ހާދަހާ ވެރިކަމެއް ދިވެހިންގެ އޮވެއެވެ.

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

ވަރަށް ބޮޑަށް މާފަށް އެދެމެވެ. ކީއްވެ ހެއްޔެވެ؟ އެއީ އެންމެ ފަހުން ލިޔުނު ކޮލަމުގައި އަޅުގަނޑު ބުނެފައި އޮންނާނީ ބޭނުންހިފޭ އަލިފެއްގެ ވާހަކަ، ދެން ލިޔާ ކޮލަމެއްގައި ލިޔާނެކަމަށެވެ. އެހެންނަމަވެސް، އެކަން ފަސްކޮށްލަންޖެހުނީތީ، ކިޔުންތެރިންގެ ކިބައިން ކުރީބައިގައި މާފަށް އެދުނީއެވެ. އެހެންވީމާ އެކަން ފަސްކޮށްލައިފައި، އެހެންވާހަކައެއް ދައްކައިލައި ހިތްވީ، ގައުމުގައި ހިނގާ ދިޔަ ބޮޑުކަމަކުން އުފެދުނު ޚިޔާލަކާ ގުޅިގެންނެވެ. އެއީ ހަމަ ޙަޤީޤަތުގައި ވެސް ވަރަށް ބޮޑުކަމެކެވެ. ބޮޑުވާނެތާއެވެ. އެއީ ގައުމެއްގައި ހިނގާނެ ހަމަ އެންމެ ބޮޑުކަންތައް ވިއްޔާއެވެ. އެކަމާ ގުޅިގެން ކުޑަކޮށް ވިސްނައިލީމާ ކޮލަމެއް ލިޔެލާހިތްވީއެވެ. ހަމަ މާ ބޮޑަށް ވެސް ލިޔާ ހިތްވީއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އިންސާނުން ވާހަކަދެއްކުމަށް، ބޭނުންކުރަނީ އެކިބަހެވެ. އިނގިރޭސިވިލާތުގައި އިނގިރޭސިބަހެވެ. ފާރިސްކަރައިގައި ފާރިސީބަހެވެ. ދިވެހިރާއްޖޭގައި ދިވެހިބަހެވެ. މިއިން ކޮންމެ ބަހަކަށް ވެސް ލިބިފައިވަނީ، ޚާއްސަ ރީތި ސިފަތަކެކެވެ. ފާރިސީބަހުގައި ހުންނާނީ އެބަހުގައި ހުންނަ ރީތި ސިފަތަކެވެ. ދިވެހިބަހުގައި ހުންނާނީ ދިވެހިބަހުގެ ރީތި ސިފަތަކެވެ. ބަހާމެދު ވިސްނާ މީހުންނަށް މިކަންކަން އެނގޭނެއެވެ. އެހެންވީމާ، މިއަދު މި އުޅެނީ ދިވެހިބަހުގެ ލަފުޒުތައް ގެތުމުގައި ހުންނަ ރީތި ސިފައެއްގެ ވާހަކަދައްކައިލާށެވެ.

ދިވެހިބަހުގެ ބަސްފޮތުގައި ތިރީސް ހަ ހާހަށްވުރެ ގިނަ ލަފުޒު ހިމެނެއެވެ. އަދި އެ އަދަދު ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެއް އަކުރުން ހުންނަ ލަފުޒާއި ދެ އަކުރުން ހުންނަ ލަފުޒުތަކާއި އެއަށް ވުރެ މާ ގިނަ އަކުރުތަކުން ލިޔެވިފައި ހުންނަ ލަފުޒުވެސް ދިވެހި ބަސްފޮތުގައި ހިމެނެއެވެ. އެއް އަކުރުން މާނަ އުފެދޭ ދެތިން މިސާލެއް މި ތަނުގައި ނަކަލުކޮށްލާނަމެވެ. "ނީ" މާނައަކީ؛ "ހަނޑޫ ފަދަ ތަކެތި ފޮޅިމާ ނެގޭ އެންމެ ހިމުން ބައި"، ދެވަނަ މާނައަކީ، "އޮޑިފަހަރު ކުނބުގެ ކުރީގައި ސާމޯރު ޖަހަން ހިމަކޮށްފައި ހުންނަ ތަންކޮޅު" އެވެ. ރީތި މާނައެއް ދޯއެވެ. އެކަމަކު އެންމެ އަކުރަކުން ކިހައި ރީތި މާނައެއް ތޯއެވެ؟ "މޫ" އެންމެ އަކުރެކެވެ. މާނަވެސް އެހައި ފަސޭހައެވެ. "ތާ" މާނައަކީ؛ "ދިރުނބާކޮޅުގެ ކޮޅުވަތުން ފެށިގެން ބޮޑުވަތާ ހަމަޔަށް އޮޑި ދިގަށް އަޅާ ވަކަރެއް ނުވަތަ ބެރިއެއް"، އެވެ. ދެވަނަ މާނައަކީ "ބަސްގަދަކުރާން ބުނެ އުޅޭ އަކުރެއް" އެންމެ އަކުރަކުން ކިހައި ރީތި މާނަ ދިވެހިބަހުގައި އުފަންވެފައި އެބަހުރިތޯއެވެ؟

