ދެ ރައީސުން ހެއްދެވި ގޯސް ތިންވަނަ ރައީސް ހައްދަވަނީ؟

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/

ކޮއްކޯފުޅަކަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވައި، އާރާއި ބާރާ އެކު އުޅުއްވާ މަންޒަރު ބައްލަވަން ބޭބޭފުޅު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކަށް ކެތެއް ނުކުރެއްވުނެވެ. ވައްކަމާއި ފަސާދައިގެ ތުހުމަތު އަޅުވައި ޔާމީން ވެރިކަމުން ބޭލުމަށް ނުކުންނެވީ މައުމޫނެވެ. އެއަށް ފަހު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހިޔަނީގައެވެ. ކުޑައިރުއްސުރެ އޮތް ރަހުމަތްތެރިކަން އާއިލީ ގުޅުމަކަށް ވެސް ބަދަލު ވެފައިވާ އެ ދެބޭފުޅުންގެ ގުޅުން ގޯސް ނުވާނެ ކަމަށް އެތައް ހުވައެއް ރައްޔިތުން ކުރިމަތީ ކުރެއްވިއެވެ. ނަމަވެސް ޞާލިޙް ވެރިކަން ކުރައްވާތަން ބައްލަވަން ނަޝީދަކަށް ވެސް ކެތެއް ނުކުރެއްވުނެވެ. ބޮޑު ވަޒީރު ކަމޭ، ދަރަންޏޭ، ކޮރަޕްޝަނޭ ވިދާޅުވެ ޞާލިޙާ ދެކޮޅަށް ނަޝީދު ހަތިޔާރު ބެހެއްޓެވިއެވެ.

ވައުދުތަކަށް ވުރެން ގިނައިން "ރައީސް ޔާމީން" މި ލަފުޒު ބޭނުން ކުރައްވައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގިނަ ބަޔަކަށް ކުރެވުނު ސުވާލަކީ މި ދެ ބޭފުޅުންގެ ގުޅުން ގޯސްވާނީ ކިހާ ހިސާބަކުންތޯއެވެ. ގިނަ ބަޔަކަށް އެނގޭ ކަމެއް އޮތެވެ. ހަމަ ގައިމު ވެސް ގުޅުން ވަކި ހިސާބަކުން ގޯސްވާނެ ކަމެވެ. އެކަމަކު މިހާ އަވަހަށް އެކަން ވާނެ ކަމަކަށް އެކަކު ވެސް ހީކުރާނެ ހެނެއް ހިޔެއް ނުވެއެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން މިރޭ މިވަނީ ޕީޕީއެމް ދޫ ކުރައްވައި އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައެވެ.

https://sun.mv/185130

މާޒީގައި ކަން ހިނގާފައިވާ ގޮތާއި އަދި މިއަދުގެ ހާލަތަށް ބަލާއިރު މި ފެންނަނީ ދެ ރައީސަކު ކުރިން ހެއްދެވި ގޯހެއް ތިންވަނަ ރައީސް ހައްދަވާ މަންޒަރެވެ.

ޔާމީންގެ ވެރިކަމުގެ މެދަކާ ހިސާބުން އެ މަނިކުފާނާއި މައުމޫންގެ ގުޅުން ގޯސްވުމާ ހަމައަށް މައުމޫނަކީ ގައުމުގެ ޒައީމެވެ. ދީނީ ގޮތުން ލޯބިވާން ޖެހޭ ފަރާތްތައް ނެގުމަށް ފަހު ގިނަ ބަޔަކު އެންމެ ލޯބިވި ބޭފުޅާއެވެ. ގައުމުގައި އެންމެ ބަސް ވިކޭ، އެންމެ ނުފޫޒު ގަދަ ބޭފުޅާއެވެ. މައުމޫން އޭރު ހުންނެވީ އެ މަނިކުފާނު ވަކި އެއްޗެއް ވިދާޅުވެއްޖެ ނަމަ ގައުމުގެ ގިނަ ބަޔަކު އެކަމެއް ގަބޫލު ކުރާ ފެންވަރުގައެވެ. ދިގު ތިރީސް އަހަރުން ހޯއްދެވި އާރާއި ބާރުގައެވެ. ރަސްކަމެކޭ ނުކިޔަސް، ރަސްކަލެއްގެ ފެންވަރުގައެވެ. ނަމަވެސް ފަހުން ކަންވީ ގޮތް އެއީ އިބުރަތެކެވެ.

