ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މާދަމާ ފަށަން ތައްޔާރުވަމުން އަންނައިރު، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއިން، ރައްޔިތުންގެ މަޖިލީހުގައި މިއަދު އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައިރު، އެ ޕާޓީގެ ޗެއާޕާސަން، އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މާދަމާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. އަދި މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާނެއެވެ.
އެހެންވެ، ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންނާއެކު ޕީޖީ ބައްދަލުވުމެއް މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ރިޔާސަތުގައި އިންނެވީ ދިއްގަރު ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.
ނާޒިމްގެ އަރިހުގައި ކަނާތްފަރާތުގައި އިންނެވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ. ފަލާހާ ޖެހިގެން ޑެޕިއުޓީ ޕީޖީ ލީޑަރު، އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިންނެވިއިރު ވާތް ފަރާތުގައި އިންނެވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު)އެވެ.
މި ބައްދަލުވުުމުގެ ފޮޓޯތައް ޝުޖާއު އެކްސްގައި ހިއްސާކުރެއްވިއިރު، ބައްދަލުވުމުގެ އެއްވެސް ފޮޓޯއަކުން އަބްދުއްރަހީމް ނުފެނެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މާލޭގައި އަބްދުއްރަހީމް ހުންނަވާނަމަ ޕީޖީ ބައްދަލުވުމުގެ ރިޔާސަތު އަބަދުވެސް ބަލަހައްޓަވަނީ އަބްދުއްރަހީމެވެ. އަދި ހުރިހާ ބައްދަލުވުމަކަށް ވެސް އެ މަނިކުފާނު ހާޒިރުވެވަޑައިގަންނަައެވެ.
ނަމަވެސް މިފަހަރު އަބްދުއްރަހީމް މާލޭގައި ހުންނަވަނިކޮށް، މަޖިލީހުގައި ކުރިއަށްދިޔަ މި ޕީޖީ ބައްދަލުވުމުގެ ތެރެއިން، އަބްދުއްރަހީމް ނުފެނުމުން ގިނަ ބަޔަކު އަންނަނީ އެ ކަން ފާހަގަކުރަމުންނެވެ.
ބައްދަލުވުމުން ނުފެނުނީ ކީއްވެކަން ސާފުކުރުމަށް އަބްދުއްރަހީމާ ސުވާލުކުރި ނަމަވެސް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.
ޕީއެންސީގެ މަސައްކަތްތަކާ އަބްދުއްރަހީމް ދުރުން އުޅުއްވާ މަންޒަރު ފެންނައިރު އެމަނިކުފާނާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެމެދު ސިޔާސީ ގޮތުން މައްސަލަ ޖެހި، ގުޅުން ގޯސްވެފައިވާކަމުގެ އަޑު އަންނަނީ ފެތުރެމުންނެވެ.
އެކަން އެންމެ ބޮޑަށް ހާމަވެ، ބާރު ލިބޭ ކަމަކަށްވީ އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރުމެވެ.
އެހާ ހިސާބުން، ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސާއި އަބްދުއްރަހީމުގެ ގުޅުން ގޯސްވެފައިވާކަމަށް އެމަނިކުފާނު ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ފައިސަލް ވަކިކުރިތާ ގިނަ ދުވަސްނުވެ، އަބްދުއްރަހީމްގެ ދަނބިދަރިކަލުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ހިޝާމް ވަޖީހުގެ ބައްޕަ، މުހައްމަދު ވަޖީހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުން ވެސް ވަނީ ވަކިކޮށްފައެވެ.