އިންޑިއާ ސިފައިން ފޮނުވައިލަފާނެތީ ކަންބޮޑުވެ، ފުލުފުލުގައި ނަޝީދުގެ ޓުވީޓުތަކެއް

ރައީސް މުހައްމަދު ނަޝީދު އަދި އިންތިޚާބީ ރައީސް ޑރ. މުއިއްޒު: އާ ސަރުކާރުގައި ނަޝީދު ބައިވެރިވާ ކަމަށް އެ މަނިކުފާނު ވަނީ އަމިއްލަފުޅަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ގޯގެއް ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު ނަޝީދު މިއަދު ގިނަ ޕޯސްޓްތަކެއް ކުރައްވައިފިއެވެ.

މި ސަރުކާރުގައި ބައިވެރިވާ ކަމަށް މީގެ ކުރިން އަމިއްލަފުޅަށް ވިދާޅުވި ދަ ޑިމޮކްރެޓްސްގެ ބާނީ ނަޝީދު މިއަދު އެ މަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ފުރަތަމަ ދަތުރުފުޅު ތުރުކީއަށް ކުރެއްވުމަކީ ވަރަށް ވިސްނުންތެރިކަމާ އެކު ކުރެއްވި ބުއްދިވެރި ކަމެއް ކަމަށެވެ. އަދި، މި ސަރުކާރުން އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލާނެ ކަމަށް ގަބޫލުފުޅުނުކުރައްވައި ކަމަށާއި އެގޮތަށް ކަންތައް ކުރައްވަން ވާނެ ކަމަށް ވެސް ނުދެކޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި ނަސޭހަތަކީ އަޅުގަނޑުމެން އަތުން ދިފާއީ ކަންކަމަށް މާ ބޮޑު ހޭދައެއްނުކޮށް އިންޑިއާއާ އެކުގައި އެއްބަސްވުމަކަށް ދިއުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދިފާއީ ކަންކަމަށް ޚަރަދުނުކޮށް ދިވެހީން ޚަރަދު ކުރަންވީ ތައުލީމާއި ސިއްހީ ކަންކަމާއި އަދި ތިމާވެށީގެ ކަންކަމަށް ކަމަށެވެ. އެހެންވެ، ދިފާއީ ކަންކަމަށް ކުރާ ހޭދަ ކުޑަކުރަން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމަކަށް ދާން ނަޝީދު ގޮވައިލެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް ޞާލިޙް މަސައްކަތް ކުރެއްވީ "އަންނި ބުނާގޮތް ނޫން އެހެން ގޮތެއް،" ހަދަން ކަމަށާއި އެއީ އެމްޑީޕީ ނާކާމިޔާބުވާން މެދުވެރިވީ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ. އަދި، އެ ޕާޓީން އަދިވެސް އަމަލުކުރަނީ އެފަދައިން ކަމަށާއި އޭގެ ނަތީޖާއަކަށްވާނީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި އެމްޑީޕީ ނާކާމިޔާބުވާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

https://sun.mv/184963

ނަޝީދު ވިދާޅުވީ ޞާލިޙް އަރިހުގައި އެ މަނިކުފާނު ގެންގުޅުއްވި ފަދަ ބޭބޭފުޅުން ރައީސް މުއިއްޒުގެ އަރިހުގައި ނުގެންގުޅުއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިންޑިއާއާ އެކު ކުރިއަށްދާން ވަރަށް ބޮޑަށް ގޮވާލައިފައިވާއިރު އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ވެސް ވަނީ އިންޑިއާއަށް ސަނާ ވިދާޅުވެ ޕޯސްޓެއް ކުރައްވައިފައެވެ. އެ ޕޯސްޓުގައި ވިދާޅުވީ، ސިޔާސީ މައިދާން މިހާރު އޮތް ގޮތުން ދިވެހި ހުރިހާ ސިޔާސީ ޕާޓީތަކާ އެކު ގުޅުން ބަދަހިކުރަން ވެސް އިންޑިއާއަށް ވަރަށް ބޮޑު ފުރުސަތެއް ލިބިފައިވާ ކަމަށެވެ.

"އިންޑިއާ- ރާއްޖެ ގުޅުމުގެ ކުރިމަގު އުޖާލާ. ދިވެހީންގެ ހިތްތަކާއި ސިކުނޑިތައް އިންޑިއާއަކަށް ނުގެއްލޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި އިދިކޮޅުގައި ހުންނެވިއިރުގައި ވެސް ނަޝީދު ވަނީ އިންޑިއާއާ އެކު އެ ސަރުކާރުން ބޭއްވި ގުޅުން ދިފާއުކޮށްފައެވެ. އެ މަނިކުފާނު ދޭތެރެއަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާ ސަފީރާ ވެސް ބައްދަލުކުރައްވައެވެ.

https://sun.mv/184916

އާ ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަތިއްބެވެ. އެ މީހުން އަނބުރާ ގައުމަށް ފޮނުވައިލުމުގެ މަސައްކަތް ރައީސް މުއިއްޒު މިހާރު ވެސް ވަނީ ފައްޓަވައިފައެވެ. އެ މަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ.

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތް އިރު ހިންގި އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ "އިންޑިއާ އައުޓް"އަށް ވެސް ނަޝީދު މީގެ ކުރިން ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

ސަރުކާރު ބަދަލުވި ފަހުން އިންޑިއާއާ އެކު ކުރީ ސަރުކާރުން ހަދާފައި އޮތް އަސްކަރީ އެއްބަސްވުންތައް ބާތިލުކޮށްފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް އިންޑިއާއަށް ސަނާ ކިޔައި ވާހަކަފުޅުތައް ދައްކަވަމުންނެވެ.

comment ކޮމެންޓް