އެންމެ ފަހުން ޑީއާރުޕީ ދޫކުރައްވައި މައުމޫން އުފެއްދެވި ޕާޓީ ވެސް ގެއްލުނީއެވެ. ދަރިކަލުން ފާރިސް މައުމޫންގެ ނަމުގައި ރަޖިސްޓްރީ ކުރި ޕާޓީގެ ކޮންޓްރޯލް އޭރު ރައީސަކަށް ހުންނެވި ޔާމީން ނަންގަވައި ފާރިސް ލީ ޖަލަށެވެ. މައުމޫންގެ ފަހަތުގައި ތިބުމަށް ވުރެން ޕާޓީގެ ގިނަ އާއްމުން ނިންމީ ވެރިކަމުގައި ހުންނެވި ޔާމީން ކޮޅަށް އެރުއްވުމަށެވެ. މައުމޫނާ އެކު ތިއްބެވީ މަދު ބައެކެވެ. އެންމެ ފަހުން މައުމޫން ވެސް ޖެހުނީ ޖަލަށް ވަޑައިގަންނަވާށެވެ. އެ ހުރިހާ ކަމަކަށް ވުރެން މައުމޫނަށް ލިބިލެއްވި އެންމެ ބޮޑު ދެރައަކީ ސިޔާސީ ބާރުވެރިކަން ގެއްލުމެވެ. އެމްއާރުއެމް ނަމުގައި ޕާޓީއެއް އުފެއްދެވި ނަމަވެސް މިހާރު އެ ޕާޓީއަށް ގާނޫނީ އަދަދު ކަމަށްވާ 3000 މެންބަރުން ހަމަނުވެގެން އޮތީ އިލެކްޝަންސް ކޮމިޝަނުން އުވާލައިފައެވެ. މައުމޫންގެ ތާއީދާ އެކު އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށް ނުކުންނެވި ދަރިކަލުން ފާރިސްއަށް މުޅި ރާއްޖެއިން ލިބިލެއްވީ ތިންހާހެއްހާ ވޯޓެވެ. ރަސްކަލެއްގެ ފެންވަރުގައި ހުންނެވި މައުމޫންގެ މިއަދުގެ ސިޔާސީ ހަގީގަތަކީ އެއީއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ޑރ. މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް

ރައީސް ނަޝީދަށް ބަލާއިރު އެ މަނިކުފާނަކީ ކުރިން މައުމޫނަށް ތާއީދު ނުކުރާ އެހެން އެންމެންގެ ހިތްތަކުގެ ރައީސެވެ. ނަމަވެސް ޝާލިޙްގެ ވެރިކަމުގައި އެ މަނިކުފާނާ ދެކޮޅަށް ތެދުވުމުން ނަޝީދު ވެސް ޖެހުނީ ހަމަބިމަށް ފައިބާށެވެ. ނަޝީދުގެ ފޮޓޯފުޅު ޖައްސަވައިގެން މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރި ގިނަ މެންބަރުން ވެސް ނަޝީދު ދޫކުރައްވައި ޞާލިޙްގެ ފަޅިއަށް އެރުއްވިއެވެ. އެންމެ ފަހުން ޞާލިޙާ ވާދަކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ވެސް ނަޝީދަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. އެއްގޮތެއް ނުވިއްޔާ، އަނެއް ގޮތަކުން ޕާޓީ ހޯއްދެވޭތޯ ނަޝީދު އުޅުއްވިއެވެ. ނަމަވެސް މުޅިން ކޮޅު ބަންދުވުމުން ނަޝީދަށް ވެސް ޖެހިވަޑައިގަތީ އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއެއް އުފައްދާށެވެ. ކުރިން ލައްކައިން މަތިން ވޯޓު ހޯއްދެވި ނަޝީދު އިސްކޮށް އުފެއްދެވި ޑިމޮކްރެޓްސްގައި އަދި ތިބީ އެންމެ 3280 ވޯޓެވެ. މުޅި ރާއްޖެއަށް ދަތުރުކޮށްގެން ނަޝީދު ރިޔާސީ އިންތިޚާބަށް ނެރުއްވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 15000 އެއްހާ ވޯޓެވެ. އެމްޑީޕީގެ ގިނަ އާއްމުންނަށް ވެސް ނަޝީދަށް ވުރެ ފަހުން މުހިންމުވީ ޞާލިޙެވެ.

