ވެރިކަމަށް ހަފުތާއެއް: ޔާމީން ފެކްޝަނުން ރައީސްގެ އިސްތިއުފާއަށް ގޮވާލައިފި

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ޑރ. މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެލެއްވިތާ ހަފުތާއެއް ނުވެ، ޕީޕީއެމް/ޕީއެންސީގެ އެތެރޭ ކޯޅުންތައް ފަޅައިގެން ގޮސް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފެކްޝަނުން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

އެތެރޭ ކޯޅުންތައް ފަޅައިގެން ގޮސް ޔާމީން މިރޭ ވަނީ ޕީޕީއެމްގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ. އެ މަނިކުފާނު ވަނީ އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައެވެ.

މިރޭ ޕީޕީއެމުން ވަކިކުރި ކުރީގެ ސައިންސް މިނިސްޓަރު އަދި މިހާރު ޔާމީނާ އެކު އެންމެ އަރިސްކޮށް ސިޔާސީ މަސައްކަތް ކުރައްވާ އެއް ބޭފުޅާ ކަމަށްވާ މުހައްމަދު މަލީހު ޖަމާލް ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ ލެޖިޓިމެސީ ގެއްލިފައިވާ ކަމަށެވެ. އެހެންވެ، އޭނާ ވަނީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ގޮވާލައްވައިފައެވެ.

"ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ނުކުރެއްވި. ވެރިކަމަށް ވަޑައިގަތް ހުސް ގޮނޑި ހަދާން ނެތިއްޖެ. ޑރ. މުއިއްޒުގެ ވެރިކަމުގެ ލެގިޓިމަސީ ގެއްލިއްޖެ. ވަގުތުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލަން،" މަލީހު ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރެއްވީ ރިޔާސީ ކެމްޕޭން ތެރޭ ބޭއްވި ޖަލްސާތަކުގައި ޔާމީންގެ ނަންފުޅު ޖައްސަވާފައި ރައީސް މުއިއްޒު އަރިހުގައި ބެހެއްޓެވި ހުސް ގޮނޑިއަށެވެ. ވެރިކަމަށް ހޮވިވަޑައިގެން ފަހުން، އެ ހުސްގޮނޑި ބެހެއްޓުން ވަނީ ހުއްޓައިލައްވައިފައެވެ.

ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ވަނީ ޕީޕީއެމްގެ ހިންގުމުގައި އެ މަނިކުފާނުގެ ލަފާފުޅު ނުހޯއްދަވާ ކަމަށް ވިދާޅުވެ، ޕާޓީ ހިންގަން 13 ބޭފުޅުންގެ ކޮމިޓީއެއް ނަންގަވައިފައެވެ. އެކަމަކު، އެއީ ގަވާއިދާ ހިލާފަށް އެކުލަވައިލި ކޮމިޓީއެއް ކަމަށް ނިންމައި ޕާޓީގެ ލީޑާޝިޕުން ވަނީ އެ މަސައްކަތުގައި އިސްކޮށް އުޅުއްވި މަލީހު ޕާޓީން ބޭރުކޮށްފައެވެ.

އަދިވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވަނީ އާ ޕާޓީއެއް އުފައްދަވައިގެން ސިޔާސީ މަސައްކަތް ކުރަން ނިންމަވައިފައެވެ. މި ކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

https://sun.mv/185130

ޔާމީން އަދިވެސް ގެންދަވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދަށު ކޯޓުން އެ މަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތުމުން އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ކުރީ ސަރުކާރުން ވަނީ ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ދީފައެވެ. މިހާރު އެ މަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގެކޮޅުގައި ހުންނަވައިގެން، ބޭރަށް ވެސް ވަޑައިގެންނެވޭ ގޮތަށް ގިނަ ލުއިތަކެއްގެ ދަށުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ފުރަތަމަ ވާދަކުރައްވަން ނިންމެވީ ޔާމީނެވެ. އެކަމަކު، ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމުން ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމެވީއެވެ.

އެކަމަކު، ރައީސް މުއިއްޒަށް ޓިކެޓު ލިބިވަޑައިގެން ފަހުން ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވައިފައެވެ.

ޔާމީންގެ އެންގެވުމާ ދެކޮޅަށް އޭރު ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ނިންމީ ރައީސް މުއިއްޒާ އެކު ކުރިއަށް ދާށެވެ. ޔާމީން، ރައީސް މުއިއްޒަށް ތާއީދު ކުރެއްވީ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނަށް ވެސް ވަޑައިގެންނެވި ފަހުންނެވެ.

comment ކޮމެންޓް