ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބު ރޯދައަށްފަހު ބާއްވާނަމަ ދަތިތަކެއް ދިމާވާނެ ކަމަށާއި، އެކަމަކު މަޖިލީހުގެ ނިންމުމަށް ވެސް އިހުތިރާމް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އީސީން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފައި ވަނީ ރޯދަ މަހުގެ ކުރިން މަޖިލިސް އިންތިޚާބު ބާއްވާށެވެ. ނަމަވެސް މިއަދު އެ ކޮމިޓީން ވަނީ ރޯދައަށް ފަހު އިންތިޚާބު ބާއްވަން އީސީއަށް ހުށަހަޅަން ނިންމައިފައެވެ.
އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ، އެ ކޮމިޝަންގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ވޯޓު ލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
"ރޯދައިގެ ފަހަށް ބާއްވާ ކަމަށް ވާނަމަ އެ ދިމާވަނީ އީދު ބަންދާ. ގިނަ މީހުން ފުރައިގެން ދާނެ އެކި ދިމަދިމާލަށް. އަނެއްކޮޅުން އަޅުގަނޑުމެން ބޭރު ގައުމުތަކުގައި ވެސް ވޯޓު ފޮށިތައް ބަހައްޓާނެ،" ހަބީބް ވިދާޅުވިއެވެ.
ރޯދައަށް ފަހު އިންތިޚާބު ބާއްވާނަމަ، ވޯޓުލާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް މަދުވާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހަބީބް ވިދާޅުވީ، ކެންޑިޑޭޓުންނަށް ވެސް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ކެމްޕެއިން ކުރަން ވެސް ޖެހޭނީ ރޯދައިގެ ފަހުކޮޅުކަން ފާހަގަކުރެއްވިއެވެ.
"މި އުނދަގޫތައް ހުރި ނަމަވެސް އަޅުގަނޑުމެން މަޖިލީހުގެ ލަފާފުޅަށް އިހުތިރާމްކުރާނަން،" ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ މަޖިލީހުގެ ނިންމުމާއެކު ކޮމިޝަނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުމަކަށް ފަހު އިންތިޚާބު ބާއްވާނެ ތާރީޚެއް ވެސް ކަނޑައަޅާނެ ކަމަށެވެ.
މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ.
މީގެ ކުރިން އޮތް ކޮމިޓީގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ ގާނޫނު ބުނާ ގޮތުން ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭކަމަށެވެ.
ގާނޫނުގައި ބުނާ ތާރީޚުތައް ތަރުތީބުކުރުމުން އިންތިޚާބު ބޭއްވެނީ މާޗު 19ގައި ކަމަށް ހަބީބް ވިދާޅުވިއެވެ. އެއީ ރޯދަ މަހުގެ ތެރެއެވެ.