އެއް އަކުރުން ލަފުޒު އުފެދޭ ގޮތަށް، ދެއަކުރުންނާއި އެއަށް ވުރެ ގިނަ އަކުރު އެކުވެގެން ލަފުޒު އުފެދެއެވެ. އެކަމަކު އޭގެ މިސާލެއް މިތާ ނުލިޔާނަމެވެ. އެހެނަސް ދެން ލިޔެލާނީ، ދެ ލަފުޒު އެކުވެގެން އުފެދޭ އެއް ލަފުޒުގެ މިސާލެކެވެ. "ފަންތޮށި" މިއީ ފަނާއި ތޮށްޓާއި އެކުވެގެން އުފެދިފައިވާ އެއް ލަފުޒެވެ. މާނައެއް ކަމުގައި ބަސްފޮތުގައި އޮތީ، "ފަނުގެ ފަންވަތްތައް ފަޅައިފައިވާ ހިސާބުން ފެށިގެން ފަނުގެ ބުޑާ ދެމެދު" އެވެ. ދެ ލަފުޒުން އެއް މާނައެއް އެކުލެވޭ އެއް ލަފުޒު އުފަންކުރުވީއެވެ. މިކަހަލަ ކިތަންމެ ލަފުޒެއް ވިސްނައިލައިފި މީހަކަށް ދިވެހިބަހުން ފެންނާނެއެވެ. އަދި އެހެނިހެން ބަސްބަހުން ވެސް ފެންނާނެއެވެ.

މި މިސާލާމެދު ވިސްނައިލަމާހެއްޔެވެ؟ "ވެރި" މިއީ ދެ އަކުރު އެކުވެގެން އުފެދިފައިވާ ލަފުޒެކެވެ. ބަސްފޮތުގައި މާނައެއްކަމަށް ލިޔެފައި ވަނީ، އަމުރު ނުވަތަ އެއްޗެއްގެ މިލްކިއްޔަތު ހާސިލުވެގެންވާ" އެވެ. އެހެންވީމާ ވަރަށް ބާރުގަދަ ދޯއެވެ. އެއްޗެއްގެ މިލްކިއްޔަތު ލިބުމަކީ ދެރަކަމެއް ނޫންތާއެވެ. އެހެންވީމާ "ކަމެއް"ގެ މިލްކިއްޔަތު ހޯދަންވެއްޖެ ނަމަ "ވެރި" މި ލަފުޒުގެ ފަހަތަށް "ކަން" އިތުރުކުރީމާ ވަނީ ކިހިނެއްތޯ ބަލަމާ ހިނގާށެވެ. ވެރި+ކަން = "ވެރިކަން"، މުޅީން ތަފާތު ލަފުޒެއް އުފަންވެއްޖެ ދޯއެވެ. ބާރުހުރި ލަފުޒެއް އުފަންވެއްޖެ ދޯއެވެ. ހުރިހާކަމެއްގެ ބާރު ލިބުނީއެވެ. ހުރިހާ ކަމެއްގެ މިލްކިއްޔަތު ލިބުނީއެވެ. ދިވެހިބަސްފޮތުގައި، މި ލަފުޒުގެ ތިން މާނައެއް ލިޔެފައިވެއެވެ. އެއީ، މިލްކުވެގެންވާ ކަން، އާއި ކަމެއްގެ ނުވަތަ ބައެއްގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާކަން، އާއި ތަނެއް ނުވަތަ ކަމެއް ހިންގުމުގެ މަސްއޫލިއްޔަތު އެވެ. މި ތިން މާނައަށް ވިސްނައިލާއިރު ވެސް މާނަ ކުރެވެނީ ކަމުގެ ހުރި ވަރުގަދަ ކަމެވެ. ބާރުގަދަކަމެވެ. މަސްއޫލިއްޔަތުގެ ބޮޑުކަމެވެ.

