ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތައިގައި އެދެނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވަން ނިންމަވާފައިވާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހު ހެނދުނު އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވައި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީ ހުކުރުގައި ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތައް ފަޅައިގެން ގޮސް، ޔާމީން ރޭ ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އެއަށް ފަހު، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ހަމަ ރޭ އެ މަނިކުފާނު ފެއްޓެވިއެވެ.

މަލީހު މިއަދު "ސަން"އަށް ވިދާޅުވީ، އާ ސިޔާސީ ޕާޓީގެ ނަން ރޭ ޔާމީން ފައިނަލް ކުރައްވާފައިވާ ކަމަށެވެ. އަދި، ލޯގޯ މިއަދު ހެނދުނު ފައިނަލްވެފައިވާ ކަމަށެވެ. އެކަމަކު، ޔާމީންގެ ޕާޓީގެ ލޯގޯއާއި ނަން ހާމަކުރާނީ އިދާރީ ކަންކަން ފުރިހަމަކޮށް، ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދިނުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޭ ވަނީ ނަން ފައިނަލް ކުރައްވާފައި. އަދި، މިއަދު ރައީސް ޔާމީން ވަނީ ލޯގޯ ފައިނަލް ކުރައްވާފައި،" މަލީހް ވިދާޅުވިއެވެ.

"މި ބަލަނީ އާދިއްތަ ދުވަހު މޯނިންގައި [ހެނދުނު] އިލެކްޝަންސް ކޮމިޝަންގައި އެދެވޭނެ ކަމަށް ޕާޓީ އުފެއްދުމުގެ ހުއްދައަށް،"

https://sun.mv/185133

ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީންގެ ބާރު ޕީޕީއެމުން ކެނޑިފައިވަނީ އެ ޕާޓީގެ ރައީސްކަމުގެ ދައުރުހަމަވުމާ އެކުގައެވެ. މިހާރު އެ ޕާޓީގެ އެންމެ އިސް ލީޑަރުން ގޮތުގައި ތިއްބެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައެވެ. އެގޮތުން، ޔާމީން ގުޅުއްވުމުން ރައީސް ފޯނު ވެސް ނުނަންގަވައި ކަމަށާއި ޕާޓީއާއި ސަރުކާރު ހިންގުމުގައި އެއްވެސް ވަރަކަށް އެ މަނިކުފާނުގެ ވިސްނުންފުޅާއި އިރުޝާދުފުޅު ނުހޯއްދަވައި ކަމަށް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ރޭ ވަނީ ތުހުމަތު ކުރައްވައިފައެވެ.

ޕީޕީއެމްގައި ޔާމީންގެ ބާރު ކުޑަވުމުން އެ މަނިކުފާނު އެންމެ ފުރަތަމަ ވަނީ ޕާޓީ ހިންގަން 13 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލާފައެވެ.

އެކަމަކު، ޝިޔާމާއި ޣައްސާން އިސްވެ ވަނީ އެ ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވީ މަލީހުގެ މައްސަލަ ބަލައި، އޭނާ ޕީޕީއެމުން ބޭރުކޮށްފައެވެ. މަލީހް ޕީޕީއެމުން ބޭރު ކުރިތާ ކުޑައިރުކޮޅެއް ފަހުން ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައިފައެވެ. އެއަށް ފަހު، މިހާރު ގެންދަވަނީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެ މަސައްކަތް ކުރެއްވި ނަމަވެސް ޔާމީން އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެންވެ، ސިޔާސީ ހަރަކާތްތަކުގައި އެ މަނިކުފާނަށް އަމަލީ ގޮތުން ހަރަކާތްތެރިވެ ނޫޅުއްވެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް އަދިވެސް ހައިކޯޓުގައި ކުރިއަށް ދާއިރު، ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ހޯއްދަވައިދެއްވިއެވެ. އެކަމަކު، ޔާމީން އަދިވެސް މުޅިން މިނިވަނެއް ނުވެއެވެ. އެ މަނިކުފާނު މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.

comment ކޮމެންޓް