މަޖިލީހަށް ކުރިމަތިލަންތަ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް

ދޭދޭ ދެމީހުންގެ ތެރޭގައި މިދުވަސްކޮޅު އެންމެ ޢާއްމު މަޢުލޫއަކަށް ވެފައި މިވަނީ ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލާ ފަރާތްތަކާ ގުޅޭގޮތުން އުފެދޭ ސުވާލުތަކެވެ.

ދިވެހި ޖުމްހޫރިއްޔާގެ އައު ބާބެއް ފެށިގެން ދިޔައިރު، މުޅިން އަލަށް ވަޒީރުންގެ މަޖިލިހަށް އައްޔަން ކުރެވިފައިވާ ފަރާތްތަކާއި، އެކަމުގެ ގިނަ ތަޖުރިބާތައް ޙާސިލްކޮށްފައިވާ، އެހެނިހެން ދައުރު ތަކުގައި ވަޒީރުކަން ކުރެއްވި ފަރާތްތައް އަދި ތަޢުލީމީ ގޮތުން ވަރަށް އެކަށީގެން ވާ ފަރާތްތަކާއި ދާއިރާއިން ތަޖުރިބާ މަދު ފަރާތްތައްވެސް އެކުލެވޭނެހެން ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލިސް މިވަނީ ޢިޢުލާން ކުރެވިފައެވެ.

ކުރިޔަށް އޮތީ މި ފަރާތްތަކަށް މަޖިލީހުގެ ރުހުން ހޯދުމުގެ މަރުޙަލާއެވެ. އަދި ހަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޖިލީހުގެ އައު އިންތިޚާބީ ދައުރުގެ ފެށުމެވެ.

މި ދުވަސްވަރަކީ އަނެއްކާވެސް ރައްޔިތުންގެ އިޙްސާސްތަކާ ކުޅެލައި، އައު މޫނުތަކެއް މަޖިލިހަށް ވާދަކުރުމަށްޓަކައި ކެމްޕޭނުގެ ޙަރަކާތްތައް ފެށިފައިވާ ދުވަސްކޮޅު ކަމުން، ރައްޔިތުންގެ ވިންދު ވީހައިވެސް ކައިރިން ގިނަބަޔަކަށް ބަލަން މަޖުބޫރުވެފައިވާ ދުވަސްކޮޅެކެވެ. ސުވާލަކީ މަޖިލީހަށް ކުރިމަތިލަނީ، ކިހައިވަރަކަށް ނަފްސާނީގޮތުން ޒިންމާނެގުމަށް ތައްޔާރުވެގެންތޯ އާއި، މަޖިލީހުގެ ތަޅަމުގައި ފައިއެޅުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މެމްބަރުންގެ ޒިންމާ ކިހައި މިންވަރަކަށް އެނގިގެން ތޯއެވެ؟

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ތިންވަނަ ބާބުގެ 73ވަނަ މާއްދާގައި މަޖިލިސް މެންބަރަކަށް ވުމުގެ ޝަރުތުތަކެއް ކަނޑައެޅިފައި ވެއެވެ. އަދި މި މާއްދާގެ (ހ) ގެ 5 ގައި މެންބަރަކަށް ވުމުގެ ޝަރުތެއްގެ ގޮތުގައި "ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން" ހިމެނިފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް މިފަރާތްތަކާ މަތިކޮށްފައި ވާތީއެވެ.

މިހައިތަނަށް މަޖިލީހުގެ ތަޅަމުގައި ފައިތިލަ ސާބިތުކޮށްގެން ރައްޔިތުންނަށް ނަމޫނާ ދައްކައި ޚިދުމަތްކޮށްދިނުމަށް ތިއްބެވީ މި ޝަރުތު ހަމަވެގެން މަޖިލިހަށް އިންތިޚާބުވެފައިވާ ފަރާތްތަކެއް ކަމަށް ރައްޔިތުން ގަބޫލުކުރާނެތާއެވެ! ކުރިޔަށް އޮތްތަނުގައި ވެސް މަޖިލީހަށް އަންނާނީ ބުއްދި ހަމައަށް ހުރި މެމްބަރުންކަމަށް ރައްޔިތުން ގަބޫލުކުރާ ފަރާތްތަކެއްކަން ޔަގީނެވެ.

ހަމަ މިބާބުގެ 75 ވަނަ މާއްދާގައި މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރަންވީ ކަންކަމުގެ ގޮތުގައި "މަޖިލިހުގެ މެންބަރުން ޢަމަލުކުރަންވާނީ ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާއި ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި މުޅިޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތް ކުރަންވާނެއެވެ". މިގޮތަށް ކަނޑައަޅައިފައި ވެއެވެ. ބޮޑުސުވާލަކީ މިއެވެ. ދާއިރާ ތަމްސީލުކުރުމުގައި މަޖިލިސް މެންބަރުންގެ ޒިންމާ އަދާކުރެވޭ މިންވަރު އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފެންނާނީ ރައްޔިތުންނަށެވެ.