އާއެނކެވެ. މި ދައްކަނީ މި ގައުމުގެ ވެރިކަމުގެ ވާހަކައެވެ. ދެ ލަފުޒު އެކުވެގެން އުފެދުނު ވެރިކަމުގެ ވާހަކައެވެ. އެ ވެރިކަމުގެ ހުރި ހައިބަތުގެ ބޮޑުވާހަކައެވެ. ބާރުގަދަކަމުގެ ވާހަކައެވެ. 2023 ނޮވެންބަރު މަހުގެ 17 ވަނަ ދުވަހަކީ ބޮޑު ދުވަހެކެވެ. ހުރިހައި ވެރިކަމެއްގެ ވެރިކަން ފެށުނު ދުވަހެވެ. އާ ވިސްނުމަކާއެކުއެވެ. އެކަމުގެ ބޮޑުކަމާއި ހައިބަތު ދެނެގަތުމަށް ހަމަ އެކަނި އެ ރަސްމިއްޔާތަށް ވިސްނައިލުމުން ފުދޭނެއެވެ. މި ގައުމުގައި ނަގައިފައި ހުރި އެންމެ އުސްދިދައިގެ ދަށުގައި ބޭއްވި ހާދަހާ ބިޔަ ރަސްމިއްޔާތެކެވެ. ގައުމުތަކުގެ ވެރިންނާއި ވަޒީރުންނާއި ސަފީރުން ހާޒިރުވެ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ރަސްމިއްޔާތެވެ. ގުދުރަތީ ވިނައިގެ މަތީގައި ޒަމާނީ ދޫލަ އަޅައިފައިވެއެވެ. ފަހަތުން ފެންނަ ބޮޑެތި އިމާރާތްތައް އެންމެ ޒަމާނީ ފޮތިން ނިވައިކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީސް ސިފަވާ އިމާރާތެއް އެ ތަނުގައި ތައްޔާރުކުރެވުނެވެ. ވެރިކަމުގެ ހައިބަތު ހުރިވަރު ނިކަން ދެކެބަލާށެވެ. ވެރިކަމުގެ މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާކުރާނެކަމަށް، ހުވާކުރުމަށް ޓަކައި 2 ގަޑިއެއް ހާއިރަށް ދެމިގެންދިޔަ މި ރަސްމިއްޔާތު ހާދަހާ ފުރިހަމައެވެ. ހަމަ ހަޤީޤަތުގައި ވެސް އެއީ ވެރިކަމުގެ ވެރިކަމެވެ.

ދިވެހިބަހުގައި "ވެރިކަން" މި ލަފުޒުގެ ކުރިއަށް އިތުރު ލަފުޒެއް ހިމަނައިގެން ހާދަހާ ގިނަ ވެރިކަމެއް އުފަންކުރެވެއެވެ. އެކަމަކު އެއީ އިސްވެދެންނެވި ވެރިކަމާ އަރާ ހަމަކުރެވޭނެ ވެރިކަންތަކެއް ނޫނެވެ. މި ދަންނަވަނީ ކުދިކުދި "ވެރިކަން" ދިވެހިބަހުގައި ގިނަ ވާހަކައެވެ. އެންމެން ދަންނަ އެހެނަސް އޭގެ މާ ބޮޑު ހައިބަތެއް ނެތް ވެރިކަމުގެ ވާހަކައެވެ. މީހުންގެ މެދުގައި ސަމާލުކަންދެވިފައި ނުވާ ވެރިކަމުގެ ވާހަކައެވެ. އެކަމަކު ބައެއް ފަހަރަށް ހިތަށް އަރަނީ، ސަމާލުކަމެއްދެވިފައި ނުވާ މި ވެރިކަންތަކަކީ ގައުމަށް އެންމެ މުހިންމު ވެރިކަމެއް ނޫބާވައެވެ.

