ޔާމީނާ ގުޅޭގޮތުން ރައީސްގެ ޖަވާބެއް ނެތް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރައީސް ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ/ ރައީސް އޮފީސް

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގައި ކުރިން އިސްކޮށް ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއިދާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، އެ މަނިކުފާނާ މިހާރު މުޅިން ގުޅުން ކެނޑިފައި އޮތް ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ޖަވާބެއް ދެއްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެކޮޅު ހައްދަވައިފިއެވެ.

މިއަދު ކެބިނެޓުން ބޭއްވި ބައްދަލުވުމެއްގައި ނިންމި ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އެ މަނިކުފާނުގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ޔާމީނާ އޮތް ގުޅުމަށް ބަދަލު އައިސްފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ފުރަތަމަ ތަކުރާރު ކުރެއްވީ، ކުރިން ވެސް އެކަމާ ގުޅިގެން ދެއްކެވި ވާހަކައެކެވެ. އެގޮތުން ގައުމުގެ މަސްލަހަތު އިސްކުރާ ހުރިހާ ބޭފުޅުންނާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، އެއްވެސް ސިޔާސީ ލީޑަރަކީ ގައުމު އިސްނުކުރާނެ ބޭފުޅަކަށް ވާނެ ކަަމަށް ގަބޫލެއް ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ބަލަނީ ކުރިއަށް، އަޅުގަނޑުގެ ހިތަކު ނޯންނާނެ އެއްވެސް މީހަކާ ދޭތެރޭ ޒާތީ މައްސަލައެއް. އަޅުގަނޑަށް ވަރަށް މުހިންމު ހުރިހާ ސިޔާސީ ލީޑަރުން ވެސް ގައުމު ކުރިއަށްގެންދިޔުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތް ފަހުން މިހާތަނަށް ރައީސް ޔާމީން ކުރެއްވި އެއްވެސް ފޯނު ކޯލަކަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

އެ ވާހަކަފުޅާ ގުޅުވައި ނޫސްވެރިއަކު އިތުރަށް ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު މިއަދާ ހަމައަށް އައިއިރު ވެސް އެހެން އެއްވެސް މީހެއްގެ ވާހަކަ ޒާތީކޮށް ދައްކަވާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީން ވެގެން ދެންނެވި ވާހަކައެއް ނޫން އެއީކީ. އަޅުގަނޑު ދެންނެވީ އެހެން އެއްވެސް ބޭފުޅަކާ ބެހޭ ގޮތުން ޕާސަނަލް ލެވެލްއެއްގައި އަޅުގަނޑެއް މިހާތަނަކަށް ވެސް ނުދައްކަމެއް ނޫންހޭ އެއްވެސް ވާހަކައެއް ދެއްތޯ، ދުވަހަކު ވެސް ނުދައްކަމޭ،" ރައީސް ވިދާޅުވިއެވެ.

"މިވެނި ބޭފުޅަކު މިހެން ވިދާޅުވިއޭ އަޅުގަނޑު އެ ބެފުޅަކާ މިހެން ވާހަކަދެއްކީމޭ، އެހެން ވިދާޅުވިއޭ، މިހެންގޮސް އެެހެން އެއްވެސް މީހެއްގެ ވާހަކަ ދައްކާ މީހެއް ނޫނޭ މިއީކީއެއް. އެހެންވެގެން ނުދައްކާ ވާހަކައެއް ނުދައްކާނަމޭ މިދެންނެވީ."

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ފުރަތަމަ ހުންނެވީ ރައީސް ޔާމީން ނަމަވެސް، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް އިންތިޚާބުގައި ވާދަ ނުކުރެވިދާނެތީ ޕީއެންސީން ކެންޑިޑޭޓަކު ހޮވަން ކޯލިޝަނުން ނިންމިއެވެ. އޭރު ރައީސް މުއިއްޒު ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް ކެންޑިޑޭޓު ހޮވަން އޮތް ދުވަހު އެ މަނިކުފާނު ޕީއެންސީއަށް ސޮއި ކުރައްވައި، ސެނެޓުގެ ސިއްރު ވޯޓުން ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް މިދިޔަ އޮގަސްޓު މަހުގެ ހަޔެއްގައި ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. އެއާއެކު އިންތިޚާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެންގެވި ނަމަވެސް ޕާޓީން އެއާ ދެކޮޅަށް ނިންމައި، ރައީސް މުއިއްޒާއެކު ކުރިއަށްދާން ނިންމިއެވެ.

ރައީސް މުއިއްޒުގެ ކެންޑިޑޭސީއަށް ޔާމީން އެންމެ ފަހު ވަގުތު ތާއިދުކުރެއްވިއެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ކޯލިޝަން ދޫކުރައްވައި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

comment ކޮމެންޓް