ ވާހަކަ މިހައި ހިސާބުން ނިންމައިލެވޭކަށް އަދި ނެތެވެ. އިތުރު ވާހަކަކޮޅެއް ދައްކާން ޖެހިއްޖެއެވެ. އެއީ ނަމާއި ނަންއިތުރާއި ނަންއިތުރުގެ ނަމުގެ ތެރެއަށް، "އާއި" މި އަކުރު ގެތިގެންނުދާ ގޮތުގެ ވާހަކައެވެ. "އާއި" މި އަކުރުގައި އޮންނަ އަލިފު ނުގެއްލި، މި އަކުރަށް އެއްވެސް ބަދަލެއް ނުގެނެސް އޮތް ގޮތަށް، އެހެނީ "އާއި" މި ގޮތަށް ލިޔަންޖެހޭ ވާހަކައެވެ. އެކަމަކު އެ ވާހަކަދައްކާނީ މީގެ ތިންވަނަ ބައެއްގައެވެ. މި ބައިގައި އެ ހަމައިގެ ވާހަކަ ލިޔަންވެއްޖިއްޔާ މާ ދިގުވާނެއެވެ. ޔަގީނުން ވެސް ކިޔުންތެރީންނެއް ނުކިޔާނެއެވެ. އެހެންވީމާ އެހެން ދުވަހެއްގެ ކޮލަމަށް އެބައި ބޭއްވީއެވެ.

ދިވެހިބަހުގެ ހަމަތައް ފެންނާންހުރި ގޮތަށް ބަލާއިރު، "އާއި" މި އަކުރުގެ ފުރަތަމަ އަލިފު ގެއްލިފައި އެ އަލިފުގެ ފިލި، "އާއި" ފެށޭ ތަނުގައި އޮންނަ ލަފުޒުގެ ފިލީގެ ބަދަލުގައި ޖަހައި އުޅެނީ ވެސް ހަމަޖެހޭ ހަމައެއްގެ މަތީންނެވެ. އެއީ، އެ ލަފުޒެއް ނިމިފައިވަނީ ސުކުނަކަށް ނުވަތަ އުބުފިއްޔެއްކަމުގައި ވާނަމައެވެ. ތާވަލުގައި ހުރި ލަފުޒުތައް ނިމިފައިވަނީ، މި ދެންނެވި ގޮތަށެވެ. އެހެންވީމާ، "އާއި" ގެ ގޮތުގައި މި ބޭނުންކުރާ އަކުރު، ދިވެހިބަހުގައި، އަލިފު އިބިފިލީގެ ގޮތުގައި އާންމުކޮށް ބޭނުންކޮށްފައިވަނީ، މި ލިޔުމުގައި ހަވާލާދިން ފޮތުގައިވާ ގޮތަށެވެ. އަދި އެއީ ދިވެހިބަހުގެ ހަމަތަކުގެ މަތީން ކޮންމެހެން ވެސް އޮންނަން ޖެހޭ އަލިފެކެވެ. އެހެނީ މިއީ ބޭނުންހުރި، ބޭނުން ބޮޑު، އަލިފެކެވެ.

comment ކޮމެންޓް