ޔާމީނަށް އޮތީ ކޮން ގޮތެއް؟

މަސް ދާނީ ފެން އޮތްތާކަށެވެ. ރާއްޖޭގެ މި ފަހުގެ ސިޔާސީ ހަގީގަތަކީ ވެސް އެއީއެވެ. މޮޅު ވަނީ މުޅިން ވެސް ރައީސް ކަމުގައި ހުންނަވާ ބޭފުޅެކެވެ. ވަޒީފާއާއި ޕްރޮޖެކްޓާއި އެހެނިހެން ކަންކަން ވެސް ފަހިކޮށް ދެވޭނީ ސަރުކާރުގެ އިސްވެރިޔާއަށް ކަމަށްވާތީއެވެ. އެހެންކަމުން ޔާމީނާއި ރައީސްގެ މުއިއްޒުގެ ކުރިމަތިލުން ވެސް ފެންނަ ފެނުމަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރައްވާނީ ރައީސް މުއިއްޒެވެ.

ރައީސް މުއިއްޒުގެ ކެބިނެޓާއި އިސް މަގާމުތަކަށް ބަލާއިރު އެންމެ އިސްކޮށް އެ ތިއްބެވީ މި ފަހުން ޔާމީންގެ ސިޔާސީ ހަޔާތުގައި އެންމެ މުހިންމު ބޭފުޅުންނެވެ. ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲއާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ބެލި ނަމަވެސް މިކަން ވަރަށް ސާފެވެ. އެ ބޭފުޅުން އެ ތިއްބެވީ ރައީސް މުއިއްޒާ އެކު ސަރުކާރު ކުރިއަށް ގެންދިއުމަށްޓަކައެވެ. އަދި އެހެން މަގާމުތަކަށް ބެލި ނަމަވެސް ކަން އޮތީ މިގޮތަށެވެ. ޕާޓީގައި ނަގާ ކިޔާ އެންމެން ކަހަލަ ގޮތަކަށް އެދަނީ ސަރުކާރުގެ ތެރެއަށް ވަންނަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު:--

"ކޮންމެ ގޮތެއް ވިޔަސް ވެރިކަމުގެ ގޮނޑީގައި އިންނަވާ ބޭފުޅާއަށް އޮންނާނެ އެތައް ބާރެއް. ފަސް އަހަރު އެވީ އާއްމު މެންބަރުން ވެސް މަގުމަތީގައި. ދެން އަނެއްކާ ފަސް އަހަރު މަގުމަތީގައި ތިބޭކަށް ބޭނުމެއް ނުވާނެ ދެއްތޯ؟ އެހެންވީމަ ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނެ،" ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