އެކަހަލަ ވެރިކަމަކާމެދު ވިސްނައިލަމާތޯއެވެ. އެންމެ ވެރިކަމެއް ނޫނެވެ. އެތައް ބައިވަރެވެ. މީގެ ތިން ހަތަރު ސަފުހާ ފުރޭވަރަށް ވެސް ދިވެހިބަހުގައި ވެރިކަން އެބައޮތެވެ. މިސާލެއް ލިޔެލާނަމެވެ. އޭރުން މި ހާސަރު ދެނެގަނެ ފަހުމުވާން ތަންކޮޅެއް ފަސޭހަވާނެއެވެ. "ވެރިކަން" މި ލަފުޒުގެ ކުރިއަށް "މަސް" އިތުރުކުރަމާތޯއެވެ. އެހެނީ މަސްވެރިކަމާމެދު އިހުމާލުވާން ހަމަ އެންމެ ހެޔޮހެއްޔެވެ؟ މި ވެސް ހަމަވެރިކަމެކެވެ. އާއެނކެވެ. މަސްވެރިކަމެވެ. މަސްވެރިކަމަކީ، ގައުމުގެ އެންމެ މުހިންމު އެއް މަސައްކަތެވެ.

ދެން އޮތީ ދަނޑުވެރިކަމެވެ. މި ވެސް ވެރިކަމެކެވެ. ހަމަ އެ ވަރުގެ ސަމާލުކަމެއް ނުދިނަސް ސަމާލުކަންޖެހޭ ވެރިކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ދަނޑުވެރިން ދަނޑުގައި ގަސްތައް ރުވާފައި ގެއަށް އަންނައިރު، އެ ވަރުގެ ބޯ ދޫލައެއް ނޭޅިޔަސް އެ ވެސް ހަމަވެރިންނެވެ. ދަނޑުވެރިކަންކުރާ ދަނޑުވެރިންނެވެ.

އަދި ފަތުރުވެރިކަން ކޮބައިހެއްޔެވެ؟ މުޅި ދިވެހިރާއްޖޭގެ އިގުތިސާދު ނަގާކޮޅަށް ޖަހައިދެނީ މިވެރިކަމެވެ. ބައެއް ފަހަރަށް ފަތުރުވެރީންނަށް އެ ފަދަ ދޫލައިން މަރުހަބާކިޔައެވެ. އެއީ ލިބޭ ފައިސާގިނަވީމާ ކަމަށް ވެސް ވެދާނެއެވެ. ނޫނީ ފައިސާ ގިނައިން ލިބޭނެކަމުގެ އުއްމީދުގައި ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަށް މި ވެރިކަމަށް ސަމާލުކަން ދެއެވެ.

މާނައަކީ ދިވެހިބަހުގައި ލައްކަ ގިނަ ވެރިކަން އެބަހުއްޓެވެ. ދިވެހިބަހަށް ލިބިފައިވާ ޚާއްސަ ސިފަތަކުގެ ތެރެއިން މިކަހަލަ އެތައް ވެރިކަމެއް ފެންނާނެއެވެ. ވިޔަފާރިވެރިކަމާއި އަވަށުވެރިކަމާއި ކަންވެރިކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަމާއި އޮޑިވެރިކަމެވެ. ލިސްޓުކުރައްވާށެވެ. މި ލިޔުމުގައި ހުރިހާ ވެރިކަމެއް ނުލިޔެ ކިޔުންތެރިން ވިސްނައިލައިގެން ހޯދާލުމަށް ބައެއް ވެރިކަން ދޫކޮށްލީއެވެ. އެނގި ހާމަވަނީ، ހަމަ ހަޤީޤަތުގައި ވެސް ދިވެހީގެ ދިވެހިބަހުގައި އެތައް ވެރިކަމެއް އޮންނަ ކަމެވެ. އާއެނެކެވެ. ހާދަހާ ވެރިކަމެއް ދިވެހިންގެ އޮވެއެވެ.

comment ކޮމެންޓް