ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމަށް ވީހާވެސް ގިނަ ވަގުތު ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބުގެ ވޯޓުލުން ރޯދަ މަހަށްފަހު ބާއްވަން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދިއްޖެއެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހާޒިރުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި މެންބަރު އަލީ ނަޝާތެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީގެ ކުރިން ވެސް އިންތިޚާބު ރޯދައަށް ފަސްކުރަން ވަނީ އީސީއަށް އަންގާފައެވެ. ނަމަވެސް އިންތިޚާބު ރޯދައަށްފަހު ބާއްވާނަމަ ދަތިތަކެއް ދިމާވާނެ ކަމަށް އީސީން ވަނީ އޭގެ ފަހުން މީޑިއާގައި ބުނެފައެވެ.
އެއަށް ފަހު މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި، އެ ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ވަނީ އިންތިޚާބު ފަސްކުރަން އިއްތިފާގުވެފައެވެ. މެންބަރުން ވިދާޅުވާ ގޮތުގައި ރޯދަމަހުގެ ފަހު ދިހަ ސަރުކާރު ބަންދުކުރަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް ގާނޫނީ ގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް ނުހުއްޓޭނެ ކަމަށެވެ.
ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މަޖިލިސް އިންތިޚާބު އަވަސްކުރާނަމަ ކެންޑިޑޭޓުންނަށް ކެމްޕޭނުކުރުމަށް ލިބޭ ވަގުތު ވަރަށް ކުޑަ ވާނެ ކަމަށެވެ.
"ކޮންމެ ޕާޓީއަކުން ވެސް ޕްރައިމަރީއެއް ބާއްވައިގެން ކެންޑިޑޭޓުން ކަނޑައަޅައިގެން މި ކުރިމަތިލަނީ. އެހެންވީމަ އިންތިޚާބު އަވަސްކުރާނަމަ ކެންޑިޑޭޭޓުންނަށް ކެމްޕޭނު ކުރަން ލިބޭ ވަގުތު ކަނޑާނުލާ އިތުރު މުއްދަތެއް ލިބޭ ގޮތަށް ހަދާ ދެއްވުން ވަރަށް ބޮޑަށް އެދެން،" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ރޯދައިގެ ކުރިން އިންތިޚާބަށް ތައްޔާރުވުމަށް އީސީން ކުރަން ޖެހޭ ކަންކަން ކުރެވޭނެ ކަމަށެވެ. މިސާލަކަށް ޓްރެއިނިން ދޭންޖެހޭ ފަރާތްތައް ޓްރެއިން ކުރުވާ ކަންކަން ރޯދައިގެ ކުރިން ނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ރޯދަ މަސްތެރޭ ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވުން ފަދަ ކަންކަން ކުރެވޭނެކަން ރޮޒައިނާ ފާހަގަކުރެެއްވިއެވެ.
"ދެން އަނެއް ކަމަކީ ސްކޫލް ދަރިވަރުންގެ މޮކް އެގްޒާމް ބަދަލުކޮށް އަވަސްކުރުން، އިންތިޚާބު އަވަސްކުރަން މޮކް އެގްޒާމް އަވަސްކުރާނަމަ އެއީ އެތައް ދަރިވަރުންނަކަށް އުނދަގުލެއް،" ރޮޒެއިނާ އިތުރަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ވިދާޅުވީ، އެ ކޮމިޝަނުން އެންމެ ފުރަތަމަ ވެސް އެދުނީ މަޖިލީހުން ގާނޫނު ބަދަލުކުރެވޭނެތޯ އަދި ގާނޫނަށް ބަދަލެއް ގެނެސް މަޖިލިސް އިންތިޚާބު އަވަސްކުރެވޭނެ ގޮތެއް އޮތްތޯ ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އެ ކޮމިޝަނުން ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރަން އުޅުން ނޫން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވަނީ، ކޮމިޓީއަށް އީސީގެ ކަންބޮޑުވުންތައް ހިއްސާނުކޮށް، އިންތިޚާބު ފަސްކުރާނަމަ ދަތިވާނޭކަމަށް ބުނެ މީޑިއާއަށް ކަންބޮޑުވުން ހިއްސާކުރުމުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
"އޭގެން އިނގެނީ ތިބޭފުޅުން ވެސް ތިބޭފުޅުންގެ ސްޓޭންޑަށް ސާބިތުވާން ތިބިކަން،" މެންބަރު ސަނީފް ވިދާޅުވިއެވެ.
މެންބަރުން ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީތީ އެ ވިދާޅުވި އެއްޗަކަށް ބިނާކޮށް މިހާ ބޮޑު އިންތިޚާބެއްގެ ކަންކަން ބައްޓަންކުރުމަކީ ޒިންމާދާރުކަން ކުޑަކަމެކެވެ.
އީސީން ވަނީ، އެ ބައްދަލުކުރެއްވުމުގައި އެ ކޮމިޝަންގެ އެހެން މެންބަރުން ނެތުމުގެ ސަބަބުން، މާދަމާ އެ ކޮމިޝަނުގައި ބާއްވާ ބައްދަލުކުރެއްވުމުގައި މެންބަރުން ފާހަގަކުރެއްވި ކަންކަން ވެސް ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ. އަދި މާދަމާގެ ބައްދަލުވުމުގައި، އީސީން އެކަމާ ގުޅިގެން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ.
މީގެ ކުރިން އޮތް ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނު ބުނާ ގޮތުން ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭކަމަށެވެ.
ގާނޫނުގައި ބުނާ ތާރީޚުތައް ތަރުތީބުކުރުމުން އިންތިޚާބު ބޭއްވެނީ މާޗު 19ގައި ކަމަށް ހަބީބް ވިދާޅުވިއެވެ. އެއީ ރޯދަ މަހުގެ ތެރެއެވެ.