މަޖިލީހަށް ދާއިރާ ތަމްސީލުކޮށްދޭން މެންބަރަކު ހޮވުމުން ދާއިރާއަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރިއެރުމެއް އައިސްފައި ވޭތޯއެވެ؟ ނުވަތަ ކުރިއެރުން އަންނަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކުގެ ތެރެއިން ތޯއެވެ؟ ރައްޔިތުން ވިސްނާ ފިކުރުކުރަންވީ ވަގުތު އައިސް މިއޮތީ ކުޑަތަންވެފައެވެ. ދާއިރާގެ ވަކި ވަކި ފަރުދުންނަށް ލިބޭ ކުރިއެރުމާއި ދާއިރާއަށް ލިބޭ ކުރިއެރުމަކީ ހާސް ތަފާތު ފެންނާނޭ އަދި އޭގައި ތަފާތު ރަހަތައް އެކުލެވޭ ކަންކަމެވެ.

ވޭތުވެދިޔަ ފަސް އަހަރު މަޖިލީހުގެ ގޮނޑީގައި އިންނަވައިގެން މެންބަރުގެ ޒިންމާ ފުރިހަމަޔަށް އަދާކޮށްދީފައި ވާނަމަ ދެވަނަ ދައުރެއް ދިނުމަކަށް އެއްވެސް ރައްޔިތަކު ފަހެއް ނުޖެހޭނެއެވެ. ނަމަވެސް މަތިކޮށްފައިވާ ޒިންމާ އާއި ޢަމަލާ ދިމާވޭތޯ ކަނޑައަޅާނީ ރައްޔިތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ، ދާއިރާގެ ރައްޔިތަކު ރާއްޖެއިން ބޭރަށް ޞިއްޙީ ޚިދުމަތަކަށް ފޮނުވުމަށް ޑޮލަރުކޮޅެއް ހޯދައި ދިނުމެއް ނޫނެވެ. ރައްޓެއްސެއްގެ ދަރިޔަކަށް ވަޒީފާއެއް ހޯދައި ދިނުމުގައި ނުފޫޒު ފޯރުވުމެއްނޫނެވެ. އަދި އެކުވެރިންގެ ކުޅިވަރު މުބާރާތްތައް ސްޕޮންސާ ކޮށްދިނުމެއްވެސް ނޫނެވެ. މިފަދަ ކޮންމެ ކަމަކަށްވެސް އެހީ ލިބޭނޭ އިންތިޒާމްތައް ދިވެހިރާއްޖޭގައި ފުރިހަމަ ނިޒާމެއްގެ ތެރެއިން ފަރުމާ ކުރެވިފައި ވެއެވެ. މިކަންކަމުގެ މަޢުލޫމާތު ހޯދުމަކީ ފަރުދީ ޒިންމާއެކެވެ.

މަޖިލީހަށް އެންމެ އެކަށީގެންވާ ފަރާތަކީ ރަށުގެ އެންމެ ފައިސާ ވެރި މީހާއެއް ނޫނެވެ. ނުވަތަ ފައިސާ ހުރި މީހާ ކޮންޓްރޯލްކުރާ މީހާއެއް ވެސް ނޫނެވެ. އަދި އެންމެ އަޑުގަދަ މީހާއެއް ވެސް ނޫނެވެ. އެ ދުވަސް ފަހަނަ އަޅައި ހިގައްޖެއެވެ.

މެންބަރުންނަށް ސަލާން ޖެހުމާއި، ތިމާ އެދޭ ކަމެއް ޙާޞިލްނުވުމުން މެންބަރުންގެ އަބުރު ކަތިލުމަކީ ނާތަހުޒީބީ ޢަމަލެކެވެ. މެންބަރުންނަށް ވެސް ލިބޭނީ އެ ފަރާތަކާ މަތިކޮށްފައިވާ ޒިންމާއަށް އެކަށީގެންވާ މުސާރައަކާއި ޢިނާޔަތެވެ. ހަމަ އެފަދައިން ޢާއްމު ރައްޔިތުންނަށްވެސް އެމީހެއްގެ ޒިންމާއަށް ކަނޑައެޅިފައިވާ މުސާރައެވެ. ރައްޔިތުން މިކަމާވެސް ވިސްނަވާށެވެ!

ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ޤައުމަކަށްވެފައި ރައްޔިތުންނަށް އެންމެ އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ހޯދޭނެ އިންތިޒާމްތައް ދުވަހެއް ދުވަހަކަށް މިއަންނަނީ ފަހިވަމުންނެވެ. ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުންނަ ނުކުޅެދުންތެރިކަމާއި، އެކަންކަން ހައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ދޭތެރޭ ވިސްނައި ފިކުރުކޮށް، މިކަންކަން ޙާސިލްކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްދެވެނޭފަދަ ޤާބިލު ބޭފުޅުން މަޖިލީހަށް އިޚްތިޔާރުކުރުމަކީ ރައްޔިތުންގެ ޒިންމާއެކެވެ.

ވިސްނަންވީ ލިބޭ ވަގުތީ ފައިދާއަކަށް ނޫނެވެ. ނުވަތަ ވަގުތުގައި ލިބޭ ކުޑަފައިސާ ކޮޅަކަށްވެސް ނޫނެވެ. ކުރިޔަށް އޮތް ޖީލަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގައި ތިމާގެ ދައުރެއްވާކަމާއި އެ ދައުރުގެ މުހިއްމުކަމާދޭތެރޭ ވިސްނަވާށެވެ!

comment ކޮމެންޓް