"އަނެއްކޮޅުން ރައީސް ޔާމީން އެހާ ހަރުކަށި އެވީ މާ އަވަހަށް. ރައީސް ޔާމީނަށް އާއްމުންގެ ލޯބި ލިބުނީ ރައީސްކަމުގައި ހުރީމައި. ބާރު ހުރީމަ. މިހާރު އެ ބާރެއް ނެތް. ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ދެއްވަން ޖެހޭ. މި އަމަލު ހިޔެއްނުވޭ އާއްމު މެންބަރުން ވެސް ބަލައި ގަންނާނެ ހެނެއް. މިހާ އަވަހަށް މި ގޯސް ހެއްދެވީމައި،"

ޔާމީނާ އެކު އާ ސިޔާސީ ޕާޓީއެއް އުފައްދަވައި މަސައްކަތް ކުރަން އިސްކޮށް ތިއްބެވީ އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިސްކޮށް އުޅުއްވީ ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދާއި މުޙައްމަދު މަލީހް ޖަމާލެވެ.

"ޖަމީލުމެން މަލީހްމެންނަށް ސިޔާސީ މައިދާނުން ފުރުސަތު އޮތް ކަމަކަށް ނުފެނޭ. ހާއްސަކޮށް ރައީސް ޔާމީން ދެކެ ހަގީގީ ލޯބިވާ ސަޕޯޓަރުންގެ ހިތަކުން ވެސް ނުފިލާ އެ ބޭފުޅުން ޔާމީންގެ ބޮލުގައި އެޅުއްވި ބަދުނާމުތައް،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

ކޮންމެ ގޮތެއް ވިޔަސް ސަރުކާރުގެ މިހާ ޅަފަތުގައި މިހާ ބޮޑު ގުޑުމެއް ސިޔާސީ ގޮތުން ގުޑުމަކީ ސަރުކާރު ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވާނެ ކަމެކެވެ. ކުރިއަށް މަޖިލިސް އިންތިޚާބު އޮތުމަކީ އަދި ވަރަށް ބޮޑު ހާސް ކަމެކެވެ. ނަމަވެސް ރައީސް މުއިއްޒަކީ ސިޔާސީ ގޮތުން ވަރަށް ތޫނުފިލި ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯއްދެވި ގޮތުން ވެސް އެކަން ސާފުވާނެއެވެ. އަދި ޔާމީން އެތައް ޕްލޭނެއް ގެންގުޅުއްވަނިކޮށް އަދި އެންމެ ފަހުން އިންތިޚާބު ބޮއިކޮޓް ކުރުމަށް ސީދާ ޔާމީން ވިދާޅުވެފައިވަނިކޮށް މުޅި ޕާޓީ ހޯއްދަވައި ރައީސް މުއިއްޒު އިންތިޚާބުގައި ވާދަކުރެއްވި ގޮތާއި އިންތިޚާބު ކާމިޔާބު ކުރެއްވި ގޮތުން ވެސް މިކަން ޔަގީން ވާނެއެވެ. އެއީ އަދި މާބޮޑު އާރެއް ބާރެއް ނެތި ކުރި ހޯއްދެވި ގޮތެވެ. އެހެންކަމުން ރައީސްކަމުގެ މަގާމުގައި ހުންނަވައި ކުޅުއްވައި ކުރި ހޯއްދަވަން ރައީސް މުއިއްޒަށް މާ ފަސޭހަފުޅު ވާނެއެވެ.

ކުރިން ސިޔާސީ ދާއިރާގެ މެދު އުޑުގައި ފިޔަ ޖައްސަވަމުން ގެންދެވި ރައީސް މައުމޫނާއި ރައީސް ނަޝީދު މިއަދު އެ ހުންނެވީ ހަމަ ބިމުގައެވެ. މިރެއާ ހަމައަށް ރައީސް ޔާމީނަށް ކިތަންމެ ތާއީދެއް އޮތްނަމަ ވެސް ފެންނަ މަންޒަރަކީ ދެ ރައީސުން ހެއްދެވި ގޯސް ތިންވަނަ ރައީސް ހައްދަވާތަނެވެ. ބަލަން ތިބެމާ ހިނގާށެވެ.

comment ކޮމެންޓް