ޔާމީންގެ ޕީއެންއެފް އުފައްދަން އީސީން ހުއްދަދީފި

ޕީއެންއެފް އުފެއްދުމަށް އީސީން ހުއްދަ ދިނުން -- ފޮޓޯ/ އަހުމަދު އިޔާދު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން، އެކަމުގެ ހުއްދައަށް އެދުނީ މިދިޔަ ހޯމަ ދުވަހުގައެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން އީސީން ގޮތް ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ހުއްދަ ދިން ފޯމާ ހަވާލުވެވަޑައިގަތީ ޔާމީން ދައުރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

ޕީއެންއެފް އުފެއްދުމަށް ޓަކައި ތިން މަސް ތެރޭގައި 3،000 މީހުންގެ ސޮއި ހަމަކޮށް، އީސީއަށް ހުށަހަޅަން ޖެހޭނެއެވެ.

ޔާމީން ނިންމެވީ ޕީއެންއެފްގެ މުއްސިސުންގެ ގޮތުގައި ޖުމުލަ އަށް ބޭފުޅަކު ހިމަނުއްވާށެވެ. އެއީ އެ މަނިކުފާނާއި ޖަމީލްގެ އިތުރުން:

  • ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ
  • ދަރިކަލުން ޒޭން އަބްދުﷲ ޔާމީން
  • ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު
  • އަދްލީ އިސްމާއިލް
  • ޑރ. އަބްދުﷲ ޖިހާދު
  • އަލީ އާދަމް

އެކަމަކު، އީސީގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެނީ އެންމެ ބޭފުޅަކަށެވެ. އެހެންވެ، މަޝްވަރާ ކުރުމަށް ފަހު އެ ބޭފުޅުން ނިންމެވީ ޕާޓީގެ މުއައްސިސްކަން ޒޭނަށް ދޭށެވެ.

ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިތާ ހަފުތާއެއް ނުވަނީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. އެހެންވެ، މިދިޔަ ހަފުތާގައި ޕީޕީއެމުން ވަކިވެ، ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ޔާމީން ފެއްޓެވިއެވެ.

comment ކޮމެންޓް