ރައީސްގެ ކޮންމެ ރަސްމީ ދަތުރުފުޅަކަށް ފަހު 15 ދުވަސް ތެރޭ ޚަރަދުތައް ހާމަކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ފަހު، 15 ދުވަސް ތެރޭގައި ޚަރަދުތައް ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް "ސަން"އަށް ވިދާޅުވީ ރައީސް އެގޮތަށް ނިންމެވީ، ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތް ކުރަން ޖެހޭކަން ރައީސަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

މީގެ ކުރިން ވެސް ރައީސުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަނުކުރުމަކީ ނޫސްވެރިންނާއި އާއްމު ރައްޔިތުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފުސީލް ހާމަކުރުމަށް އެދި ނޫސްވެރިއަކު އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ.

https://sun.mv/183553

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ ތުރުކީއަށެވެ. އެއީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.

އެއީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ޚާއްޞަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މިދިޔަ ބުދަ ދުވަހު ވަޑައިގަތީ މިހާރު ޔޫއޭއީގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ސަމިޓުގެ ތެރެއިން ޔޫއޭއީގައި ހުންނަވައި އެމަނިކުފާނު ވަނީ ގައުމުތަކުގެ ބޮޑުންނާއި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ބާއްވަވަމުންނެވެ. އެގޮތުން މިހާތަނަށް ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރުގެ އިތުރުން ވެސް އެހެނިހެން ގައުމުތަކުގެ ބޮޑުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުތަކުގައި އެމަނިކުފާނާއެކު އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް